ޓިކްޓޮކް މަނާކުރުމުގެ މުއްދަތު ޓްރަމްޕް އަނެއްކާވެސް އިތުރުކުރައްވައިފި

އެމެރިކާގައި ޓިކްޓޮކްގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރު މުއްދަތެއް ދެއްވުމަށް ނިންމަވައިފިއެވެ. ވައިޓް ހައުސް އިން އަންގާރަ ދުވަހު ބުނި ގޮތުގައި، މި ފަހަރު މުއްދަތު އިތުރުކުރަނީ 90 ދުވަހަށެވެ.

ކުރިން އޮތް މުއްދަތު ހަމަވާނީ މިއަދަށެވެ. އެއީ މިދިޔަ އޭޕްރީލް މަހު ޓްރަމްޕް ސޮއިކުރެއްވި 75 ދުވަހުގެ މުއްދަތެވެ.

"ރައީސް ޓްރަމްޕް މި ހަފްތާގެ ތެރޭގައި އިތުރު އެގްޒެކެޓިވް އޯޑަރެއްގައި ސޮއިކުރައްވައި، ޓިކްޓޮކް ހުއްޓުމަކަށް ނުގެނެސް ހިންގުމަށް މަގުފަހިކޮށްދެއްވާނެ،" ވައިޓް ހައުސްގެ ޕްރެސް ސެކެރެޓަރީ ކެރޮލައިން ލެވިޓް، ސީބީއެސް ނިއުސްއަށް ދެއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

"އެތައް ފަހަރަކު ވިދާޅުވެފައިވާ ފަދައިން، ރައީސް ޓްރަމްޕް ޓިކްޓޮކް ބޭނުންކުރުން ހުއްޓުމަކަށް އައުމަށް ބޭނުންފުޅެއް ނުވޭ. މި 90 ދުވަހުގެ މުއްދަތުގެ ތެރޭގައި، އެމެރިކާގެ ރައްޔިތުންގެ ޑޭޓާގެ ރައްކާތެރިކަން ކަށަވަރުކޮށް، އެމީހުންނަށް ޓިކްޓޮކް ބޭނުންކުރުން ކުރިއަށް ގެންދެވޭނެ ގޮތް ހެދުމަށް ކުރެވޭ އެއްބަސްވުން ނިންމުމަށް އިދާރާއިން މަސައްކަތް ކުރާނެ." އޭނާ އިތުރަށް ވިދާޅުވިއެވެ.

މިދިޔަ ޖެނުއަރީ މަހު، އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ ޓިކްޓޮކް މަނާކުރުމުގެ ޤާނޫނަށް ތާއީދުކޮށްފައެވެ. އެއާއެކު އެޕް ސްޓޯރުތަކާއި ޚިދުމަތްދޭ ފަރާތްތަކުން އެމެރިކާގައި އެ އެޕަށް ދެމުން އައި އެއްބާރުލުން ހުއްޓާލާފައިވެއެވެ.

އެއަށްފަހު، ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ދުވަސްކޮޅެއް ފަހުން، ޓިކްޓޮކްގެ ބެލެނިވެރި ފަރާތް، ބައިޓްޑާންސްއާއެކު އެއްބަސްވުމަކަށް އައުމަށް މަގުފަހިކުރުމުގެ ގޮތުން، އެޕް މަނާކުރުން ލަސްކުރުމަށް އެގްޒެކެޓިވް އޯޑަރެއްގައި ސޮއިކުރެއްވިއެވެ. އަދި އޭޕްރީލް މަހުގެ 4 ވަނަ ދުވަހު، 75 ދުވަހުގެ އިތުރު މުއްދަތެއް ދެއްވާފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު