ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް ޕާޓީގައި ތިއްބެވި އެންމެހައި ބޭފުޅުން އަލުން އެމްޑީޕީއާ ގުޅެން ނިންމި ނިންމުމަށް އެމްޑީޕީން މަރުހަބާ ކިޔައިފިއެވެ.
އެބޭފުޅުން އެމްޑީޕީއާ ގުޅުމަށް އެއްވެސް އިއުތިރާޒެއް ނެތްކަމަށް އެމްޑީޕީން ނިންމީ، މިރޭ އެ ޕާޓީން ބޭއްވި ނުރަސްމީ ގައުމީ މަޖިލިސް ޖަލްސާއެއްގައެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި މި ޖަލްސާގައި އެބޭފުޅުން އެމްޑީޕީއާ ގުޅުމަށް އެ ޕާޓީގެ އެއްވެސް ބޭފުޅަކު ދެކޮޅުހައްދަވާފައެއް ނުވެއެވެ.
ޑިމޮކްރެޓްސްއިން އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި, އެ ޕާޓީގެ އެންމެން އެކީ އެނބުރި އެމްޑީޕީއާ ގުޅެން ގަރާރެއް ވަނީ ހުށަހަޅައިފައެވެ. އެ ގަރާރު ފާސްކޮށް، އެ ޕާޓީން ނިންމީ އެންމެން އެކީ އެމްޑީޕީއާ އަލުން ގުޅޭށެވެ.
މިރޭ ބޭއްވި ނުރަސްމީ ގައުމީ މަޖިލިސް ޖަލްސާގެ މަގުސަދަކީ ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުން އެމްޑީޕީއަށް ވަނުމަށް ނިންމާފައިވާތީ އެކަމާ މަޝްވަރާ ކުރުމެވެ.
މި ޖަލްސާގެ ކުރިން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވުމާ ގުޅޭގޮތުން ސުވާލުކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބުދެއްވައި އެމްޑީޕީ ޕީޖީގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، އެ ޕާޓީގެ އުސޫލުތަކާ ޚިލާފުނުވެ، ޕާޓީއަށް އެއްވެސް ގެއްލުމެއް ދީފައިނުވާނަމަ ކޮންމެ މީހަކަށް ވެސް އެ ޕާޓީއާ ގުޅެވޭނެ ކަމަށެވެ. އަދި، އެ ޕާޓީން އެ މީހަކަށް މަރުހަބާ ވެސް ކިޔާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ސަރުކާރު ނިމެންދިޔައިރު އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވިއެވެ. ޚާއްސަކޮށް، ނަޝީދާއި އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ނަޝީދު ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.
އެމްޑީޕީ ބައިބައިވެ، ނަޝީދުގެ ވަފާތެރިން ޑިމޮކްރެޓްސް އުފެއްދީ މިދިޔަ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި އޮއްވައެވެ. އޭރު އެ މަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ވާދަކުރެއްވިއެވެ. ޕާޓީން ވަކިވެވަޑައިގަތީ އެ އިންތިޚާބުން ނާކާމިޔާބުވުމުންނެވެ.
އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން ވާހަކަފުޅުދައްކަވައިފައެވެ.
ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު މާލެ ވަޑައިގެން މިދިޔަ ހޯމަ ދުވަހު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމަށް ފަހު އިއްޔެ ޑިމޮކްރެޓްސްއިން ވަނީ އެނބުރި އެމްޑީޕީއާ ގުޅެން ނިންމައިފައެވެ.
ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ފާޅުގައި ވިދާޅުނުވި ނަމަވެސް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް އެ މަސައްކަތް ކުރައްވާކަން ވަނީ އެނގިފައެވެ.