ރައްޔިތުންނަށް އުނދަގޫ ޖެއްސީމާ ރުޅި އަންނަންޖެހޭ: ޔާމީން

ޔާމީން: ވިދާޅުވީ، ޖަވާބުދާރީވާން ހުރި މުއައްސާތައް ހަލާކުކޮށްލީ ގަސްތުގައި، އެކަމާ ރުޅި އަންނަން ޖެހޭ ކަމަށް --- ފޮޓޯ: ދިޔަރެސް

މި ސަރުކާރުން ވެރިކަމަށް އައިސް ސަރުކާރު ޖަވާބުދާރީކުރުވަން ހުރި މުއައްސަސާތައް ހަލާކުކޮށްލައި، ރައްޔިތުންނަށް އުނދަގޫ ޖެއްސި ކަމަށާއި އެކަމާ ރުޅި އަންނަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، ބޮޑެތި ވާހަކަފުޅުތައް ދައްކަވައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ރައްޔިތުންނަށް އުނދަގޫ ޖެއްސީމާ އެކަމާ ރުޅި އަންނަންޖެހޭ ކަމަށެވެ.

އެއީ، ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެން މަޝްރޫއުތަކާއި މަސައްކަތްތައް 'ދިމާ އިދިކޮޅަށް' ރައީސް ކުރައްވާތީ ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. އަދި، ރައްޔިތުންގެ ބައިތުލްމާލުން ގެއްލޭ ފައިސާ ހޯދަން ރައީސް މުއިއްޒު ނޫޅޭ ކަމަށް ތުހުމަތުކުރައްވައި، ޔާމީން ވަނީ އެ ކަންކަމާ ރުޅި އަންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެ މަނިކުފާނު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދޭތެރޭ ވެސް އެ ވާހަކަތައް ދެއްކެވި ކަމަށެވެ. އެ ގޮތުން، ރައްޔިތުންގެ މައްސަލަތަކަށް 'ހައްލު އެބަހުރި' ކަމަށް ވިދާޅުވެ، ރައީސަކު އިންތިޚާބުވެގެން ކުރިއަށް ވުރެ ހާލަތު ބޮޑުވުމުން އެކަމާ ރުޅި އައުމުގެ ހައްގު އެބައޮތް ކަމަށް ޔާމީން ދެކެވަޑައިގަންނަވައެވެ.

ކަނޑު ފީނައިގެން ވެސް ހޯއްދަވާ ބައްލަވާ. މާލޭގެ ދެއްތޯ ސަރުކާރުގެ ގިނަ އޮފީސްތައް މިހުރީ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް ނުހުންނާނެ މާލެއަކު. އެ މީހުންގެ އޮފީސް ވީރާނާވެގެން ދެން ތިމަންނަމެން މަސައްކަތް ކުރާނީ އޮންލައިންކޮށޭ ކިޔާފައި އެންމެން އެތިބީ ގޭގައި. އެ މީހުން ބުނެފައި މި އޮންނަނީ ތިމަންނަމެންނަށް އޮފީހެއް ލިބޭނެ ކަމަށް އުންމީދުކުރަމޭ އޮކްޓޫބަރާ ހަމައިގައި، ކުރީގެ ރައީސް ޔާމީން

މީގެ އިތުރުން، ސަރުކާރު ޖަވާބުދާރީ ކުރުވެން އޮތީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ހަމައިން ކަމަށާއި އެ އޮފީހާ ހަމައަށް ނުގޮސް ވައްދާ މައްސަލަތައް މަދަނީ ކޯޓަކުން ބަލައިނުގަންނަނާނެކަން ޔާމީން ފާހަގަކުރެއްވިއެވެ.

ސުޕްރީމް ކޯޓު ހަލާކުކޮށްލީ. މުޅި ޖުޑިޝަރީ ހަލާކުކޮށްލީ. ޖަވާބުދާރީވާން ހުރި ހުރިހާ މުއައްސަސާތައް މި ހުރީ ހަލާކުކޮށްލާފައި. އެހެންވީމާ އެއީ ގަސްތުގައި ކުރާ ކަންތައް. މިއީ ހިންގާ ބޮޑެތި ޖަރީމާ. އެހެންވީމާ ރުޅި އަންނަންޖެހޭ، ކުރީގެ ރައީސް ޔާމީން

ސަރުކާރުން އެ ކަންކަން ފާޅުގައި ކުރަނީ ޑިމޮރެސީ 'ކޮރު'ކޮށްލަން ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.

އެ ޕާޓީން ރުޅިއައިސްގެން އުޅެނީ ސަރުކާރާ އޮންނަ ޒާތީކަމެއްގެ ސަބަބުން ނޫން ކަމަށާއި އެއީ ކަންކަން ގޯސްކޮށް ކުރާތީ ކަމަށް ޔާމީން ވިދާޅުވިއެވެ.

ގައުމު ބަނގުރޫޓުވެގެން ދަނީ އެފަދަ އެތައް ކަމެއް ސަރުކާރުން ކުރާތީ ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.

އެ މަނިކުފާނު ވާހަކަފުޅުދެއްކެވީ ކުރީ ސަރުކާރުތަކުން ހަދާފައި ހުރި ގޯސްތައް އަލަށް އިންތިޚާބުވާ ސަރުކާރަކުން ބަލަން ޖެހޭ ކަމަށެވެ. އެ ގޮތުން، އެ ކަންކަން ބަލަން ޖެހޭނީ ގައުމުގެ ޝަޚުސިއްޔަތު ދެމެހެއްޓުމަށްޓަކައިކަން ޔާމީން ފާހަގަކުރެއްވިއެވެ. ރައީސަކު އެކަން ނުކޮށްފިނަމަ، ޒިންމާއިން ބޮޑުތަނުން ރެކެނީ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން ވެރިކަމަށް އައި ޔާމީން ކުރިން އިސްވެ ހުންނެވި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެ މަނިކުފާނުގެ ތާއިދާ އެކެވެ. އެކަމަކު، ސަރުކާރަށް ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެ، ޕީއެންއެފް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ.

އެއަށް ފަހު އެ މަނިކުފާނު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ޔާމީން ވަނީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ވެސް އިއުލާނުކުރައްވައިފައެވެ.

comment ކޮމެންޓް