ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ތެރެއިން ހުކުމް ތަންފީޒުކޮށް ނިންމައި މުޖުތަމައަށް ދޫކޮށްލާފައިވާ މީހުންގެ މައުލޫމާތު އިންޓަޕޯލާ ހިއްސާކުރުމަށް ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން، "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު" އާންމުކޮށްފައިވާ ކަަމަށެވެ.
އެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ހުކުމް ތަންފީޒުކޮށް ނިމި މުޖުތަމައަށް ދޫކޮށްލާފައިވާ މީހުންގެ މައްޗަށް އިންޓަޕޯލް މެދުވެރިކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން "ގްރީން ނޯޓިސް" ނެރެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިންޓަޕޯލް ގްރީން ނޯޓިސްއަކީ އާންމު ސަލާމަތަށް ނުރައްކާވެދާނެ މީހުންނާ ބެހޭގޮތުން، ޚާއްސަކޮށް އެ މީހެއްގެ ކުށުގެ ރެކޯޑަށް ނުވަތަ ޝައްކުކުރެވޭ ކުށުގެ އަމަލުތަކާ ގުޅިގެން މެންބަރު ގައުމުތަކަށް އިންޒާރު ދިނުމަށް ބޭނުންކުރާ ނިޒާމެކެވެ.
އެގޮތުން، މިހާތަނަށް 43 މީހެއްގެ މައްޗަށް ގްރީން ނޯޓިސް ނެރެފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި، 18 ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެފަދަ ކުށް ކުށަށް އަރައިގަންނަ މީހުންގެ މައުލޫމާތު ކަމާ ގުޅޭ އެންމެހާ ފަރާތްތަކާ ހިއްސާކުރުމަކީ މުހިއްމުކަމަށް ވާއިރު، އެ މައުލޫމާތު ބައިނަލްއަގުވާމީ ފެންވަރުގައި ހިއްސާކުރުމުން އެފަދަ މީހުންގެ ހަރަކާތްތައް އެހެން ގައުމުތަކުންވެސް ބަލާނެ ކަމަށެވެ. އަދި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިތުރުން އެފަދަ މީހުންނަށް ވަޒީފާ ދިނުމުގައި ރިއާޔަތްކުރަންޖެހޭ ޚާއްސަ ކަންތައްތަކާ ގުޅޭ މައުލޫމާތުތައް އެ ގައުމުތަކަށް ލިބޭނެ ކަމަށް ފުލުހުން ބުންޏެވެ.
ޚާއްސަކޮށް، ބިދޭސީ މަސައްކަތު މީހުންނަކީ ވަޒީފާ ހޯދުމަށް އެކި ގައުމުތަކަށް ބަދަލުވާ މީހުންނަށްވުމާއެކު އެއް ގައުމެއްގައި އެފަދަ ކުށުގެ އަމަލެއް ހިންގުމަށްފަހު އެހެން ގައުމަކަށް ގޮސް ވަޒީފާއަށް އެދޭ ހާލަތްތަކުގައި ވެސް އެމީހެއްގެ މައްޗަށް ގްރީން ނޯޓިސްއެއް ނެރެފައިވާނަމަ ކުޑަކުދިންނާ ގުޅުން އޮންނަ ދާއިރާތަކުގެ ވަޒީފާތައް ދިނުން ހުއްޓުވާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި އެފަދަ މީހުންގެ ހަރަކާތްތައް މޮނިޓާ ކުރުމަށް ފުރުސަތު ލިބޭނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖޭގައި ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ.