ކެންސަރު ސެލްސް ހަށިގަނޑުގައި ހުރިތޯ ތިން އަހަރު ކުރިން ދެނެގަނެވޭނެ ޒަމާނީ އާ ގޮތެއް ހޯދިއްޖެ ކަމަށް އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.
ކެންސަރު ޑިސްކަވަރީ ޖާނަލްގައި ޝާއިއުކޮށްފައިވާ އެ ދިރާސާގައި ބުނާ ގޮތުގައި ކެންސަރު ޖެހިފައިވާކަން ދެނެގަތުމަށް ޓިއުމަރުތަކުން ބޭރުކުރާ ޖެނެޓިކް މެޓީރިއަލް ލޭގެ ތެރޭގައި އެކުލެވޭކަން ތިން އަހަރު ކުރިން ދެނެގަނެވިދާނެއެވެ.
އެ ދިރާސާކޮށްފައި ވަނީ ލޭގެ ސާމްޕަލް ނެގިތާ ހަ މަސް ދުވަސް ތެރޭގައި ކެންސަރު ޖެހިފައިވާ 26 މީހުންނާއި ބަލި ނުޖެހޭ 26 މީހުންގެ ލޭގެ ސާމްޕަލްތައް ތަހުލީލުކޮށްގެންނެވެ.
ޖުމަލް 52 ބައިވެރިންގެ ތެރެއިން އަށް މީހުންނަށް މަލްޓި ކެންސާ އާލީ ޑިޓެކްޝަން (އެމްސީއީޑީ) ލެބް ޓެސްޓުން ޕޮޒިޓިވް ސްކޯ ލިބިފައިވާއިރު، ލޭ ނެގުމަށް ފަހު ހަތަރު މަސް ދުވަހުގެ ތެރޭގައި އެ މީހުންނަށް ކެންސަރު ޖެހުނުކަން ފާހަގަކުރެވިފައިވާ ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.
އެމްސީއީޑީ ޓެސްޓްތަކަކީ އެއްފަހަރާ އެތައް ވައްތަރެއްގެ ކެންސަރުގެ އަލާމާތްތައް ބަލާ ކެންސަރު ސްކްރީން ކުރުމަށް ގެންގުޅޭ ތަޖުރިބާގެ ޓެސްޓުތަކެއް ކަމަށް އެމެރިކަން ކެންސާ ސޮސައިޓީން ބުނެއެވެ.
މި އަށް މީހުންގެ ތެރެއިން ހަ މީހުންނަށް ކެންސަރު ޖެހުމުގެ ތިން އަހަރު ނުވަތަ ތިން އަހަރާ ބައިގެ ކުރިން ނަގާފައިވާ އިތުރު ލޭގެ ސާޕްލަތަކެއް ވެސް ވަނީ ތަހުލީލުކޮށްފައެވެ.
ދިރާސާކުރި މީހުން ވަނީ އޭގެ ތެރެއިން ހަތަރު ސާމްޕަލަކުން ޓިއުމާއިން އުފެދިފައިވާ މީއުޓޭޝަންސް (ކެންސަރު ސެލްތަކުގެ ތެރޭގައި އުފެދޭ ޖެނެޓިކް ބަދަލުތައް) ދެނެގަނެފައެވެ.
ކޮންމެ މަރުހަލާއެއްގެ ކެންސަރަކަށް ވިޔަސް ބަލި އަވަހަށް ދެނެގަތުން މާ މުހިންމު ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިންގެ އޮންކޮލޮޖީ ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޕްރޮފެސާ އަދި އެ ދިރާސާކުރި އެކަކު ކަމަށްވާ، އޮތޯ ޔޫކްސުއަން ވަންގްއާ ހަވާލާދީ ފޮކްސް ނިއުސްއިން ބުނެފައިވެއެވެ.
"އަޅުގަނޑަށް ފާހަގަވަނީ ކެންސަރުގެ ބަލީގައި ބޮޑުވަރުވެފައިވާ މީހުންނަށް ފަރުވާ ކުރަނީ ބަލި ރަނގަޅު ކުރުމަށްވުރެ ބޮޑަށް އުމުރު ދިގު ކުރުމަށް އަމާޒުކޮށްގެން،" އޭނާ ބުންޏެވެ.
އަދި، ތިން އަހަރު ކުރިން ކެންސަރު ބަލި ދެނެގަނެވޭނަމަ، ސާޖަރީ ނުވަތަ އެހެން ފަރުވާތަކުން ވެސް ރަނގަޅުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވަންގް ބުންޏެވެ. ކުރިން ދެނެގަނެވިއްޖެނަމަ، އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ދަށްކުރެވޭނެ ކަމަށް ވަންގް ބުންޏެވެ.