ހިޒްބުﷲއިން ހަނގުރާމައިގެ ތެރެއަށް ނުވަންނަން ބުނެ އިސްރާއީލުގެ އިންޒާރެއް

އިސްރާއީލުގެ ދިފާއީ ވަޒީރު، އިސްރާއީލް ކަޓްޒް. ފޮޓޯ/ރޮއިޓާސް

އިސްރާއީލާއި އީރާނާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއަށް ނުވަނުމަށް ބުނެ، ލުބުނާނުގެ ހަތިޔާރު އެޅިޖަމާއަތް، ހިޒްބުﷲއަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް އިންޒާރު ދެއްވައިފިއެވެ.

އިސްރާއީލާ އީރާނާ ދެމެދު އަންނަނީ ހަމަލާތައް ބަދަލުކުރަމުންނެވެ.

"ހިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލް އޭނާގެ ކުރީގެ ވެރިންނަށް ލިބުނު ފިލާވަޅުތަކުން ދަހެއްނުކުރޭ،" ކަޓްޒް ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

"އިސްރާއީލަށް އިންޒާރުދޭ ޓެރަރިސްޓުންނަށް ދެން މާ ގިނަ ދުވަހެއް ނެތް. އެކަމަށް ސަމާލުވާތި،"

އިންޒާރާ ގުޅިގެން ހިޒްބުﷲއިން ނެރުނު ބަޔާނެއްގައި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ނާއިމް ޤާސިމް ވިދާޅުވީ، އެ ޖަމާއަތަކީ އަބަދު ވެސް އީރާނާ އެކު އޮންނާނެ ޖަމާއަތެއް ކަމަށެވެ. އަދި، އިސްރާއީލުގެ އަނިޔާވެރިކަމާ ކުރިމަތިލުމަށް އަމަލުކުރާނީ އެ މީހުންނަށް ފެންނަ ގޮތަކަށް ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

އިސްރާއީލާއި އީރާނުގެ ހަމަލާތަކަށް ހަފުތާއެއްވެފައިވާއިރު، ފާއިތިވެދިޔަ 24 ގަޑިއިރުތެރޭގައި އީރާނުގެ ވަރުގަދަ ހަމަލާތަކެއް އިސްރާއީލަށް ވަނީ އަމާޒުކޮށްފައެވެ. އޭގެ ތެރޭގައި ވެރިރަށް ތެލް އަވީވާއި ބަނދަރު ސިޓީ ހައިފާގައި ހުންނަ އަސްކަރީ އަދި ސިނާއީ މަރުކަޒުތަކަށް ދިން ހަމަލާތައް ހިމެނެއެވެ.

އިސްރާއީލުގެ ބިރް އައްސަބަޢުއަށް ވެސް ވަރުގަދަ ހަމަލާއެއް އީރާނުން ދީފައިވެއެވެ. އެ މިސައިލް ހަމަލާގެ ސަބަބުން އިމާރާތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ގިނަ އަދަދެއްގެ މީހުން އެ ހަމަލާގައި ޒަޚަމުވެފައިވާ ކަމަށް އިސްރާއީލުގެ ނޫސްތަކުން ބުނެއެވެ.

އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް އީރާނުގެ 639 މީހުން މަރާލައި، 1300 އަށް ވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމަށް އީރާނުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް