އީރާނުން ނިއުކްލިއާ ހަތިޔާރު ނުހަދާ ކަމަށް ޖާސޫސީ އިދާރާއިން ބުނި ބުނުން ގޯސް: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ/އޭޕީ

އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފައްދާ ކަމަށާއި، އެ ގައުމުން ސަސްޕެންޑުކޮށްފައިވާ ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމް އަލުން ފަށަން އެންމެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ހުއްދަ ނުދެއްވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ޑިރެކްޓަރު އޮފް ނޭޝަނަލް އިންޓެލިޖެންސް، ތުލްސީ ގައްބާޑް ދެއްކެވި ވާހަކަފުޅަކީ ގޯހެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ، މާޗް 25 ވަނަ ދުވަހު ތުލްސީ ކޮންގްރެސްއަށް ދެއްވި ރިޕޯޓާ ގުޅުވައިގެންނެވެ.

އެ ރިޕޯޓާމެދު ޝައްކުވާ ކަމަށާއި، އީރާނުން މިހާރު އޮތީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ އެންމެ ފަހު މަރުހަލާގައި ކަމަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުން ނިއްކްލިއާ ހަތިޔާރު އުފައްދާ ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާއިން ބުނެފައިވާއިރު، އެކަމާ ގުޅޭގޮތުން ލިބިލައްވާފައި ވަނީ ކޮން ހެއްކެއްތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ އެހެންވެއްޖެނަމަ، ޖާސޫސީ އިދާރާ ގޯސް ކަމަށެވެ.

އޭގެފަހުން ތުލްސީ ވަނީ ޓްރަމްޕްގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ.

އެގޮތުން އެސަމްބްލީން ފާސްކޮށްފިނަމަ، އީރާން އޮތީ ހަފްތާ އެއް ނުވަތަ މަހެއްހާ ދުވަހުގެ ތެރޭގައި ހަތިޔާރު އުފެއްދިދާނެ ހާލަތެއްގައި ކަމަށާއި، ނަމަވެސް ރައީސް ޓްރަމްޕް ވަނީ އެކަން ނުކުރެވޭނެކަން ސާފުކޮށް ދަންނަވާފައި ކަމަށް ތުލްސީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ.

ނަމަވެސް އެ ޕޯސްޓަކީ އީރާނުން ހަތިޔާރު ނުއުފައްދާ ކަމަށް ކުރިން ތުލްސީ ވިދާޅުވި ވާހަކައާ ފުށުއަރާ ވާހަކައެއް ނޫނެވެ. އެމެރިކާގެ އެއްވެސް ޖާސޫސީ އިދާރާއަކުން އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާ ކަމަށް ނިންމާފައެއް ނުވެއެވެ.

އެމެރިކާގެ ރައީސަކު އެގައުމުގެ ޖާސޫސީ އިދާރާއާ ގުޅުވައި ފާޅުގައި އެފަދަ އިތުބާރު ނުކުރޭ ވާހަކަތެއް ވިދާޅުވުމަކީ މަދުން ދިމާވާ ކަމެއް ކަމަށާއި އެއީ އީރާން އިސްރާއީލު ހަނގުރާމައިގައި އެމެރިކާއިން ބައިވެރިވާކަމުގެ ހެކި ފޮރުވަން ޓްރަމްޕް ކުރައްވާ ކަމެއް ކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ އަލް ޖަޒީރާގެ މަރްވާނާ ބިޝާރާ ވިދާޅުވިއެވެ.

ހަނގުރާމައަށް އެމެރިކާ ވަނުމާމެދު ގޮތެއް ނިންމުމަށް ދެން ބޭނުންވާނީ ދެ ހަފްތާ ކަމަށާއި އެ މުއްދަތުގައި ގޮތެއް ނިންމަވާނެ ކަމަށް ބުރާސްފަތި ދުވަހު ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ނިންމުމަށް ބަދަލު އައުން އެކަށީގެންވާ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް