ޞާލިޙުގެ މަރުހަބާ ޑިމޮކްރެޓްސްއަށް، އެދިވަޑައިގަތީ ޒާތީ މައްސަލަ ބާއްވައި އެކުގައި މަސައްކަތްކުރަން

ސެޕްޓެމްބަރު 24، 2023ގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު ރައީސް އޮފީހުގައި ބައްދަލުކުރެއްވުން: ޞާލިޙުގެ މަރުހަބާ ނަޝީދާއި ޑިމޮކްރެޓްސްއަށް! -- ފޮޓޯ/ ރައީސް އޮފީސް

ޚިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އަނބުރާ އެ ޕާޓީއާ ގުޅިވަޑައިގަންނަވާތީ މަރުހަބާ ދަންނަވާ ކަމަށާއި ޒާތީ މައްސަލަތައް އެއްފަރާތްކޮށް އެކުގައި މަސައްކަތްކުރައްވަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު މިއަދު އެދިވަޑައިގެންފިއެވެ.

ނަޝީދާއި އެ މަނިކުފާނަށް ވަފާތެރި ބޭބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފެއްދެވީ އޭރު ފުރަތަމަ ރައީސް ޞާލިޙާ އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހެވެ. ދެ ބޭފުޅުންގެ ގުޅުން ގޯސްވެ، އޭރު ނަޝީދު ވަނީ އެމްޑީޕީ ސަރުކާރަށް ކޮރަޕްޝަނާއި އެކި ކަހަލަ ތުހުމަތުތައް ކުރައްވައިފައެވެ.

އެ ފަހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސް ޞާލިޙާއި ވާދަކުރައްވައި ނަޝީދަށް ވަނީ ނާކާމިޔާބާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ޞާލިޙު ވިދާޅުވީ، ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ރައްޔިތުންގެ މަސްލަހަތު އަބަދު ވެސް އިސްކުރާ ބަޔަކަށް އެމްޑީޕީ ވާން އެ މަނިކުފާނު އެދިވަޑައިގަތެވެ.

އެފަދައިން ވިދާޅުވެ އެ މަނިކުފާނު ވަނީ ޅެން ބައިތެއް ހިއްސާކުރައްވައިފައެވެ.

"ހުރަސްތަކާ ދިމާވެދާ އަދަދުނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން. ގައުމިއްޔަ އިލްތިމާސުތަކަށް އަމަލުކުރާށެ ހެޔޮހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާމަގެއް ކޮށާން،" ޞާލިޙު ވިދާޅުވިއެވެ.

އެ ޕޯސްޓާ އެކު އެ މަނިކުފާނު ވަނީ މީގެ ކުރިން 'ރާއްޖެ ޓީވީ'އަށް ދެއްވި އިންޓަވިއުއެއް ހިއްސާކުރައްވައިފައެވެ. އޭގައި އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީއަކީ އެންމެންގެ ޕާޓީ ކަމަށާއި އެއީ އެންމެން އެކުގައި އުފައްދާފައި އޮތް ޕާޓީއެއް ކަމަށެވެ. އޭރު ނަޝީދާއި އެ މަނިކުފާނާ ދެމެދު ޒާތީ ގޮތުން ހުރި މައްސަލަތައް އެއް ފަޅީގައި ބާއްވަން ޞާލިޙު އެދިވަޑައިގަތެވެ. އަދި، ގައުމަށްޓަކައި އެކުގައި ކުރި މަސައްކަތް ނިމުމަކަށް ނުދާ ކަމަށް ވެސް ޞާލިޙު ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް -- ފޮޓޯ/ އަވަސް

ޑިމޮކްރެޓްސްއިން މިދިޔަ އަންގާރަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި, އެ ޕާޓީގެ އެންމެން އެކީ އެނބުރި އެމްޑީޕީއާ ގުޅެން ގަރާރެއް ވަނީ ހުށަހަޅައިފައެވެ. އެ ގަރާރު ފާސްކޮށް، އެ ޕާޓީން ނިންމީ އެންމެން އެކީ އެމްޑީޕީއާ އަލުން ގުޅޭށެވެ.

ޑިމޮކްރެޓްސްގެ ނިންމުމާއެކު ރޭ އެމްޑީޕީން ބޭއްވި ނުރަސްމީ ގައުމީ މަޖިލިސް ޖަލްސާގައި އެ ޕާޓީން ނިންމީ ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް ޕާޓީގައި ތިއްބެވި އެންމެހައި ބޭފުޅުން އަލުން އެމްޑީޕީއާ ގުޅެން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ.

އެ ޖަލްސާގެ ކުރިން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ޕީޖީގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، އެ ޕާޓީގެ އުސޫލުތަކާ ޚިލާފުނުވެ، ޕާޓީއަށް އެއްވެސް ގެއްލުމެއް ދީފައިނުވާނަމަ ކޮންމެ މީހަކަށް ވެސް އެ ޕާޓީއާ ގުޅެވޭނެ ކަމަށެވެ. އަދި، އެ ޕާޓީން އެ މީހަކަށް މަރުހަބާ ވެސް ކިޔާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/207470

އެމްޑީޕީ ބައިބައިވެ، ނަޝީދުގެ ވަފާތެރިން ޑިމޮކްރެޓްސް އުފެއްދީ މިދިޔަ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި އޮއްވައެވެ. އޭރު ނަޝީދާއި ޞާލިހާ ދެމެދު އެންމެ ބޮޑަށް ޖެހުނު އެއް މައްސަލައަކީ، ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ދެބޭފުޅުންގެ ހުރި ޚިޔާލުތަފާތުވުންތަކެވެ. ނަޝީދަކީ ބަރުލަމާނީ ނިޒާމަކަށް އަބަދުވެސް ވަކާލާތުކުރައްވާ ބޭފުޅެކެވެ. އަދި އޭރު ވެރިކަމުގައި އެމްޑީޕީން ގެންގުޅުނު އުސޫލުތަކާ ހިތްހަމަޖެހިވަޑައިނުގެން ނަޝީދު ވަނީ އެކިކަހަލަ ތުހުމަތުތައް ވެސް ކުރައްވައިފައެވެ.

އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން ވާހަކަފުޅުދައްކަވައިފައެވެ.

ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު މާލެ ވަޑައިގެން މިދިޔަ ހޯމަ ދުވަހު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ބައްދަލުކުރައްވައިފައެވެ.

ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ވަރަށް ބޮޑުވެފައިވާއިރު ފާޅުގައި ވިދާޅުނުވި ނަމަވެސް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް އެ މަސައްކަތް ކުރައްވާކަން ވަނީ އެނގިފައެވެ.

comment ކޮމެންޓް