ދަރިމައިވުމުގެ ފަރުވާއާގުޅޭ ސްކޮލަޝިޕްތަކެއް ދިވެހި ޑޮކްޓަރުންނަށް ދޭން ނިންމައިފި

ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު -- ފޮޓޯ/ ރައީސް އޮފީސް

ދަރިމައިވުމާއި އެމްބްރިޔޮލޮޖީގެ ރޮނގުން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް، މެކް ފައުންޑޭޝަނުން ސްކޮލަޝިޕްގެ ފުރުސަތުތަކެއް ދޭން ނިންމާފައި ވާތީ، އެ ކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު މިއަދު ޝުކުރު އަދާކުރައްވައިފިއެވެ.

އެކަމަނާ މިވަގުތު ހުންނެވީ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި)ގެ ހަތްވަނަ ސަމިޓުގައި ބައިވެރިވުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައެވެ.

ސްކޮލަޝިޕްގެ ފުރުސަތު ދިވެހި ޑޮކްޓަރުންނަށް ދޭން ނިންމައިފައިވާކަން ސާޖިދާ ހާމަކުރެއްވީ އެ ސަމިޓުގައި ދެއްވި ތަގުރީރުގައެވެ.

މިއީ ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލުން މަދު، އެހެން ނަމަވެސް މުހިންމު ދާއިރާއެއްކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް ދިގު މުއްދަތުގެ ފަންނީ ގުޅުންތައް ދެމެހެއްޓުމުގެ ޝައުޤުވެރިކަން މި ތަގުރީރުގައި އެ ކަމަނާ ފާޅުކުރެއްވިއެވެ.

ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު -- ފޮޓޯ/ ރައީސް އޮފީސް

ސާޖިދާގެ ވާހަކަފުޅުގައި ރާއްޖޭގައި އަގުހެޔޮ، އަދި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ލިބޭނެ މަގުތައް ފަހި ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާފައި ވެއެވެ. އެ ގޮތުން ރާއްޖޭގެ ސިއްހީ ދާއިރާގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް ދިގު މުއްދަތުގެ ފަންނީ، ގުޅުންތައް ދެމެހެއްޓުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރެއްވިއެވެ.

ދުބާއީގައި މިހާރު ކުރިއަށްދާ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް އެމްއެފްއެފްއެލްއައިގެ ހަތްވަނަ ސަމިޓުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު -- ފޮޓޯ/ ރައީސް އޮފީސް

މީގެއިތުރުން، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކެންސަރު ސްކްރީނިންގްއާއި، ނަފުސާނީ ސިއްހަތާއި ގުޅުންހުރި ޚިދުމަތްތައް ރަނގަޅުކުރުމުގެ އިތުރުން، ސިއްހީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރުކުރުމަށް އެހީތެރިވުމުގެ މައްޗަށް މި ތަގުރީރުގައި ވަނީ ވާހަކަ ދައްކަވައިފައެވެ.

ހަމަ މިއާއެކު އެ ކަމަނާ ވަނީ، ދަރިމައިނުވުމާއި، މިންތީގެ ތަފާތުކުރުންތަކުން ލިބޭ އިހާނެތިކަމާއި، އަންހެނުން ބާރުވެރިކުރުމާއި، ހަކުރުބައްޔާއި ހައިޕަޓެންޝަން ފަދަ ބަލިތަކާއި، އެ ފަދަ އެހެނިހެން މައްސަލަތަކަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށް މެކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދެވުނު މަސައްކަތްތައް ވެސް، ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާ ކުރައްވައިފައެވެ.

އަދި އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވެދީ، އަންހެނުންނަށް އިންސާފު ލިބުމުގެ ފުރުސަތު އިތުރުކޮށްދީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެހީތެރިވެދީ، ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންގެ ދަށުން، އެ ޕޮލިސީތައް ތައާރަފުކުރުމާ ބެހޭގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ.

ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު -- ފޮޓޯ/ ރައީސް އޮފީސް

މެކް ފައުންޑޭޝަންގެ "މޯ ދޭން އަ މަދާ" ކެމްޕޭންގެ އެމްބެސެޑަރަކަށް ސާޖިދާ ވަނީ އައްޔަން ކުރައްވައިފައެވެ. އެކަމަށްޓަކައި އެ ފައުންޑޭޝަނަށް ސާޖިދާވަނީ ޝުކުރު އަދާކުރައްވައިފައެވެ.

comment ކޮމެންޓް