ބްރޯޑްކޮމްއަށް ޒަމްއަތު އައްޔަންކުރައްވައިފި

ޒަމްއަތު: ރައީސް މުއިއްޒު މިއަދު ވަނީ އޭނާ ބްރޯޑްކޮމްއަށް އައްޔަނުކުރައްވާފައި ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ޒަމްއަތު އަހްމަދު ވަހީދު މިއަދު އައްޔަނުކުރައްވައިފިއެވެ.

ޒަމްއަތަކީ، އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގެ މަގާމު ފުރުއްވަމުންދާ ބޭފުޅެކެވެ. އޭނާވަނީ މީގެ ކުރިން ޕަބްލިކް ސާވިސް މީޑިއާގައި ގިނަ އަހަރުތަކެއް ވަންދެން ނޫސްވެރިއަކަށް މަސައްކަތް ކުރައްވައިފައެވެ. އޭގެ އިތުރުން ބައެއް އަމިއްލަ މީޑިއާތަކުގައި ވެސް މަސައްކަތް ކުރެއްވިއެވެ. ޒަމްއަތު ވަނީ ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ހައްދަވައިފައެވެ.

ބްރޯޑްކޮމްއަށް ދެ މެންބަރަކު އައްޔަނު ކުރުމަށް ޓަކައި މިފަހުން ދެ ފަހަރަކު ވަނީ އިއުލާންކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ އިއުލާނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކޮމިޓީން އެންމެ މަތިން މާކްސް ދިނީ ޕީއެމްއެސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރަށް ނަމަވެސް މަޖިލީހުން ރުހުން ދިނީ ޓީވީއެމްގެ ޕްރެޒެންޓަރު މޫސާ ރިޟުވާނަށެވެ. އަދި މިދިޔަ މަހުގެ 15 ވަނަ ދުވަހު ރައީސް ވަނީ އޭނާ ބްރޯޑްކޮމްއަށް އައްޔަންކުރައްވައިފައެވެ.

މިދިޔަ މަހުގެ 12ގައި ރައީސް ވަނީ އެ ކޮމިޝަނަށް އައްޔަންކުރަން ހަ ބޭފުޅުންގެ އިތުރު ލިސްޓެއް ފޮނުއްވައިފައެވެ. އެއީ އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަވުމުންނެވެ.

އަނާގެ މަގާމަށް ރައީސް ފޮނުއްވި ލިސްޓުގެ ތަރުތީބަކީ:

  • ޒަމްއަތު އަހުމަދު ވަހީދު/ މަލަ، ގދ. ތިނަދޫ
  • އިބްރާހީމް އަޝްރަފް/ ވ. މަށަވެލި
  • މޫސާ ރިޟްވާން/ މ. ހާވިލާ
  • ޒީނާ ޒާހިރު/ އަތިރިގޭ، ގދ. ގައްދޫ
  • އަލީ ޔޫސުފް/ ބާރަނާ، ޅ. ހިންނަވަރު
  • ޝިމްލާ އަހުމަދު/ އާސްޓްރަލްގެ، ސ. ހިތަދޫ

ރައީސް ފޮނުއްވި ލިސްޓަށް ކޮމިޓީން މާކްސް ދިން ތަރުތީބަކީ:

  • ޒަމްއަތު އަހުމަދު ވަހީދު - 89.29 ޕަސެންޓް
  • ޒީނާ ޒާހިރު - 84.57 ޕަސެންޓް
  • ޝިމްލާ އަހުމަދު - 76.86 ޕަސެންޓް
  • އިބްރާހީމް އަޝްރަފް - 67.71 ޕަސެންޓް
  • އަލީ ޔޫސުފް - 64.17 ޕަސެންޓް

ކޮމިޓީން 70 މާކްސްއަށް ވުރެ މަތިން ލިބުނު ތިން ބޭފުޅުން ބްރޯޑްކޮމްގެ މެންބަރު ކަމަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި، ތަޅުމަށް ރިޕޯޓު ފޮނުވިއެވެ. އެއަށްފަހު މިދިޔަ ހޯމަ ދުވަހު ޒަމްއަތު ބްރޯޑްކޮމްއަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ ވޯޓުގައި ބައިވެރިވި 54 މެންބަރުންގެ އިއްތިފާގުންނެވެ.

ބްރޯޑްކޮމްއަށް އައު މެންބަރަކު އައްޔަންކުރެއްވިއިރު، އެ ކޮމިޝަން ތެރޭގައި އުފެދެނު މައްސަލަތަކެއް މިފަހުން ފެންމަތިވެފައެވެ. އެގޮތުން ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް މިދިޔަ މަހުގެ 18ވަނަ ދުވަހު ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ.

https://sun.mv/207459

އޭގެ ފަހުން ބްރޯޑްކޮމްއިން ވަނީ އެ ކޮމިޝަންގެ އެސްޖީ މަގާމުގައި ހުރި މަރްޔަމް ޒީނިޔާ ކޮމިޝަންގެ ނިންމުތައް ތަންފީޒުކުރުމަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، އޭނާ މަގާމުން ވަކިކޮށްފައެވެ.

އެ މައްސަލަ ޒީނިޔާ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފައެވެ.

comment ކޮމެންޓް