މި އަހަރު ރިލީޒްކުރި އެކްޓަރު ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު"އަށް ފަހު އަލަށް މަސައްކަތް ފަށާ ސަލްމާންގެ ފިލްމުގެ ބަތަލާގެ ރޯލަށް ޗިތުރަންގްދާ ސިންގް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އަޕޫރުވާ ލާކިއާ ޑައިރެކްޓްކުރާ މިލިޓަރީ ޑްރާމާ މި ފިލްމުގެ ސަލްމާންއާ އެކު ޗިތުރަންގްދާ ފެންނާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނާއިރު މިއީ ދެ ތަރިން އެކީގައި މަސައްކަތްކުރާނެ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ ހަގީގީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ މިޑްޑޭގައި ވަނީ ބުނެފައެވެ.
މި ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ގާތް ފަރާތްތަކުން މިޑްޑޭގައި ބުނެފައިވަނީ ސަލްމާންއާ އެކު ބަތަލާ ޗިތުރަންގްދާ މި ފިލްމުގައި ފެންނާނީ ބަތަލާގެ ރޯލުންނެވެ. ބަތަލާ ޗިތުރަންގްދާ އަކީ ސަލްމާނަށްވުރެ 10 އަހަރު ހަގު ތަރިއަކަށްވީ ނަމަވެސް މިއީ ދެ ތަރިންގެ ކެމިސްޓްރީ ބެލުންތެރިންނަށް މާ ބޮޑަށް ވެސް ކަމުދާނެ ފިލްމެއް ކަމަށް މިޑްޑޭގައި ވަނީ ބުނެފައެވެ.

ބަތަލާ ޗިތުރަންގްދާ އެންމެ ފަހުން ކުޅުނު ވެބް ސީރީސް "ކާކީ: ދަ ބެންގަލް ޗެޕްޓާ"ގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
ސަލްމާންގެ ފިލްމު "ސިކަންދަރު"ގައި ބަތަލާގެ ރޯލުން ފެނުނު ރަޝްމިކާ މަންދަނާއާ ސަލްމާންގެ އުމުރުގެ ފަރަގު ބޮޑުކަމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ފިލްމަށް ވަނީ ރައްދުވެފައެވެ.
އެހެންނަމަވެސް، މި ފަހަރު ސަލްމާން މި ވަނީ އެކަން ރަނގަޅުކޮށްފައި ކަމަށާއި ޗިތުރަންގްދާ އަކީ މީގެކުރިން އެކްޓަރާ އެކު މަސައްކަތްކޮށްފައި ނެތް ބަތަލާއަކަށްވުމުން މިއީ މުޅިން ސްކްރީނަށް އާ ޖޯޑަކަށް ވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމު "ދޭސީ ބޯއިސް"، "އިންކާރު" "ހަޒާރޯ ހުވާއިޝޭ އެއިސީ" ފަދަ ފިލްމުތަކުން ފެނިފައިވާ ބަތަލާގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ މި މަހުގެ ހަ ވަނަ ދުވަހު ސިނަމާތަކަށް ގެނައި ފިލްމު "ހައުސްފުލް 5"އެވެ.