ސަރުކާރުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކޮށް، ރާއްޖެ ޑިޖިޓަލްކުރުމުގެ ތަސައްވުރު "މޯލްޑިވްސް 2.0"ގެ ތެރެއިން ކުންފުނިތަކުން ޚިދުމަތަކަށް އެދިފައި އެ ތަނުގައި ތިބޭ 'ދަންނަ މީހުންނަށް' ގުޅުން މަދުކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މިނިސްޓަރު ވިދާޅުވީ، ކޮރަޕްޝަނަށް މަގުފަހިވާ އެންމެ ބޮޑު އެއް ސަބަބަކީ ޚިދުމަތަކަށް އެދިފައި އެ ކުންފުންޏެއްގައި ހުންނަ 'ދަންނަ މީހަކަށް' ގުޅާތީ ކަމަށެވެ.
އެގޮތުން، ޑިޖިޓަލްކުރުމުގެ ތަޞައްވުރުގެ ތެރެއިން އެކަން މިހާރަށް ވުރެ މަދުކުރާނެކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
އެހެންވީމާ އަޅުގަނޑުމެން މިނިމައިޒް ކުރާނަން [ޚިދުމަތަކަށް އެދިފައި ކުންފުނީގެ] ދަންނަ މީހާއަށް ގުޅުމުގެ ބައި. ސިސްޓަމްގެ އިންޓަވެންޝަން ހެދޭނެ ހުރިހާ ދިމާލެއް އަޅުގަނޑުމެން އޮޑިޓް ލޮގް ތުރޫކޮށް އޮޑިޓްކުރާނަން، ހޯމް މިނިސްޓަރު އަލީ އިހުސާން
މިނިސްޓަރު ވިދާޅުވީ، އޭރުން އަމިއްލައަށް ސިސްޓަމަށް ވަދެގެން ބަދަލެއް ގެނެސްފައި ހުރިނަމަ، ހިއުމަން އިންޓަވެންޝަން ހަދާއިރު އެއީ ކާކު ކުރި ކަމެއްކަން ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ.

ކެޕްޝަން..މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ސަމިޓު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި މިނިސްޓަރު އިހުސާން --- ފޮޓޯ/ ރައީސް އޮފީސް
ކޮރަޕްޝަންގެ އަމަލުތައް އާންމުކޮށް ފެންނަނީ ދައުލަތުގެ ޕްރޮކިއުމަންޓު ޕްރޮސެސްގެ ތެރެއިން ޚިދުމަތް ދިނުމުގައި ލަސްތަކެއް ކުރުވައިގެންކަން އިހުސާން ފާހަގަކުރެއްވިއެވެ. އަދި، ބައެއް ޚިދުމަތްތައް ލަސްކުރުމަށް ފަހު، މީހުންގެ އަތުން ރުފިޔާ ހޯދައިގެން ޚިދުމަތްދޭކަން ފާހަގަވެފައި ހުރި ކަމަށް ވަނީ ވިދާޅުވެފައެވެ.
އެފަދަ ކަންކަން އެއްކޮށް ނެތިދާނީ މުޅި ސިސްޓަމް އެއްކޮށް ޑިޖިޓަލައިޒްކުރެވުމުން ކަމަށް އިހުސާން ގަބޫލުކުރައްވައެވެ.
"މޯލްޑިވްސް 2.0"އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ރާއްޖެ ގެންދިޔުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގައުމީ ތަސައްވުރެވެ. އެއީ، ސަރުކާރުން ޚިދުމަތްކުރާ ގޮތާއި އިގުތިޞާދު ކުރިއަރަމުންދާ ގޮތާއި އާންމު ޚިދުމަތާއި ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެއް ކަމަށް ސަރުކާރުން ބުނެއެވެ.
"މޯލްޑިވްސް 2.0" ގެ މަސައްކަތް ނިމުމުން ސަރުކާރު މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ވަޒީފާ އަދައިކުރާނީ އެ މުވައްޒަފަކު ހުރި ތަނެއްގައި ހުރެ، 'ވޯކް ފްރޮމް ހޯމް' އުސޫލުން ކަމަށް ރައީސް މުއިއްޒު އެ ރޭ ވިދާޅުވިއެވެ.
މޯލްޑިވްސް 2.0ގެ ސަމިޓު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހޯމްލޭންޑް ސެކިއުރެޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ، މޯލްޑިވްސް 2.0 އަކީ މުޅި ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހިމެނޭހެން ދައުލަތުގެ ތިން ބާރު ވެސް ފުރިހަމައަށް ބައިވާގޮތަށް ފަރުމާކޮށްފައިވާ ސިޔާސަތެއް ކަމަށެވެ.
އިހުސާން ވިދާޅުވީ، މި ސަމިޓުގެ މުޅި މަސައްކަތް ކުރިއަށްދާނީ ރައީސް ޗެއާކުރައްވާ، ދާއިރާގެ މާހިރުން ހިމެނޭ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެއްގެ ބެލުމުގެ ދަށުން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުގެ 2.0 މަޝްރޫއަށް އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ރާއްޖެ ޑިޖިޓަލްކުރުމުގެ ތަސައްވުރުގެ ތެރެއިން އުޅެނީ ކޮރަޕްޝަން ޑިޖިޓަލް ކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ތުހުމަތުކުރައްވައިފައެވެ.