ހުޅުމާލޭގައި އަޅާ 4،000 ފްލެޓުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ފުލެޓުތަކުގެ މަސައްކަތް ރައީސް ބައްލަވަނީ: އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން ކަމަށް ސަރުކާރުން ބުނޭ -- ފޮޓޯ/ ރައީސް އޮފީސް

ކުރީ ސަރުކާރުން އާންމުކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިޔަށްދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓު އަޅަން އެފްޑީސީއާ ހަވާލުކުރީ މިދިޔަ އެމްޑީޕީ ސަރުކާރުގައެވެ.

ރައީސް އޮފީހުން ބުނީ އެ މަސައްކަތް ކުރިޔަށްދާ ސަރަހައްދަށް ރައީސް މިއަދު ވަޑައިގަތް ކަމަށެވެ. އެ ޒިޔާރަތުގައި މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވައި، އެ ކަމާގުޅޭ މައުލޫމާތު ރައީސް އޮޅުންފިލުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ހައުސިން ޔުނިޓު މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާ ގޮތް ރައީސް ބައްލަވައިލެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ފުލެޓުތައް ބައްލަވަން ވަޑައިގެންނެވިއިރު، އެ ފުލެޓުތައް ލިބޭނެ ކަމަށް ކުރީ ސަރުކާރުގައި އިއުލާންކޮށްފައިވާ މީހުންގެ ތެރެއިން ބައެއް މީހުންނަށް ފުލެޓު ނުލިބޭ ކަމަށް ހައުސިން މިނިސްޓްރީން އަންގަން ފަށައިފައިވާ ކަމަށް ބައެއް ނޫސްތަކުގައިވެއެވެ. އެގޮތުން އެގޮތަށް އަންގަނީ އެހެން މަޝްރޫއުތަކުން ފުލެޓު ލިބިފައި ތިބި މީހުންނަށް ކަމަށް އެ ނޫސްތަކުގައިވެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުލެޓު ލިސްޓު ނެރުނީ ނޮވެމްބަރު 4، 2023ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ.

އެހެންނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ.

އެއަށްފަހު މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިސްޓު ބެލުމަށްފަހު މިދިޔަ ފެބްރުވަރީ މަހު އިއުލާންކުރީ، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ.

ފުލެޓުތަކުގެ މަސައްކަތް ރައީސް ބައްލަވަނީ: އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން ކަމަށް ސަރުކާރުން ބުނޭ -- ފޮޓޯ/ ރައީސް އޮފީސް

އޭގެ ސަބަބަން، ފުލެޓް ކުރިން ލިބިފައި ތިބި މީހުންނަށް ފުލެޓެއް ލިބުމުގެ ފުރުސަތު ގެއްލުނު ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރިއެވެ. އެ މައްސަލައިގައި ފުލެޓް ގެއްލުނު މީހުންނަށް ބަދަލު ހޯދަން ކޯޓަށް ދެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ފުލެޓު ލިސްޓާ ގުޅޭ ގޮތުން ސަރުކާރަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް މިދިޔަ މަހުގެ 29ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު އަަބްދުﷲ މުއްތަލިބު ވިދާޅުވީ، މި ސަރުކާރުން ފުލެޓު ދޭ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023ގައި ނެރެފައިވާ ލިސްޓު ކަމަށާއި، އޭގެ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށެވެ.

https://sun.mv/206666

އޭނާ ވިދާޅުވީ އެ ލިސްޓުގައި ފުލެޓަށް ޝަރުތު ހަމަނުވާ މީހުން ތިބި ކަމަށާއި އެ މީހުންނަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދިނުމަށް، ޝަކުވާ ބެލުމުގެ ހުރިހާ މަރުހަލާތަކެއް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ފުލެޓު އަތުލަން ޖެހޭނަމަ އަތުލާނީ އެއަށްފަހު ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައި ކަމަށާއި، އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން ކަމަށެވެ. އަދި ޖުލައި މަހު މީހުންނާ ފުލެޓު ހަވާލުކުރަން ފަށައި، ސެޕްޓެމްބަރު މަހަށް އެ މަސައްކަތް ވެސް ނިންމޭނެ ކަމަށް އުއްމީދު ކުރާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

comment ކޮމެންޓް