ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ހެޔޮކަމުގެ މަގަށް ރުޖޫއަވުން: ޚުތުބާ

މީހަކު ކުޑަކުއްޖަކާ އެކު ނަމާދު ކުރަނީ: ޚުތުބާގައި ހަނދާންކޮށްދިނީ ހިޖުރައިން ސަވާބާއި ދަރުމަ ލިބޭނީ ﷲއާއި ރަސޫލާއަށްޓަކައި ހިޖުރަ ކުރުމުންކަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޖުރައިގެ މާނައަކީ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ ފުޅާ މާނައެއް އޮތް ކަމެއްކަމަށާއި އެކަމުގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައްތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ، 'ހިޖުރައިގެ އިބުރަތްތަކުގެ ތެރެއިން' މި މައުޟޫގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، ހިޖުރައިގެ މަތިވެރި ޒިކުރާ ގުޅިފައިވަނީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި މަތިވެރި ހާދިސާއާ ކަމަށެވެ.

އަންނަ ހަފުތާގައި ހިޖުރީ އާ އަހަރު ފެށޭއިރު، ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނުމަކީ ކުރަން ޖެހޭ ކަމެއް ކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ބަޔަކު މިސްކިތެއްގައި ނަމާދުކުރުމަށް ފަހު މަޑުކޮށްލައިގެން -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ހިޖުރައިގެ މާނައަކީ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ ފުޅާ މާނައެއް އޮތް ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ވަނީ، އެކަމުގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައްތައް ދޫކޮށް ހެޔޮ ކަމުގެ މަގަށް ރުޖޫއަވުން ކަމަށް ބުނެފައެވެ.

މީގެ އިތުރުން، ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތައް ޢިބުރަތްތަކަކާއި ދަރުސްތަކެއް ވާކަން ޚުތުބާގައި ފާހަގަކުރިއެވެ. އެ ހިޖުރައިން ލިބޭ އަގުހުރި ފިލާވަޅެއްގެ ގޮތުން ޚުތުބާގައި ވަނީ، ދީނަށް ޓަކައި ޤުރުބާންވުން ކަމަށް ބުނެފައެވެ.

އެކަމުގެ މިސާލެއްގެ ގޮތުން، ޚުތުބާގައި ފާހަގަކުރީ ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވުމަށް ދަތުރުފެއްޓެވީ، އުފަންވެ ވަޑައިގެން ރަށާއި އާއިލާގެ ބޭފުޅުން އިސްލާމް ދީނުގެ ދިފާއުގައި ދޫކުރެއްވި ކަމެވެ.

މީހުންތަކެއް މިސްކިތައް އަރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މައްކާ ދޫކުރައްވައި ނުކުމެވަޑައިގަންނަވަމުން އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅު މުސްލިމުން ހަނދާންކުރާން ޖެހެއެވެ. (وَاللهِ، إِنَّكِ لَـخَيْرُ أَرْضِ اللَّهِ، وَأَحَبُّ أَرْضِ اللَّهِ إِلَى اللهِ، وَلَوْلَا أَنِّـيْ أُخْرِجْتُ مِنْكِ مَا خَرَجْتُ)[1] މާނައީ: "الله ގަންދެއްވައި ވިދާޅުވަމެވެ! ހަމަކަށަވަރުން ތިޔަ ބިމަކީ اللهގެ ޙަޟުރަތުގައި އެންމެ ހެޔޮކަން ބޮޑު އަދި اللهއަށް އެންމެ ލޮބުވެތިކަން ބޮޑު ބިމެވެ. އަދި ތިމަން ކަލޭގެފާނު ނެރެނުލެއްވުނު ނަމަ، ތިމަން ކަލޭގެފާނު ތިޔަ ބިމުން އެބަހީ މައްކާގެ ބިމުން ނުކުމެވަޑައެއްނުގަތީމުހެވެ." ޚުތުބާގައި ބުންޏެވެ.

ހިޖުރައިން އިތުރު ފިލާވަޅެއް ކަމަށް ޚުތުބާގައި ބުނީ، ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ އެ ކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ހަމަޖައްސައިފައި ވުން ކަމަށެވެ. އެގޮތުން، އަބޫބަކުރުގެފާނު ކުރެއްވި އެއް ކަމަކީ ހަތަރު މަސް ކުރީން ސިއްރިޔާތުގައި ދަތުރުފުޅުގެ ސަވާރީ ތައްޔާރުކުރައްވާން ފެއްޓެވުން ކަން ޚުތުބާގައި ފާހަގަކުރިއެވެ.

ހަމައެފަދައިން ހިޖުރައަށް ނުކުމެވަޑައިގަންނަވާ ރޭގައި އަލީގެފާނު ކީރިތި ރަސޫލާގެ ދާންކޮޅުގައި އަވަހާރަފުޅު ލެއްޕެވިކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

މީހުންތަކެއް ޚުތުބާ އަޑުއަހަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ސާބިތުކަމާ އެކު ދެމިތިބޭނޭކަން ފާހަގަކޮށް ޚުތުބާގައި ވަނީ، ހުރިހާ ވަގުތެއްގައި އިސްލާމް ދީނުގައި ތެދުވެރިކަމާ އެކު ތިބުމަށް އަޒުމު ކަނޑައަޅަން ނަސޭހަތްތެރިވެފައެވެ. އަދި، އުޚުރަވީ ހަޔާތް ބާއްޖަވެރި ކުރުމަށް މީސްތަނުންނަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

"މުސްލިމް އަޚުންނޭވެ! ހިޖުރައިގެ މި މަތިވެރި ޙާދިސާއަށް ފުން ނަޒަރަކުން އަހަރެމެން ބަލައިލާ އިރު، މި ޙާދިސާއިން އަހަރެމެންނަށް ގިނަގުނަ ޢިބުރަތްތަކެއް ލިބެއެވެ. ކަންކަމުގައި މާތް اللهއާ ވަކީލުކުރާންޖެހޭކަމީ، ހިޖުރައިގެ ޙާދިސާއިން އަހަރެމެންނަށް ލިބޭ ފިލާވަޅެކެވެ. މާތް اللهއާ ވަކީލުކުރުމަކީ އެއްވެސް ޙާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރައިލައިގެން ތިބުމެއް ނޫނެވެ. ވަކީލުކުރުމަކީ، ކަންކަން ކުރުމުގައި ލިބޭން ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، މާތް اللهގެ ޙަޟުރަތުން ރައްކާތެރިކަމާއި ތައުފީޤު ލިބޭނޭކަމަށް ޔަޤީންކޮށްގެން ހުރުމެވެ،" ޚުތުބާގައި ބުންޏެވެ.

ހިޖުރަވެރިޔާގެ ސަވާބާއި ދަރުމަ ލިބެނީ އެކަމުގައި ހިޖުރަވެރިޔާގެ ނިޔަތުގެ މައްޗަށް ކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ބައެއް މީހުން ދުނިޔަވީ ފާއިދާއެއް ހޯދުމަށް ނުވަތަ މީހަކާ ކައިވެނި ކުރުމަށް ވެސް ހިޖުރަކޮށް އުޅޭ ކަމަށާއި ސަވާބާއި ދަރުމަ ހުރި ހިޖުރަކަށް ވާނީ މާތް ﷲއާއި ކީރިތި ރަސޫލާއަށްޓަކައި ކުރި ހިޖުރައަކަށް ވާނަމަކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

comment ކޮމެންޓް