އައިއޯއެސް 26: ސްކްރީންޝޮޓް ފީޗާއަށް މުހިންމު ތިން ބަދަލެއް

އެޕަލްގެ ކުރިއަށް އޮތް އައިއޯއެސް 26 ސޮފްޓްވެއާ އަޕްޑޭޓާއެކު، އައިފޯނުން ސްކްރީންޝޮޓް ނެގުމުގެ ފީޗާއަށް ގިނަކުރިއެރުންތަކަކާއި އާ ފުރުސަތުތަކެއް ލިބިގެންދާނެއެވެ. މި އަޕްޑޭޓްގައި، ސެޓިން އެޕްގެ ޖެނެރަލްގެ ދަށުން 'ސްކްރީން ކެޕްޗާ'ގެ ނަމުގައި އާ މެނޫއެއް ތައާރަފުކޮށް، މުހިންމު ތިން ބަދަލެއް ގެނެސްފައިވެއެވެ.

ފުރަތަމަ ކަމަކަށް، އެޗްޑީއާރު ފޯމެޓަށް ސްކްރީންޝޮޓް ނެގުމުގެ ފުރުސަތު މިހާރު ލިބޭނެއެވެ. މި އޮޕްޝަން ޚިޔާރުކުރުމުން، ސްކްރީންޝޮޓްގައި ހިމެނޭ އެޗްޑީއާރު ފޮޓޯ ނުވަތަ ވީޑިއޯތައް، އާ އައިފޯން މޮޑެލްތަކުން ބަލާއިރު އެ އެއްޗެހީގެ އަސްލު ކުލަތަކާއި ފުރިހަމަ ޑައިނަމިކް ރޭންޖާއެކު ފެންނާނެއެވެ. އެޕަލް ބުނާގޮތުން އެޗްޑީއާރު ސްކްރީންޝޮޓްތައް ސޭވް ކުރެވޭނީ ހީފް ފޯމެޓުގައެވެ. ކުރީގެ ޕީއެންޖީ ފޯމެޓުގެ އެސްޑީއާރު ސްކްރީންޝޮޓް ނެގުމުގެ ފުރުސަތު ވެސް އަދިވެސް އޮންނާނެއެވެ.

ދެވަނަ ބަދަލަކީ ކާޕްލޭއަށް ޚާއްސަކޮށްފައިވާ ބަދަލެކެވެ. އައިއޯއެސް 18 އާއި އޭގެ ކުރީގެ ވާޝަންތަކުގައި، ކާޕްލޭއާ ގުޅާފައިވާ އައިފޯނަކުން ސްކްރީންޝޮޓެއް ނަގައިފިނަމަ، އައިފޯނުގެ ސްކްރީނާއި ކާޕްލޭގެ ސްކްރީނުގެ ވެސް ޝޮޓެއް ނެގޭނެއެވެ. ނަމަވެސް އައިއޯއެސް 26 ގައި، އާންމުކޮށް ނެގޭނީ ހަމައެކަނި އައިފޯނުގެ ސްކްރީންޝޮޓެވެ. ކާޕްލޭގެ ސްކްރީންޝޮޓް ނަގަން ބޭނުންނަމަ، ސެޓިންއިން އެކަން އަމިއްލައަށް އޮން ކުރަންޖެހޭނެއެވެ.

ތިންވަނަ އަދި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، އައިފޯން 15 ޕްރޯ ނުވަތަ އެއަށްވުރެ އާ މޮޑެލްތަކުގައި ސްކްރީންޝޮޓްގެ ތެރެއިން މަޢުލޫމާތު ދެނެގަތުމަށް ތައާރަފުކުރި "ވިޝުއަލް އިންޓެލިޖެންސް" ފީޗާއެވެ. މި ފީޗާއާއެކު ސްކްރީންޝޮޓްގެ އިންޓަފޭސްއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ސްކްރީނުގެ ތިރިން އާ އޮޕްޝަންތަކެއް ފެންނާނެއެވެ.

ހަމައެހެންމެ އައިއޯސް 26ގައިވާ "އާސްކް" އޮޕްޝަނުން ސްކްރީންޝޮޓާ ގުޅޭގޮތުން ޗެޓްޖީޕީޓީއާ ސުވާލުކުރެވޭއިރު، "އިމޭޖް ޓު ސާޗް" ބޭނުންކޮށްގެން ގޫގުލް އިމޭޖަސް، އެޓްސީ، އަދި ޕިންޓްރެސްޓުން އެ ސްކްރީންޝޮޓާ އެއްގޮތް ފޮޓޯތައް ހޯދޭނެއެވެ. އަދި "ހައިލައިޓް ސާޗް"އިން ސްކްރީންޝޮޓްގައިވާ ވަކި އެއްޗެއް ފާހަގަކޮށްގެން އެއާ ގުޅޭ ފޮޓޯތައް ހޯދުމުގެ ފުރުސަތު ލިބެއެވެ.

މީގެ އިތުރުން، ކުރީގެ އައިއޯއެސްތަކެކޭ އެއްގޮތަށް ސްކްރީންޝޮޓް ނެގުމުން ސްކްރީނުގެ ތިރީ ކަނާތްފަރާތުން ކުޑަ ތަމްބްނެއިލްއެއްގެ ގޮތުގައި ފެންނަ ގޮތް ބޭނުންވާ ފަރާތްތަކަށް، އާ ސްކްރީން ކެޕްޗާ މެނޫއިން ފުލް-ސްކްރީން ޕްރިވިއު ނިއްވާލުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.

އައިއޯއެސް 26 އަދި އޮތީ ބީޓާ މަރުހަލާގައެވެ. މި އަޕްޑޭޓް އާންމުންނަށް ރިލީޒްކުރާނީ އަންނަ ސެޕްޓެމްބަރު މަހު ކަމަށް ބެލެވެއެވެ.

comment ކޮމެންޓް