މިދިޔަ އަހަރުގެ މެއި މަހު ތެރޭ ޝޫޓިން ފަށާފައިވާ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"ގެ މަންޒަރުތައް ނަގާނެ ލޮކޭޝަނެއް ހަމަޖެހިފައިނުވާތީ ފިލްމުގެ ޝޫޓިން އެއްކޮށް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އަކްޝޭ ކުމާރުގެ އިތުރުން ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގެ ޝޫޓިން މެދުކެނޑިފައި އޮތީ ފިލްމަށް ފައިސާގެ ދަތިތަކެއް ކުރިމަތިވެގެން ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ނަމަވެސް، މި ފިލްމުގެ ޑައިރެކްޓަރު އަހުމަދު ޚާން ވަނީ އެއީ މުޅިން ދޮގު ޚަބަރުތަކެއް ކަމަށް ބުނެފައެވެ. އަހުމަދު ޚާން މީޑއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ވަރަށް ދިގު ދެ ޝެޑިއުލް މިހާރު ވެސް ނިމިފައިވާއިރު ފިލްމުގެ ތިންވަނަ ޝެޑިއުލްގެ ޝޫޓިން ކުރިއަށްގެންދަން ނިންމީ ކަޝްމީރުގައި ކަމަށެވެ.
އެ ޝެޑިއުލްއާ އެކު ފިލްމު ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގެނެވުނީސް ކަމަށް އަހުމަދު ޚާން ވަނީ ބުނެފައެވެ.
ނަމަވެސް، ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ ޕަހަލްގަމްގައި ހިނގި ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެ ޝެޑިއުލް ކެންސަލްކޮށް ފިލްމުގެ ކާސްޓުން ބޮޑު ބްރޭކެއްގައި ތިބޭތާ މިހާރު ދުވަސްތަކެއްވެފައިވާ ކަމަށް އަހުމަދު ޚާން ވަނީ ބުނެފައެވެ.

ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"އިން ފެންނާނެ ބައެއް ތަރިން--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމުގެ ތިންވަނަ ޝެޑިއުލްގެ ގިނަ މަންޒަރުތަކެއް ނެގުމަށް ހަމަޖެހިފައިވަނީ ހިންޓަލޭންޑްއާ އެއްގޮތް ލޮކޭޝަނެއްގައި ކަމުން ކްރޫއިން މިހާރު ތައްޔާރުވަމުން އަންނަނީ އިންޑިއާގެ ކުއްލޫ ނުވަތަ ހިމާޗަލް ޕްރަދޭޝްގައި ޝޫޓިން ކުރިއަށްގެންދަން ކަމަށް ފިލްމުގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.
މީޑިއާއަށް މައުލޫމާތު ދެމުން އަހުމަދު ޚާން ބުނީ 36 ފިލްމީ ތަރިން އެއްތަނަކަށް އެއް ތާރީޚެއްގައި އެއް ވަގުތެއްގައި ގެންދިއުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފިލްމަށް ފައިސާގެ މައްސަލަތަކެއް ކުރިމަތިވިކަމަށް ދެކެވެމުން އަންނަ ވާހަކައާ ގުޅިގެން އަހުމަދު ޚާން ބުނީ އެކަން ނުދެނެހުރި ކަމަށާއި ފައިސާއާބެހޭ ހުރިހާ މުއާމަލާތެއް ކުރިއަށްގެންދަނީ ފިލްމުގެ ޕްރޮޑިއުސަރު ފީރޯޒު ނަދިއަދުވާލާ ކަމަށެވެ.