އީރާނުން ހަމަލާ އަމާޒުކުރީ ހޮސްޕިޓަލަކަށް ނޫން، ޖާސޫސީ އިދާރާއަކަށް

އިސްރާއީލުގެ ރަމަތު ގަންއަށް އީރާނުން މިއަދު ދިން ހަމަލާއެއްގައި ސުންނާފަތިވެފައިވާ އިމާރާތެއް. ފޮޓޯ/ ރޮއިޓާސް

މިއަދު ހެނދުނު އިސްރާއީލުގެ ދެކުނަށް ދިން ހަމަލާއަކީ އަސްކަރީ ޖާސޫސީ އިދާރާއަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް އީރާނުގެ ދައުލަތުގެ ނޫސް އެޖެންސީ، އައިއާރްއެން އިން ބުނެފިއެވެ.

އެ މަރުކަޒު ހުރީ ހޮސްޕިޓަލަކާ ކައިރީގައެވެ.

އައިއާރްއެންއިން އެގޮތަށް ބުނީ، އީރާނުން ދިން މިސައިލް ހަމަލާއެއް ހޮސްޕިޓަލަކަށް އަމާޒުވެފައިވާ ކަމަށް ބުނެ މީޑއާތަކުން ރިޕޯޓުކޮށްފައިވަނިކޮށެވެ.

"މިއަދު ހެނދުނު ދިން ހަމަލާގެ މައިގަނޑު އަމާޒަކީ އިސްރާއީލުގެ އަސްކަރިއްޔާގެ ކޮމާންޑް އަދި ޖާސޫސީ އިދާރާގެ މައި މަރުކަޒު، އައިޑީއެފް-ސީއައި އަދި ގަވް-ޔަމް ޓެކޮނޮލޮޖީ ޕާކްގައި ހުންނަ އަސްކަރީ ޖާސޫސީ ކޭމްޕް،" އައިއާރްއެންއައިއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވެއެވެ.

އިސްރާއީލުގެ ދެކުނުގެ ސިޓީ ބީރްޝެބާގައި ހުންނަ ސޮރޮކާ ހޮސްޕިޓަލަށް ވަނީ އެ ހަމަލާގެ އަސަރުކޮށްފައެވެ.

އެ ހަމަލާއިން ހޮސްޕިޓަލަށް މާ ބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ވެސް އައިއާރްއެންއިން ބުނެފައިވެއެވެ.

އެ ހަމަލާގައި މިހާތަނަށް 30 މީހުން ޒަޚަމުވެފައިވާ ކަމަށް އަލް ޖަޒީރާއިން ބުނެއެވެ.

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލުން ހުކުރު ދުވަހު ދޭންފެށި ހަމަލާތަކުގެ ރައްދު އީރާނުންވެސް ދޭން ފަށާފައިވާއިރު، ހަމަލާތައް ބަދަލުރާތާ މިއީ ހަ ވަނަ ދުވަހެވެ. ދެ ގައުމުގެ މުހިންމު ސިޓީތައް ސުންނާފަތިވެ، އެތައް އާންމުންނެއް މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ހަމަލާތަކުގައި އީރާނުން ގާތްގަޑަކަށް 224 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. އިސްރާއީލުން މަރުވެފައިވަނީ 24 މީހުންނެވެ.

comment ކޮމެންޓް