ސަން ސިޔާމް ގުރޫޕުގެ 35 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ލޭ ހަދިޔާކުރުމުގެ ހަރަކާތް ސަން ސިޔާމް ވިލުރީފްގައި މިއަދު ބާއްވައިފިއެވެ.
ސަން ސިޔާމް ގްރޫޕުގެ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް އަންނަނީ ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބާއްވަމުންނެވެ. އެ ގޮތުން، މި އަހަރުގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް ފެށީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އޮޅުވެލިންނެވެ.
ދެވަނަ ހަރަކާތް މިދިޔަ މަހު 29 ގައި ސަން ސިޔާމް އިރުވެލި ރިސޯޓުގައި ބާއްވައިފައިވާއިރު, ތިން ވަނަ ހަރަކާތް ބޭއްވީ އިރުފުށީގައި މިމަހުގެ އަށް ވަނަ ދުވަހެވެ.

ވިލުރީފްގައި ލޭ ހަދިޔާކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ
މިއަދު ވިލުރީފްގައި ލޭ ހަދިޔާކުރުމުގެ ހަރަކާތް ފެށީ އެކަމަށް ޚާއްސަ ރަސްމިއްޔާތަކުންނެވެ. އެ ރަސްމިއްޔާތުގައި ރިސޯޓުގެ މެނޭޖުމަންޓުގެ އިސްވެރިންނާއި ވިލުރީފްގެ ރިސޯޓު މެނޭޖަރު ތޯހާ ޔޫސުފް ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ސަން ސިޔާމް ވިލުރީފްގެ އެޗްއާރު މެނޭޖަރު އަހުމަދު ހަމްދާން ހަސަން ވިދާޅުވީ، ލޭ ހަދިޔާ ކުރުމުގެ ހަރަކާތަށް މަރުހަބާ ވިދާޅުވުމަކީ ލިބިލައްވާ ބޮޑު އުފަލެއް ކަމަށެވެ. އެގޮތުން، ލޭ ހަދިޔާކުރުމުގެ ހަރަކާތުގައި އެންމެން ބައިވެރިވީ ބައެއްގެ ފުރާނަ ސަލާމަކޮށް ދިނުމުގެ ނިޔަތުގައިކަން ހަމްދާން ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ހަދިޔާ ކުރާ ކޮންމެ ލޭ ތިއްކަކީ މީހެއްގެ ދިރިއުޅުމަށް ދެވަނަ ފުރުސަތެއް ދިނުމަށް ބާރު އަޅާކަމެއް ކަމަށެވެ. އަދި ހަމްދާން ވަނީ އެމްބީއެސްއާއި ސަން ސިޔާމް ގުރޫޕުގެ ހެޑް އޮފީސް ޓީމާއި ވޮލެންޓިއަރުން ގުޅިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތް ކުރިއަށް ގެންދާ ކަމަށް ޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ވިލުރީފްގައި ލޭ ހަދިޔާކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ
ސަން ސިޔާމް ގުރޫޕްގެ އެނިވާސަރީ ބްލަޑް ޑޮނޭޝަން ކޭމްޕުގެ ކޯޑިނޭޓަރު އައްޒަ ހަމީދު އެ ރަސްމިއްޔާތުގައި ވަނީ، ތެލެސީމިއާ ހުންނަ، ނުވެސް ދަންނަ މީހުންނަށް ލޭ ހަދިޔާ ކުރަން ރިސޯޓުގެ މުވައްޒަފުން އެއްވެފައިވާކަން ފާހަގަކުރައްވައި ތައުރީފު ކުރައްވައިފައެވެ.
އައްޒަ ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހާ ދިމާކޮށް ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ރިސޯޓުތަކުގެ ޓީމުތަކާއެކު ބޭއްވުމަކީ ލިބިލައްވާ ޝަރަފެއް ކަމަށެވެ.
ވިލުރީފް ރިސޯޓުން އަބަދު ވެސް އެފަދަ ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބާއްވަން މަސައްކަތް ކުރަކަން ފާހަގަކުރައްވައި، އައްޒަ ވަނީ މިއަދުގެ ހަރަކާތަށް އެ ރިސޯޓުގެ މުވައްޒަފުން ހުސްކޮށްދިން ވަގުތަށް ޝުކުރު އަދާކުރައްވާފައެވެ.
"ލޭ ހަދިޔާކުރުމަކީ ހަގީގަތުގައި ވެސް މަތިވެރި ގުރުބާނީއެއް. ތިބާ ކުރާ ހަދިޔާއިން މީހެއްގެ ދިރިއުޅުމަށް ބަދަލު ގެނެސްދޭނެ. އެހެންކަމުން މި މާތް ކަންތަކުގައި ބައިވެރިވަމާ ހިނގާ،" އައްޒަ ވިދާޅުވިއެވެ.

ވިލުރީފް ގައި ލޭ ހަދިޔާކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ
މީގެ އިތުރުން، ލޭ ހަދިޔާކުރުމުގެ ހަރަކާތް ބޭއްވުމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް)ގެ ފަރާތުން ކޮންމެ އަހަރަކު ވެސް ދޭ އެއްބާރުލުމަށް އައްޒަ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އެ ރަސްމިއްޔާތުގައި އެމްބީއެސްގެ ޑރ. މަރިޔަމް ޖޫދާ ރަޝީދު ވަނީ، ތެލަސީމިއާ ކުދިންނަށް އެހީވުމަށް ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބާއްވާތީ ވިލުރީފް ރިސޯޓާއި ސަން ސިޔާމް ގުރޫޕަށް ޝުކުރު އަދާކުރައްވާފައެވެ.
ސަން ސިޔާމް ވިލުރީފަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލު ރިސޯޓަކަށްވާއިރު، އެ ރިސޯޓަށް އަންނަ ފަތުރުވެރިންނަށް ލިބޭ ތަޖުރިބާއާ މެދު ހިތްހަމަޖެހި، ތަކުރާރުކޮށް ވެސް ޒިޔާރަތްކުރެއެވެ.
އޭގެ ތެރެއިން އެއް މިސާލަަކީ ވިލުރީފަށް 46 ފަހަރަށްވުރެ ގިނައިން ޒިޔާރަތްކޮށްފައިވާ ދެމަފިރިއެކެވެ. ރިސޯޓުގެ މުވައްޒަފުން ''މާމަ އާއި ކާފަ''ގެ ގޮތުގައި ލޯބިން ވާހަކަދައްކާ ދެމަފިރިންނެވެ.

ލޭ ހަދިޔާކުރުމަށް ވިލުރީފްގައި ބޭއްވި ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ
އެ ދެމަފިރިން ވަނީ، ވިލުރީފަކީ ރާއްޖޭގެ ހިތްގައިމުކަން އެއްތަނަކުން ތަޖުރިބާ ކޮށްލެވޭ، ދިވެހިވަންތަ ރިސޯޓެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެގޮތުން ރައްކާތެރިކަމާއި އޯގާތެރިކަމާއި ރީތި އާދަކާދަތަކާއެކު ފަތުރުވެރިންގެ ހިތް ފުރައިދޭ ކަމަށް ބާބެލް ގާޑް ރިޗާ ނުވަތަ މާމަ ބުންޏެވެ.
އެ ރިސޯޓުގެ މެނޭޖުމަންޓުން ވަނީ، ބައެއް ފަތުރުވެރިން ތަކުރާރުކޮށް އެ ރިސޯޓަށް ޒިޔާރަތްކުރުން އިތުރުވުމަކީ ފަތުރުވެރިން ބަލައިގަންނަ ޚިދުމަތެއް ދެވޭ ކަމުގެ ހެއްކެއްކަން ފާހަގަކޮށްފައެވެ. އަދި، ރިސޯޓުގެ މުވައްޒަފުންނާއި ފަތުރުވެރިންނާ ދެމެދު އުފެދޭ ލޯތްބާއި ގުޅުމަކީ ފަތުރުވެރިން ތަކުރާރުކޮށް އަންނަ ސަބަބެއް ކަމަށް ވެސް މެނޭޖްމެންޓުން ބުނެއެވެ.
ސަން ސިޔާމް ރިސޯޓްސްގެ ދަށުން ރާއްޖޭގައި މަތީ ފަންތީގެ، އެންމެ ފުރިހަމަ ޚިދުމަތް ލިބޭ ފަސް ރިސޯޓެއް ހިންގައެވެ. އޭގެ ތެރޭގައި ހިމެނެނީ އިރުފުއްޓާއި އިރުވެއްޔާއި އޮޅުވެއްޔާއި ވިލުރީފްގެ އިތުރުން ސިޔާމް ވޯލްޑެވެ. ދެން ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ބާއްވާނީ ސިޔާމް ވޯލްޑުގައެވެ.
ސަން ސިޔާމް ރިސޯޓުތައް އުފެދުނު ފަހުން އެތައް އަހަރެއް ވެފައިވާއިރު، އެ ކުންފުނިން ވަނީ ގިނަ ކާމީޔާބީތަކެއް ހޯދައިފައެވެ. އެގޮތުން އެމްބީއެސްއާ ގުޅިގެން ވޭތުވެދިޔަ ފަސް އަހަރު އެންމެ ގިނައިން ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބޭއްވި ކުންފުނިތަކުގެ ތެރޭގައި ސަން ސިޔާމް ރިސޯޓްސް ވަނީ ހިމެނިފައެވެ.