ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް ހަފުލާއެއް ބާއްވަން ކުރާ މަސައްކަތަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށާއި، އެ ހަފުލާ ރިޔާސީ ގަނޑުވަރު މުލިއާގެ ކައިރީގައި ބާއްވަން ޖެހިދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އުފެއްދުމުގައި ހަރަކާތްތެރިވެ، އެ ޕާޓީގެ ރައީސް ކަމުގައި އަހަރުތަކެއް ހޭދަކުރެއްވި ނަޝީދު 2023ގައި އެމްޑީޕީން ވަކިވެވަޑައިގަތީ އޭރު އޮތް އެމްޑީޕީގެ ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހެވެ. ދެ ބޭފުޅުންގެ ގުޅުން ގޯސްވެ، އޭރު ނަޝީދު ވަނީ އެމްޑީޕީ ސަރުކާރަށް ކޮރަޕްޝަނާއި އެކި ކަހަލަ ތުހުމަތުތައް ކުރައްވައިފައެވެ.
އެއަށްފަހު އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން ދަ ޑިމޮކްރެޓްސް އުފެއްދެވީއެވެ.
އެ ޕާޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި, ޑިމޮކްރެޓްސްގެ އެންމެން އެކީ އެނބުރި އެމްޑީޕީއާ ގުޅެން ގަރާރެއް ވަނީ ފާސްކޮށްފައެވެ. އެއާއެކު ޞާލިޙާއި ފައްޔާޒު ހިމެނޭ ގޮތަށް ޕާޓީގެ ލީޑާޝިޕާއި މެންބަރުން ވަނީ ނަޝީދަށް މަރުހަބާ ވިދާޅުވެފައެވެ.
ފައްޔާޒު މިރޭ އެެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ގިނަ ބަޔަކު އެ ޕާޓީއާ ގުޅުން ފާހަގަކޮށް މަރުހަބާ ދެންނެވުމަށް ހަފުލާއެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި ހަރަކާތްތައް ބޭއްވުމަށް ވެސް ތަނެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާއިރު މި ސަރުކާރުން އެކަމަށް ހުރަސް އަޅަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"މި ހަފުލާތައް ބޭއްވުމަށް މިހާތަނަށް ވެސް އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީ، މިހާރު ގަސްތު މިކުރަނީ ރައީސް މުހައްމަދު ނަޝީދުއަށް މަރުހަބާ ދެންނެވުމަށް 23 ޖޫން 2025 ދުވަހުގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެނަމަ، މުލީއާގޭ ކަންމަތީގައި ބޭއްވުމަށް،" ފައްޔާޒު ވިދާޅުވިއެވެ.
އެހެންވެ، އެ ޖަލްސާތަކާއި ހަފުލާތައް ބޭއްވުމަށް ސަރުކާރުން އިތުރު ތަނެއް ހަމަޖައްސައި ނުދޭނަމަ، އެމްޑީޕީއަށް ތާއިދުކުރާ އެންމެން އަންނަ ހޯމަ ދުވަހުގެ 21:00ގައި މުލިއާގޭ ކަންމައްޗަށް ދިޔުމަށް ދައުވަތު ދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެން ނިންމުމުން، ރޭ އެމްޑީޕީން ބޭއްވި ނުރަސްމީ ގައުމީ މަޖިލިސް ޖަލްސާގައި އެ ޕާޓީން ނިންމީ ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް ޕާޓީގައި ތިއްބެވި އެންމެހައި ބޭފުޅުން އަލުން އެމްޑީޕީއާ ގުޅެން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ.
އެމްޑީޕީ ބައިބައިވެ، ނަޝީދުގެ ވަފާތެރިން ޑިމޮކްރެޓްސް އުފެއްދީ މިދިޔަ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި އޮއްވައެވެ. އޭރު ނަޝީދާއި ޞާލިހާ ދެމެދު އެންމެ ބޮޑަށް ޖެހުނު އެއް މައްސަލައަކީ، ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ދެބޭފުޅުންގެ ހުރި ޚިޔާލުތަފާތުވުންތަކެވެ. ނަޝީދަކީ ބަރުލަމާނީ ނިޒާމަކަށް އަބަދުވެސް ވަކާލާތުކުރައްވާ ބޭފުޅެކެވެ.
އެއަށްފަހު ރިޔާސީ އިންތިޚާބުން ޞާލިޙް ނާކާމިޔާބުވިއިރު، ޑިމޮކްރެޓްސްގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ ހަތް ޕަސެންޓް ވޯޓެވެ.
އެ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން ވާހަކަފުޅުދައްކަވައިފައެވެ.