މިހާތަނަށް ބަޔޯ-މެޓްރިކް ޑޭޓާ ދީފައި ނުވާ ބިދޭސީންނަށް ފަހު ފުރުސަތު ދީ، ޑޭޓާ ދޭންޖެހޭ މުއްދަތު އިތުރުކޮށްފިއެވެ.
ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާދޭ ބައެއް ފަރާތްތަކުގެ ނަންމަތީގައި ރާއްޖެ ގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކް ޑޭޓާ އަޕްޑޭޓްކޮށް އަދާހަމަކޮށްފައި ނުވާކަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ބައޯމެޓްރިކް ޑޭޓާ އަޕްޑޭޓް ނުކުރާ ބިދޭސީން އެ ޑޭޓާ އަޕްޑޭޓްކޮށް ނިންމުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
އަދި އެ މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއްނެތި ބައޯމެޓްރިކް ޑޭޓާ އަޕްޑޭޓް ކޮށްފައިނުވާ ބިދޭސީންނަށް އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ފިޔަވަޅުތަކަކީ:
- އެ ބިދޭސީއަކު ވަޒީފާގައި ގެންގުޅޭ ފަރާތަށް އެކްސްޕެޓް ސިސްޓަމްއިން ދެމުން ގެންދާ ހުރިހާ ޚިދުމަތްތަކެއް މެދުކަނޑާލުން.
- އެކްޓިވް ވޯކް ޕާމިޓެއްގައި ހަތަރު މަހަށް ވުރެ ގިނަ ދުވަހަށް ރާއްޖެއިން ގޮސްފައިވާ ބިދޭސީއެއްނަމަ އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވޯކް ޕާމިޓް އެކްސްޕެޓް ސިސްޓަމް ރިކޯޑްތަކަށް ބެލުމަށްފަހު ބާތިލުކުރުން.
- ގާނޫނާ ގަވާއިދުގެ ތެރެއިން ވަޒީފާދޭ ފަރާތެއް ހުރި ބިދޭސީއެއްނަމަ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށްފަހު ރެގިއުލަރައިޒް ކުރުމުގެ ފުރުސަތު ދިނުން.
- ގާނޫނާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީއެއްނަމަ އެ ބިދޭސީއަކު ޑީޕޯޓްކޮށް ވޯކް ޕާމިޓް ބާތިލުކުރުން.
- ރާއްޖެއިން ފުރައިގެން ގޮސްފައިވާ ބިދޭސީއެއްނަމަ އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވޯކް ޕާމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާތިލުކުރުން.
- ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމަށްފަހު އެކްޓިވް ވޯކް ޕާމިޓެއްގައި އެއް އަހަރު ދުވަހުގެ މުއްދަތަކަށްވުރެ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި ހުރި ބިދޭސީއެއްނަމަ، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވޯކް ޕާމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާތިލުކުރުން.
- ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ހުރި ބިދޭސީއަކަށް ވަޒީފާދޭނެ ފަރާތެއް ހުރެއްޖެނަމަ އެ ފަރާތަކަށް ރެގިއުލަރައިޒް ވުމުގެ ފުރުޞަތު ދިނުން.
- ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވޯކް ޕާމިޓެއްގައި ރާއްޖެއިން ފުރައިގެން ގޮސް ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ ސިސްޓަމް ރެކޯޑްތައް ބެލުމަށް ވޯކް ޕާމިޓް ބާތިލުކުރުން.
ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި މިހާތަނަށް ހައްލުނުކުރެވި އޮތް މައްސަލައެއް ނަމަވެސް، މި ސަރުކާރު އައުމަށްފަހު އެކަން ހައްލުކުރުމަށް ވަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅައިފައެވެ.
އެގޮތުން ހޯމް މިނިސްޓްރީން ކުރިއަށް ގެންދާ 'ކުރަނގި އޮޕަރޭޝަން' އަކީ ބިދޭސީންގެ ބައޯމެޓްރިކްސް އެއްކޮށް، ބިދޭސީންގެ ދަފުތަރެއް އެކުލަވައިލުމަށް ކުރާ މުހިންމު މަސައްކަތެކެވެ. އޭގެ އިތުރުން ފުލުހުންނާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ވެސް ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ، ފިޔަވަޅު އެޅުމަށް ބޮޑެތި ރެއިޑް އޮޕަރޭޝަންތައް މިހާތަނަށް ވަނީ ހިންގައިފައެވެ.
މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ.