ހަތްވަނަ މާކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް (އެމްއެފްއެފްއެލްއައި) ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި، އެނބުރި މިއަދު ރާއްޖެއަށް ވަޑައިގެންފިއެވެ.
އެ ދަތުރުފުޅުގެ ތެރެއިން އެކަމަނާ ވަނީ، އިނީޝިއޭޓިވް ސަމިޓުގެ އިފުތިތާޙީ ސެޝަނާއި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ވާހަަކަފުޅު ދައްކަވާފައެވެ.
އެ ދަތުފުޅުގައި އިނީޝިއޭޓިވް ސަމިޓް އިފުތިތާހު ކުރުމުގެ ސެޝަނާއި ކޮމިޓީ ބައްދަލުވުމުގައި މެޑަމް ސާޖިދާ ތަގުރީރު ކުރެއްވިއެވެ.
އެ ތަގުރީރުތަކުގައި އިޖުތިމާއީ ގޮތުން ދިމާވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމާއި، އަންހެން ކުދިންގެ ތައުލީމަށް ވަކާލާތުކުރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ހުނަރު މަދުވެފައިވާ ދާއިރާތައް ކުރިއަރުވައި، އިންސާނީ ވަސީލަތްތައް އިތުރުކުރުމަށް ވަނީ ވަކާލާތުކުރައްވާފައެވެ.
މީގެ އިތުރުން، މި ސަމިޓުގައި މިދިޔަ އަހަރު ޓެންޒޭނިއާގައި ބޭއްވި "މާކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ"ގެ 11 ވަނަ އެޑިޝަނަށް ފަހު މާކް ފައުންޑޭޝަނާއެކު މިހާރު ކުރިއަށްދާ މަސައްކަތްތައް ކުރިއަށްދާ ގޮތް އެކަމަނާ ވަނީ ބައްލަވާލައްވާފައެވެ.