"ތިބާހެއްދެވި ފަރާތަށް ޔަގީންކަން ބާއްވާށެވެ. ﷲ އަކީ އެންމެ ބާރުގަދަ ފަރާތެވެ. އެންމެންގެ ވެރިފަރާތެވެ. ހުރިހާ އަޅުތަކުން މިލްކުވެވޮޑިގެންވަނީ އެފަރާތަށެވެ. އެފަރާތަށް ތިބާގެ ކަރުނަތައް ހިނިތުންވުންތަކަށް ބަދަލުކުރެއްވުމުގެ ބާރު ލިބިވޮޑިގެންވެއެވެ. ވީއިރު މާޔޫސްވަނީ ކޮންކަމަކާއިހެއްޔެވެ؟ ހުރިހާކަމެއް ތަދުބީރުކުރައްވަނީ ﷲ ތައާލާއެވެ. ތިބާގެ ރައްބުއަށް ފުރިހަމައަށް އީމާންވެ އިތުބާރުކުރާށެވެ."
***
"ހަމްޒާ އިޝާރާތްކުރީ ކާރާއި ދިމާލަށެވެ. އެކާރުގައި އިނީ ހުދު އިސްތަށިގަނޑެއްގެ ވެރިއެކެވެ. ހިތްހެޔޮ ކާފައެއްފަދައެވެ. ހަމްޒާ މިހެން އެހީތެރިވެ ހެޔޮވާންވީ ކިއްވެހެއްޔެވެ؟ އޭނަ އެގޮތް ބޭނުމެއްނޫނެވެ. އޭރުން ހުރިހާކަމެއް އިތުރަށް ގޯސްވާނީއެވެ. އޭނަ ކާރަށް އަރާފައި ދޮރު ލައްޕައިލީ އެނބުރި ބަލައިލުމެއް ވަދާއުގެ ލަފުޒެއް ބުނުމެއްނެތިއެވެ. ހަމްޒާއާއި ދިމާލަށް ހަޅޭއްލަވަން ލިބުނު ފުރުސަތު ނަގައިލެވުނީތީ އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ. އޭނަ ހާދަ ފިނޑިއެވެ. އޭނައަށް އިހުސާސް ކުރެވުނުގޮތް އެ ފިރިހެނާއަށް އެނގެން ޖެހޭނެއެވެ. އޭނައަށް އިހުސާސްވީ އިންތިހާއަށް ބޭވަފާތެރިކަމެވެ.
***
ސީލިންގައި އެނބުރެމުންދިޔަ ފަންކާގެ ފިޔަތައް އެނބުރޭ އަޑުން ހިމޭންކަން ކަނޑުވާލާފައިވިއެވެ. ދެތިން ބާލީހަށް ލެނގިލައިގެން އިން ޖަމީލާގެ އެސްފިޔަތައް ކުޑަކޮށް މެރިފައިވީ ވަރުބަލިވެފައިވާވަރުންނެވެ. ރަޖާގެ ކައިރިފަށުގައި އަތް ކާއްތަމުން ދިޔަގޮތުން ނެތް އެއްޗެއް ހޯދާފަދައެވެ. އެނދުކައިރީގައި ހުރި ގޮނޑިއެއްގައި ކަކުލުގައި އުޅަބޮށި ޖައްސާލައިގެން އިން ޒުބޭރުގެ ނަޒަރު ޖަމީލާއަށް ހުއްޓުނެވެ. އޭނަ ތަންކޮޅެއް ކުޑައިރު ޖަމީލާ ފެނުމުން ޖެހިލުންވެއެވެ. އަދިވެސް އެހާ ބަލިހާލުގައިވެސް އެފަދަ ޝަޚުސިއްޔަތަކާއި ބާރެއް ޖަމީލާއަށް ލިބިފައިވާކަހަލައެވެ. ކޮންމެފަހަރަކު މިރިއަމްއަށް އޭނަ ގޯނާކޮށް ޖެއްސުމެއްކޮށްލާފައި ދެން ޖެހެނީ އެތައް ދުވަހެއްވާންދެން ޖަމީލާއަށް ފިލައިގެން އުޅުމަށެވެ. އަދި ތަންކޮޅެއް ޅައިރު މިރިއަމް ހަމަ "ކްރައިބޭބީ"އެއްފަދައެވެ. މަންމަ އެހާވަރަށް އޭނަ ޅަކުރާނެއެވެ. ކުޑަ ޖެއްސުމެއްކޮށްލިޔަސް އެކުއްޖާފުޅު މަންމަ ގާތު ރޮއި ހަނާވެގެން މަންމަ ދިފާއުގައި އަންނަގޮތަށް މިރިއަމް ރޮއްވާލާ ކުއްޖަކު ކަނޑު ރަސްގެފާނަށް ކާންދޭނެކަމުގެ އިންޒާރުދެއެވެ.
"މާލޭ ޑޮކްޓަރަކާއި އަޅުގަނޑު ވާހަކަދެއްކިން.." އޭނަ ވާހަކަދައްކަން ފެށިއެވެ." ޖަމީލާއްތަ ބަލާ ދާގޮތަށް އެމީހުން ތިބީ..ރަގަޅު މަރުކަޒަކާއި ޕްރައިވެޓް ކޮޓަރިއެއް ތަޖުރިބާކާރު ޓީމަކާއެކު..އަދި މިސްރުން އަންހެން ނާރުގެ ޚާއްސަ ޑޮކްޓަރެއްވެސް އެބައާދޭ.."
"އަހަރެން ބުނެފީމެއްނު ނުދާނަމޭ... ކީއްވެ މިރިއަމްއަށް ގުޅީ؟ ކަމަކާއި ނުލާ އެކުއްޖާ ހާސްކުރުވުމުގެ މާނައެއް ނެތް.."
"މިބުނީ ކޮންމެހެން އެހާ އަވަސް އަރުވާލައިގެން މިއަދު ނޫނީ މާދަން ފުރާ ވާހަކައެއްނޫނޭ ޖަމީލާއްތަ.. ހަމަ ބޭނުންވަރަަކަށް ވަގުތު ނަގާ ނިންމޭނެ. މިތާގައި ރަގަޅު ސްކޭނެއް ނެހެދޭ، އެކަމުގެ ޚާއްސަ މާހިރެއްނެތް. ޖަމީލާއްތަ ޚަބަރު ހުސްވެގެން ވެއްޓުނީ. އިރުކޮޅެއްވާންދެން ހަމަހޭވެރިކަން ނެތް..އެހެންވީމަ ސްކޭންތަކާއި އެއްޗެހި ހަދައިގެން ބަލިދެނެގަންނަން ޖެހޭ....."
"އަޖަލު ޖެހުނީމަ އެފަރާތުން ގެންދަވާނެ..ވަގުތު ކަނޑައަޅުއްވާފައިވާއިރު މެޝިނަކުން ކީއްކުރާނީ؟"ޖަމީލާގެ ނަޒަރު ހުއްޓުނީ ސީލިންއަށެވެ.
"އެހެން އެކަން އޮންނަނީ........"އޭނަގެ ރާގު ސީރިޔަސްވިއެވެ." އެކަމަކު ބޭސްކުރަންވެސް ދީނުގައި އޮވޭ. މަރުގެ ވަގުތު ޖެހުމުން ފުރާނަ ގެންދެވިޔަސް ލޯބިވާ މީހުން ބޭނުންވާނެ ހަމަ ކުރެވެން އޮތްހާ މަސައްކަތެއްކުރަން.... އިންސާނުންނަށް އިޚުތިޔާރު ދެއްވާފައިވޭ..އެހެންނޫނަސް ތަންކޮޅެއް އަރާމުކޮށް ކަންތައް ގެންދެވޭނެ އެހީތެރިވާނެ މީހުންވެސް ތިބީމަ.."
"އެހެންވެ އަހަރެން ދަމާފައި އެތަނަށް ގެންދަން ތިއުޅެނީ؟ އަރާމުތަނަކަށް؟" ޖަމީލާގެ ނަޒަރު އޭނައަށް ހުއްޓުނެވެ. ކުޑަކޮށް ލޯ ކުޑަކޮށްލިއެވެ." ތޮއްޖެހިފައިވާ އެ މާހައުލުގައި އެމީހެއްގެ އަމިއްލަ ޚިޔާލުތައްވެސް އަމިއްލަ ނަފުސަށް އަޑުނީވޭވަރުގެ ތަނަކަށް؟ އެތަނެއްގައި ދުނިޔެ ފަހަތުން ދުވާތަނަކަށް؟"
އޭނަ ގުޑާވެސް ނުލާ ހިމޭނުން އިނެވެ.
"އެހެން މީހެއްގެ ބިމުގައި މަރުވާކަށް ބޭނުމެއްނުވޭ. ކަށްވަޅަށް ދަންޏާ އަމިއްލަ ފަސްގަނޑު މާހިތަށް ފަސޭހަ.އަހަރެންގެ މައިންބަފައިން ވިހާ ބޮޑުވެ ދުނިޔެ ދޫކުރީ މިތާ. އަހަރެންވެސް ހަމަ އެހެން. މީހަކާއި ކައިވެނިކޮށް މިރިއަމް ލިބުނީ މިތާގައި. އަދި އެ ކުޑަ ކުޑަ ފިޔަވަޅުތައް ފުރަތަމަ ބީހިލީވެސް މިތާ..."
އޭނަ އެވާހަކަތައް އަޑުއަހަން ހިމޭނުން އިންއިރު ކިތަންމެ ރަގަޅަށްވެސް ޖަމީލާގެ އިހުސާސްތައް އޮޅުން ފިލިއެވެ. ނަމަވެސް މިއީ ކުރީގެ ޒަމާނެއްނޫނެވެ. ބޯދާ ޚިޔާލުތަކާއެކު އެފަދަ ކަންތައްތަކަށް ބަރޯސާވެގެން ތިބެގެން ވާކަށް ނެތެވެ. އަރާމާއި ރާހަތުވަނީ އަތްފޯރާފަށުގައެވެ. އެންމެ ބަޓްންއަކަށް ފިތާލިޔަސް މަސައްކަތް ފަސޭހަވެދެއެވެ. އެކަމަކު ޖަމީލާތައް އަދިވެސް ހެދުން ދޮންނަން ބޭނުންވަނީ ދަނޑިއަކާއި ސައިބޯނިގަނޑަކުންނެވެ. ހޫނުން ސަލާމަތްނުވާފަދަ ދަބަރު ފަންކާއެކެވެ. ފޮށިގަނޑެއްކަހަލަ ޓީވީއެކެވެ. އެންމެ ދޮރެއް ހުރި ފްރިޖެކެވެ. ތަރައްގީގެ ފަހަތުން ދުވަން ޖެހޭނެކަމަށް އޭނަ ގަބޫލުކުރެއެވެ. ބުއްދި ދެއްވާފައިވަނީ ކޮން ބޭނުމެއްގައިހެއްޔެވެ؟
ޖަމީލާ އުޅަބޮށި ޖައްސާލައިގެން ކުޑަކޮށް ތެދުވުނެވެ."އަހަރެން ގެ މިރިއަމް ފޮނުވައިލީވެސް މަށެއްނޫން. މިރިއަމް ދިޔުމުގެ ކުރިންވެސް ބުނިން ޝަހަރުގެ މިހުން މީހުންގެ ހިތްވެސް ކައިލާނެއޭ...އެކަމަކު ދިޔައީ..."
އެވާހަކަދެއްކުމުން ހިތަށް އުދަގޫވީކަން ނޭގެއެވެ. މޭގައި ފިރުމަިއލާފައި އަނެއްކާ އެނދުގައި އޮށޯތެވެ.
"މިިއަމް ދިޔައީ ކީއްކުރަން؟"ލިބުނު ފުރުސަތުގެ ބޭނުން އޭނަ ހިފިއެވެ. މިރިއަމް ހުރީ ހަމްޒާއާއެކުގައި ކަން އޭނައަށް ވަނީ އެނގިފައެވެ. އެއާއެކުު ޖަމީލާގެ ތޫނު ދެލޯ ހުއްޓުނުގޮތުން އޭނަގެ ކަންފަތުފޫޅުގަނޑާއެކު ރަތްވިއެވެ. އެލޮލުން ފެންނަނީ ވިސްނުންތެރިކަމެވެ. އޭނަގެ ސިކުނޑިއަށްދާންދެން އެ ނަޒަރުން ސްކޭންކޮށްފިއެވެ.
"މިކޮޅުގައި އުޅުނީ އުފަލުންނެއްނޫން."ޖަމީލާ އަނެއްފަރާތަށް އެނބުރުނެވެ."މިރިއަމްގެ އުފާވެރިކަން ހޯދަން ދިޔައީމަ އަހަންނަށް ހުއްޓުވޭނެތަ؟"
"އެކޮޅުގައި ވާނެ ދުވަހެއް ނުބުނޭތަ؟"އޭނަގެ ކަރުތެރެ ބެދޭގޮތްވިއެވެ. ހަމްޒާއާއި މިރިއަމް އެއްތަނެއްގައި ތިބެ ވާހަކަދެއްކުމަށްފަހު އޭނަގެ ހިތުގައި ބުނެދޭން ނޭގޭކަހަލަ އޮއިވަރެއް ހިނގައިގަތެވެ. އަދިވެސް މޭ އަންދަނީއެވެ.
"ޒުބޭރު މިތަނަށް އައީ ކީއްވެ؟ ބޭނުން އެއްޗެއް މިކޮޅުން ނުލިބެއެއްނު.."
"މިކޮޅަށް މިއައީ ވާރުތައާއި ބެހޭ ކޭސްއެއް ނަގަންވެގެން.ދެބެންގެ ބިމާއިހެދި ބޮޑު އަރައިރުންގަނދެއް އޮވެގެންއެކަން ނިންމަން. ކުޑަ ރަށްތަކުގައި ޖެހޭ އެންމެ އާއްމު މައްސަލަ...."
"އެކަމަކު މަޑުކުރީ އެހެންވީމައެއްނޫން.."ހަގީގަތުގައި އޭނަގެ ނިޔަތް ތަފާތެވެ.
"އަޅުގަނޑު ބޭނުންވީ މިރިއަމްއާއި ކައިވެނިކުރަން..." އޭނަ ސީދާ މައުޟޫއަށް ދިޔައެވެ. ޖަމީލާ ކަޅި ޖަހާނުލައި ބަލަން އޮތްއިރު ހިތަށް އެރި އެއްޗެއް ނޭގެއެވެ.
"މިރިއަމް މިކަމާއިމެދު ދެކޭގޮތެއް ނޭގޭ."ކުއްލިއަކަށް ކޮޓަރީގެ ހިމޭންކަން އިތުރުވެ ފަންކާގެ އަޑުގަދަވިއެވެ.
"ފަސްއަހަރުވާންދެން ލޯ ކިޔަވައިގެން ރަގަޅު ވަޒީފައެއްލިބި އެންމެ މުސާރަ ބޮޑު ނޫނަސް ހަމަޖެހިގެން އުޅެވޭވަރުވޭ. ތިންކޮޓަރީގެ އެޕާޓްމެންޓަކާއި ކާރެއް އޮވޭ.."އޭނަ އިނީ އިސްޖަހާލައިގެންނެވެ." އަޅުގަނޑު ބޭނުމީ ޖަމީލައްތައާއި މިރިއަމް މާލެއަށް ބަދަލުވުން. ހުރިހާ ބޭސްފަރުވާއެއްކުރެވޭނެ ގޮތް ހަމަޖައްސައިދޭނަން. ޖަމީލާއްތަ ނުޖެހޭނެ އެއްވެސް މަސައްކަތެއްކުރަން..ޚާދިމާއިން ތިބޭނެ.."
ކުލަ ރީތި ހުވަފެނެކެވެ.ޔަގީނުންވެސް މިރިއަމް ދެކެން ބޭނުންވާނެ މުސްތަގުބަލެކެވެ.
"އާ ހަޔާތެއް ލިބުމުން ދުވަސްވީ ތަދުތައް ނެތިގެންދާނެހެން ހީވަނީތަ؟"
"ފަސޭހަ ދިރިއުޅުމުން ހުރިހާކަމަކަށް ލުއިވާނެ.. މިރިއަމްއަށްވެސް އެފަދަ ދިރިއުޅުމެއް ހައްގު، ޖަމީއްލާތައަށްވެސް.."
ޖަމީލާގެ އިނގިިތަކުގެ ހަރަކާތައް މަޑުޖެހިލިއެވެ. އަދި އެ ނަޒަރު ހުއްޓުނީ ފާރުގައި ދިގަށް ފަޅައިގެންގޮސްފައިވާ ތަނަަށެވެ. އެދިމާލުން ކުލަވެސް ކެހިގެން ފައިބާފައެވެ. އިރުކޮޅެއްފަހުން ޖަމީލާގެ އަޑު އިވުނެވެ.
"އެއް އިރެއްގައި ދުނިޔޭގެ ތަންތަނަކަށް ދަތުރުކޮށް އެފަދަ ތަނެއްގައި އުޅުމުގެ ހުވަފެން ދެކުނިން. އެކަމަކި ދުވަސްވާވަރަކަށް ހިމޭން މާހައުލެއް ކަމުދާންފެށީ. މިރިއަމްއަށްވެސް އެހެން ވާނީ. އެއީވެސް އެހާވަރުން ޝަހެރްގެ ދިރިއުޅުމަށް ލޯބިކުރާކަހަލަ ކުއްޖެއްނޫން. އެހުރިހާ އަޑުތަކާއެކު. މިރިއަމްގެ ފަރާތުން ހަމަ މަގޭ ސިފަ އެ ފެންނަނީ..ހަމަ އަހަރެން ކުޑައިރު....ދޯ.."އަމިއްލަ ނަފުސާއި ވާހަކަދައްކާ ފަދައިން ހީލިއެވެ.
"އެހެންވިއްޔާ މާލޭގައި މިރިއަމްއާއި މަންމައަށް ބެލްކަނީގައި ބަގީޗާއެއް ހައްދާނީ..އެތަނަށް މޫދުވެސް ގެންނާނީ...އެންމެ ރަގަޅުތާ މޫދު ދުރުން ފެންނަން އޮތަސް...ފުރުސަތެއް ދިނީމަ..."އޭނަގެ ހިތުގައިވީ އުއްމީދުގެ އަލިކަން ލޮލުން ފެނުނެވެ. ޖަމީލާ ޖަވާބެއް ނުދިނަސް ރަޖާއިން އިނގިލިތައް ވަކިވިއެވެ. އަދި އެލޮލުން މަޑުމޮޅިކަން ފެނުނެވެ.
***
ދޮރު ކުޑަކޮށް ހުޅުވާލާފައި ޒުލޭޚާގެ ފަހަތުން ސަޔާރާވެސް ވަނެވެ. ސަޔާރާގެ އަތުގައި ކޮށާފައި ހުރި މޭވާ ތަށްޓެކެވެ.
"ޖަމީލާއްތަ. ވަދެލާފައި ބައެއް ކަންތައްތައް ނިންމާލާފައި އަންނާނަން. މާލަހެއްނުވާނެ.."ޒުލޭޚާ ޒުބޭރުއަށް ބަލާލާފައި ހިނިތުންވެލިއެވެ."އަހަރެން އަންނަންދެން ސަޔާރާ ހުންނާނެ. އެހެންވީމަ ޒުބޭރުވެސް އެހާ ހާސްވާކަށް ނުޖެހޭނެ...."
"ޖަމީލާއްތަ. މި އަނބު ތަށި އެއްކޮށް ހުސްކޮށްލަން ޖެހޭނެ. ޒުލޭޚާ ހާދަވަރަކުން މި އަނބުތައް ބިނީ..."ސަޔާރާ މޭޒުމަތީގައި ތަށި ބެހެއްޓުމުން ޒުލޭޚާ ބުނެލިއެވެ. ޒުލޭޚާ ނުކުތްތަނާހެން ސަޔާރާވެސް ބޭރަށް ޖެހިލިއެވެ. އެންގުމަކާއި ނުލައި ޒުބޭރު އެގެއަށް އައުމަކީ ލެއްވި ރަހުމަތެއްފަދައެވެ. ސަޔާރާ އެކަނި ހުއްޓާ ޖަމީލާ ފިޓްޖެހުމުން ކިހާ ހާސްވާނެހެއްޔެވެ؟ޒުބޭރުއަށް ނާދެވުނުނަމަ ވާނެގޮތެއްވެސް ނޭގެއެވެ. އެކަމަކު އޭނައަށް ރަގަޅީ ޒުބޭރު ދެން މިގެއިން ދިޔައީމައެވެ. އޭނަވެސް ނެތިސް ޒުބޭރު އެގެއަށް ވަންކަން އެނގުމުން ޔަގީނުންވެސް މިރިއަމް ހިިތްހަމައެއް ނުޖެހޭނެއެވެ. ސަޔާރާ ވެސް އެކަން ދަނެއެވެ. އެދެމީހުންނަކީ ކުޑައިރުއްސުރެން ދެދުޝްމިނުންނެވެ.
ޖަމީލާގެ ބަސް ހުއްޓި ހިމޭންވިވަރު އަދި ޒުލޭޚާއާއި ސަޔާރާގެ ހަރަކާތްތަކަސް ޖަމީލާ ފަރަވީވަރު ޒުބޭރުއަށް ވިސްނުނެވެ. އެ ނަޒަރުގައި ކުރިން ވި ކުލުނާއި ވިދުން ގެއްލި ދުރުބީރައްޓެހިކަމެއް ފެނުނެވެ. ޒުލޭޚާގެ ވާހަކައަށް ބުމަ އަރުވައިލުން ފިޔަވާ ޖަވާބެއް ނުދިނެވެ. ކުރިން ކިހާ ރީތިކޮށް ވާހަކަދެއްކި ހެއްޔެވެ؟ ސަޔާރާ މަޑުމަޑުން ދޮރު ލައްޕައިލުމާއެކު އަނެއްކާ އެދެމީހުން އެކަނިވިއެވެ. ޖަމީލާ އޭނައާއި ދިމާލަށް މޫނު އަނބުރައިލިއެވެ. އެހެން މީހަކަށް އިވިދާނެތީ ވައި އަޑަކުން ވާހަކަދެއްކިއެވެ.
"އެދެމީހުން މިތަނަށް އައީ އަހަންނަށްޓަކާ އެއްނޫން.."
"މިގެ ބޭނުންވެގެން...އެލޮލުން އެކަން ފެނުނު..."
އެ ޖުމްލަތަކުން އޭނަ ސިހޭގޮތްވެފައި ހަށިގަނޑު ތެދުކޮށްލެވުނެވެ." ތިހެން ބުނީ ކީއްވެތަ؟ އެދެމީުން ޖަމީލާއްތައަށް އެހީތެރިވަނީ.."
ޖަމީލާގެ ނަޒަރު ހުރީ ދޮރަށް ހުއްޓިފައެވެ.
"އެމީހުން ހީކުރަނީ އެކަން އަހަންނަށްވެސް ނޭގޭކަމަށް. އެކަމަކު ހުރިހާ ކަމެއް އެނގޭ..އެމީހުން ބޭނުންވަނީ ހުރިހާ އެއްޗެއް ނަގަން. މިގެ. މި ބިން. ފާރުތައް. އަދި އަހަރެންގެ ދަރިފުޅުވެސް....."
ޒުބޭރު ހިމޭނުން އިނެވެ. މިއީ ޖަމީލާއެއްނޫނެވެ. ޔަގީނުންވެސް އޭނަ ދަންނަ ޖަމީލާއްތައެއްނޫނެވެ. އެކަމަކުވެސް ހަމަ އެ މޫނެވެ.އެ އަޑެވެ. އެކަމަކުވެސް ކޮންމެވެސް ކަމެއް ބަދަލުވެއްޖެއެވެ. ކުއްލިއަކަށް ހިޔަނިތަކުން ފުރިފައިވާ ހޯލަކަށް މަޑުމަޑުން ދޮރު ހުޅުވައިލެވުނުހެންނެވެ. ޖަމީލާ އަނެއްކާވެސް އަނެއް ފަރާތަށް އެނބުރި ރަޖާގެ ކަނުގައި ހިފަހައްޓައިލިއެވެ. އެމޫނުން ހާސްކަން ފެނުނެވެ.
"އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ނުގެނެދެވޭނެ. ޖަމީލާއްތަ ސަލާމަތުން ތިހިރީ.... "އޭނަ ޖަމީލާގެ ހިތަށް ހަމަޖެހުން ގެނެސްދޭން ބުނެލިއެވެ."ޒުބޭރުވެސް މިހިރީނު.."
"އެމީހުން މަސައްތަކުރިޔަދީ..."
ޒުބޭރުއަށް ހިންދިރުވައިލެވުނެވެ. ޖަމީލާ އަނބުތަށީގައި އަތްނުލައެވެ. ފަންކާގެ ވާޖިބު އަދާކުރަމުން ދިޔައެވެ.ކަންނެތްކަމާއެކު އަޑުގަދަކުރަމުންނެވެ. އޭނަ އެ އަނބުތަށި ނަގާފައި ޖަމީލާގެ ނަޒަރުގއަި އަޅައިގަންނަ ދިމާލެއްގައި ބެހެއްޓިއެވެ. އެ ރީދޫކުލައިގެން ޚިޔާލުތަކުން ނުކުމެވިދާނެކަމަށް ހީކޮށްފައެވެ.
"ޖަމީލާއްތާ. ސަޔާރާ އަނބު ކޮީ ހަމަ ޖަމީލާއްތައަށް ދޭންވެގެން...މިގޭ ގަހުން. ޖަމީލާއްތަ ބުނަމެއްނު މިގޭ ގޯތިތެރޭގައި ހިރި ގަހުގެ އަނބުހާ ފޮނި އަނބެއް ނުލިބޭނެއޭ..."
ޖަމީލާގެ ޖަވާބެއް ނުލިބުނެވެ. އޭނަ ގޮނޑިއަށް ލެނގިލިއެވެ.އަދި މޫނުގައި ދެއަތްތިލަ ޖައްސައިލާފައި އުނގުޅައިލީ މޫނުގެ މަސްތަކަށް ލިބިފައިވާ ވާންކަން ކަނޑުވައިލުމަށެވެ. އެއްވެސް ކަމެއް އޭނަ ބޭނުންވީގޮތަކަށް ނުދިޔައެވެ. އޭނަގެ ކައިވެނީގެ ހުށަހެޅުމާއި ތެދުވެރިކަމާއި އިންތިޒަރު މިހެން ނިމިދާނެކަމަކަށް ހިޔެއްނުކުރެއެވެ. އެކަމަކު ދުނިޔޭގެ ކަންތައް ހިނގާ އުސޫލުނޫންހެއްޔެވެ؟ އޭނަ ޕޯސްތްތައް ދެކެއެވެ. އެއްވެސް މީހެއްފެ ފަރާތުން އެއްވެސް ކަމަކަށް އުއްމިދުނުކޮށް އެމީހަކު އެހެން މީހުންނަށް އެހީތެރިވެދިނުމެވެ. އިންސާނުންނަށް ފިލާވަޅު ދަސްވަނީ މާ ފަހުންނެވެ. އޭނަ ކުޑަދޮރުން ބޭރަށް ބަލައިލިއިރު އުޑުމަތި އަނދިރިވެ ވައިލެޓްކުލައިގެ ތެރެއިން އޮރެންޖް ހިމ ރޮގުތައް ފައުޅުވާން ފަށައިފިއެވެ.
ޖަމީލާ ކުއްލިއަކަށް އެނދުން ތެދުވާން މަސައްކަތްކުރިއެވެ."ސައި ހަދަން ޖެހޭނެ. އިންތިޒާރުކުރުމަކީ އޭނަ ރުހޭކަމެއްނޫން.."
"ނޫން ނޫން ޖަމީލައްތަ އަރާމުކުރޭ. ތެދުވާނެކަމެއްނެތް. ކާކަށް ސައިހަދަން؟"އޭނަ އަވަހަށް ކައިރިއަށް އައެވެ. އެކަމަކު ޖަމީލާ ބަލިކަށިވިޔަސް ގޮދަޑީގެ ދެފަރާތުގައި ހިފަހައްޓައިގެން ތެދުވާން އުޅުނެވެ.
"ހެދުނު މަހަށް ދިޔަގޮތަށް އައީ..ބަނޑުހައިވެފައި ހުންނާނީ.."ޖަމީލާގެ ލޯ ހޯދަމުން ދިޔައީ ކޯޗެއްކަމެއްވެސް ނެގެއެވެ.
"ޖަމީލާއްތަ ކާކުގެވާހަކައެއް؟"
"މިރިއަމްގެ ބައްޕަ..."ޖަމީލާ ހައިރާންވީފަދަ ގޮތަކަށް ބަލައިލިއެވެ. ޒުބޭރު މޮޔައީހެއްޔެވެ؟
"މިރިއަމް ބައްޕަ ނާންނާނެއްނު. އޭނަ ނިޔާވެއްޖެ ޖަމީލާއްތަ ހަނދާނެއްނެތްތަ؟" އޭނަ ކަންބޮޑުވިއެވެ.
"ތިކަހަލަ ވާހަކަނުދައްކާ...މިގޭގައި ތިވައްތަރަށް ވިޔާނުދާ ވާހަކަދައްކައިގެންނުވާނެ. މިރިއަމްއަށް އޭނަގެ ބައްޕައާއި ބެހޭގޮތުން ތިކަހަލަ އެއްޗެއް ސަމާސާއަކަށް ބުނިކަން އެނގުނަސް ރުޅި އަންނާނެ...އެނގިއްޖެ؟"ޖަމީލާގެ އަޑު ބާރުވިއެވެ. ޒުބޭރުއަށް އެ ވާހަކަތައް އަހަން ފަސޭހައެއްނުވިއެވެ. މިރިއަމްގެ މަންމަ މިހާ ބަލިކަން މިރިއަމްއަށް ނޭގޭހެއްޔެވެ؟ މަންމަ ދޫކޮށްލާފައި އެހާ ދުރަށް ދިޔައީ ކީއްވެހެއްޔެވެ؟
***
މިރިއަމް އިނީ އިންޓަނެޓް ކެފޭއެއްގައެވެ. ނޫކުލައިގެ އަލި އޭނަގެ ސިކުނޑީގެ އެންމެ ފުނަށް ދަތުރުކޮށް އުދަގޫކުރުވިއެވެ. ލޯވެސް ކަރާގޮތްވިއެވެ. އޭނަ ކިޔަމުން ދިޔައީ ފިޓްޖެހުމާއި އަލްޒެއިމާސްއާއި ބެހޭގޮތުންނެވެ. އޭނަގެ ލޮލަށް ފުސްވާގޮތްވެ ކަންފަތް ކައިރިން ހިތުގެ ވިންދުގެ އަޑު އިވެންފެށިއެވެ.
ޕަރަނޯޔާ، ޑިސްއޮރިއެންޓޭޝަން، ފިކްސޭޝަން އޮން ސްޕެސިފިކް ފިއާސް،
"އަދި މަންމަ ފަހުގެ ވާހަކަތައް ހަނދާން ނެތި މާ ކުރީގެ މާޒީ ރަގަޅަށް ހަނދާން ހުރޭ...." މިރިއަމް ލޯ މަރާލުމާއެކު ދެ މަސްކުރީގެ މާޒީއަކަށް ދަތުރުކުރެވުނެވެ.
***
ޖަމީލާ ކުނާމަތީގައި ކާށްޓެއް ގާނަން އިންއިރު ހަންގަޑަށް އަލިއެޅިފައިވާގޮތުން ކޮންމެވެެސް ވަރަކަށް ރޫތައް ފެނުނެވެ. އެކަމަކު ދޮންވެފައި ވިދައެވެ. މިރިއަމް ހަމަޖެހިލައިގެން ސޯފާއަށް އަރާ އޮތީ ވާހަކަފޮތެއް ހިފައިގެންނެވެ. ހަވީރު ސަޔަށް މަންމަ ބޯކިބަލެއް އަޅަންދެން އިންތިޒާރުގައެވެ.
"މިރިއަމް..ވަޅި ދުށިންތަ؟" ޖަމީލާ އެހިއެވެ."މަންމަ މަސް ކަނޑަން ގެންގުޅެމެއްނު ފެހިކުލައިގެ މުށްގަނޑު ލާފައި އޮންނާނީ.."
"މިތާ އިނދެގެން ވަޅި ހޯދާނީ ކިހިނެއްތަ؟"އޭނަ އެވަރުން ވާހަކައަށް ގެއްލިފައި އިންދާ މަންމަ ސުވާލުކުރުމުން އުދަގޫވެ ރުންކުރުގޮތަކަށް ބުނެލެވުނެވެ. އެގޮތަށް ވާހަކަދެއްކުމުން ފަހުން ދުވަހަކުން ހިތާމަކުރަން ޖެހިދާނެކަމަށް އޭރު ހިޔެއް ނުުކުރެވެއެވެ.
"އަޖައިބެއް. ކޮންމެވެސް ތަނެއްގައި ބޭއްވުނު ހަނދާނެއްވޭ. ޒުލޭޚާ މިގެއަށް އައިސް...ކޮންމެވެސް އެހެން ތަނަކަށް ލާނީ.."
"ޒުލޭޚާ އެ ވަޅި ނަގަންވީ ކީއްވެ؟"އޭނަ މޫނު ހަދައިލިއެވެ.
"ނޭގޭ...."މަންމަވެސް ލޯ ހަނިކޮށްލިއެވެ."ބައެއްފަހަރު މީހުން އަންނާނީ ވަރަށް ހެވިފައި ތިބެ އެކަމަކު އެހެން މީހުންގެ އެއްޗެހި އަތުލަން ބޭނުންވާނެ.."
"މަންމާ. އެއީ އާދައިގެ ވަޅިގަނޑެއް..ޒުލޭޚާ ދައްތަވެސް މަންމަގެ އެއްޗެހިން ވައްކަމެއް ނުކުރާނެ..."އެހާ އޯގާތެރި ދުވަސްވީ އަވަށްޓެރިއެއްގެ ބޮލުގައި އެފަދަ އިލްޒާމެއް އެޅުވުމުން އޭނަވެސް ލަދުގަތެވެ.
މިރިއަމް ފޮތް ހިފައިގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އޭނަ ނުރުހުންވިކަން އެންގުމަށް ހިމޭން އިހުތިޖާޖެއް ކުރީއެވެ.
***
މިރިއަމް ބޭރަށް ނުކުތީ މަންމަ ހޫނު ސައި ތަށްޓެއް ތައްޔާރުކުރުމަށްފަހު ގޮވައިލުމުންނެވެ. ބޯކިބަލާއިއެކު ބަޖިޔާ އަދި ގަބުޅިބޯކިބާ ވެސް ހުއްޓެވެ.
"ލައިލާއާއި ދިމާވި ވާހަކަ ބުނެވުނު ދޯ..."
"މަންމާ..ލައިލާ މިރަށަކު ނޫޅޭ. މާލެއަށް ބަދަލުވިތާ ކޮން ދުވަހެއް؟"
"މަގުމަތިން ފެނިގެން ވާހަކަވެސް ދެއްކިން..."ޖަމީލާ އެސްފިޔަ ޖަހައިލިއެވެ.
"މަންމައަށް ހުވަފެނެއް ފެނުނީ.."ޢޭނައަށް ކަޅި އަނބުރައިލެވުނެވެ. އޭރުވެސް އަތުގައި އޮތީ ވާހަކަ ފޮތެވެ. މަންމަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ވާހަކަ ހަދައިގެން ދައްކާނެއެވެ. އޭނަ ކޮންމެހެންވެސް މިވާހަކައިން ވާގޮތެއް ބަލަން ބޭނުމެވެ.
***
މިރިއަމްއަށް ނިތްކުރީގައި އިނގިލިތަކުން ފިރުމައިލެވުނެވެ. ކުރީގެ އެކި ހަނދާންތައް އޭނަގެ ސިކުނޑީގައި ޖެހިގަނެގެން ރިހުމަކަށްވިއެވެ. މަންމަ ވަރުބަލިވެގެން ވީކަމެއްނޫނެވެ. އެއީ ހަމަ މަންމައަށް އޮޅުނީއެވެ. ކުރީގެ ހަނދާންތައް ފަހުގެ ކަންތައްތައްކަމުގައި ދެކުނީއެވެ. ޝައްކުވެސް ކުރެވެނީއެވެ. އެއީ ބަލީގެ ގޮތުންނެވެ. އަލްޒައިމާގެ ފެށުމެވެ. އޭނައަށް ނޭގުނީއެވެ. ކުށްވެރިކަމުގެ އިހުސާސްއިން އޭނަގެ ލޯ ފެންކަޅި ކުރުވިއެވެ. އެހާ ސީރިޔަސް މައްސަލައަކާއި ކުރިމަތިނުލާންވެގެން އޭނަ އެއްފަރާތްކޮށްލީ ބަލީގެ ކިތައް އަލާމާތްތައް ހެއްޔެވެ؟
ސްކޮލާޝިޕް މެއިލް ލިބުނުފަހުން އޭނަގެ ހުވަފެންތަކުގެ ތެރެއިން މަޑުޖައްސައިލަންވީ ކޮންކަމެއްކަން ފުރަތަމަ ފަހަރަށް އިހުސާސްވިއެވެ. އޭނައަށް އޮތީ ދެ އިޚުތިޔާރެވެ. އިންތިޒާރުގައި ބޭއްވޭނެ މުސްތަގުބަލެކެވެ. ދެން ހުރީ ފަހަރެއްގައި އަހަރެއްފަހުންވެސް އޭނައަކީ ކާކުކަން ހަނދާންނެތިދާނެ އޭނަގެ މަންމައެވެ.
ހޮޓަލަށް އެނބުރިގޮސް ނިދަން އުޅުމުންވެސް އެކި ޚިޔާލުތައް އުދަގޫކުރިއެވެ. އެކި ވިސްނުންތަކުން ސިކުނޑީގެ ހަމަޖެހުން ގެއްލުނެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ އޭނައަށް ހަމްޒާގާތު ހެދުނު ދޮގެވެ. އޭނަ ހުރީ ކައިވެނިކޮށްގެން ކަމުގައި ބުނެވުމެވެ. ހަޔާތުގެ އެތައް މައްސަލަތަކެއް ހައްލު ކުރަން ޖެހިއްޖެއެވެ. އެކަމަކު މި މައްސަލަ ހަމަޖައްސާނީ ކިހިނެއްހެއްޔެވެ؟ ހަމްޒާގާތު ތެދަށް ބުނަންވީއެވެ.
ނުނިމޭ