2 ލައްކައަށްވުރެ ގިނަ މީހުން އީފާސް ބޭނުންކުރޭ، ޑިޖިޓަލް މުހިންމު ވަސީލަތަކަށް ހަދާނަން: ހޯމް މިނިސްޓްރީ

އީފާސް: ހޯމް މިނިސްޓްރީން ބުނީ 2 ލައްކައަށްވުރެ ގިނަ މީހުން އީފާސް ބޭނުންކުރާ ކަމަށް --

'އީފާސް' ޑިޖިޓަލް އައިޑީ މިހާރު 250،000 އަށްވުރެ ގިނަ މީހުން ބޭނުންކުރާ ކަމަށާއި ޑިޖިޓަލް އައިޑީ އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ޑިޖިޓަލްކޮށް ޚިދުމަތް ދިނުމަށް ބޭނުންކުރާ މުހިންމު ވަސީލަތަކަށް އީފާސް ހައްދަވާނެ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

އަލަށް އެކުލަވައިލާ ޑިޖިޓަލް އައިޑެންޓިޓީ ބިލަށް ޚިޔާލު ހޯދަން ބޭއްވި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގަ ވާހަކަދައްކަވަމުން ކިނާނަތު ވިދާޅުވީ، އީފާސްއަކީ އާންމު ޚިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމަށް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)އިން ތައްޔާރުކޮށްފައިވާ އެންމެ ހަރުދަނާ އަދި އިތުބާރު ހުރި ޑިޖިޓަލް ވަސީލަތްތަކުގެ ތެރެއިން އެއް ވަސީލަތް ކަމަށެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު -- ފޮޓޯ/ ހޯމް މިނިސްޓްރީ

އެގޮތުން، އީފާސް ގައުމީ ފެންވަރުގައި ބޭނުންކުރުމުގެ ތެރެއިން ޑިޖިޓަލް ޓްރާންސްފޮމޭޝަން ކުރިއެރުވުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށް ކިނާނަތު ވިދާޅުވިއެވެ.

އީފާހަކީ ދިވެހިރާއްޖޭގެ ގައުމީ ޑިޖިޓަލް އައިޑީ އަދި އަޅުގަނޑުމެންގެ ގައުމީ އިންފްރާސްޓްރަކްޗާގެ މުހިންމު ބައެއް. އޭގެ ސަބަބުން ސިއްހީ ޚިދުމަތްތަކާއި، ބޭންކިން އަދި ތައުލީމު ފަދަ ޚިދުމަތްތަކަށް ރައްކާތެރި އަދި ހަމަހަމަ ގޮތެއްގައި ވާސިލުވުމުގެ ފުރުސަތު ލިބިގެންދޭ، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު

އީފާސްގެ ކާމިޔާބީތައް ފާހަގަކުރައްވާ ކިނާނަތު ވިދާޅުވީ، މިހާރު 250،000 އަށްވުރެ ގިނަ މީހުން އީފާސް ބޭނުންކުރާ ކަމަށެވެ. އަދި، ވޯލްޑް ބޭންކާއި އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް (އޭޑީބީ) ފަދަ ޖަމިއްޔާތަކުން އީފާސްއަށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބިފައިވާ ގަދަރާއި، އޭގެ ކާމިޔާބީ ތަކުރާރުކުރުމަށް އެހެން ގައުމުތަކުން ދައްކަމުންދާ ޝައުޤުވެރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އީފާސް ސިސްޓަމް އިތުރަށް ތަރައްގީކުރުމުގެ އިތުރުން ގާނޫނީ ގޮތުން ލިބެންޖެހޭ ބާރުވެރިކަން ކަށަވަރުކޮށްދިނުމަށް ހަދަންޖެހޭ ގާނޫނުތައް ހަދައި، ފުރިހަމަ ނިޒާމެއްގެ ތެރެއިން ޚިދުމަތް ދިނުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށް ކިނާނަތު ވިދާޅުވިއެވެ.

އެގޮތުން، ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުގެ ދަށުން މުހިންމު ބިލުތަކެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ޑޭޓާ ސެކިޔުރިޓީއާ ބެހޭ ބިލާއި، ސައިބާ ސެކިއުރިޓީ ބިލު މިހާރު ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާކަމަށް ކިނާނަތު ވިދާޅުވިއެވެ. އަދި މޯލްޑިވްސް 2.0 ބިލާއި، އާޓިފިޝަލް އިންޓެލިޖެންސް ބިލުގެ ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚިދުމަތްތައް އޮންލައިންކޮށް، ތަކުރާރުކޮށް އައިޑީކާޑު ހުށަހަޅަން ނުޖެހޭ ގޮތަށް ޑިޖިޓަލް އައިޑީ، 'އީފާސް' ރާއްޖެއަށް ތައާރަފުކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުގައެވެ.

އެ ފަހުން ޚިދުމަތްތައް ފުޅާކުރަމުން ގޮސް މިފަހުން ވަނީ އީފާސް މެދުވެރިކޮށް ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތް ވެސް ފަށައިފައެވެ.

comment ކޮމެންޓް