ޕޭޕާލް ނުގެނެވެނީ އެ ކުންފުނީގެ ވިޔަފާރީގެ ނިންމުމަކާ ގުޅިގެން: އެމްއެމްއޭ

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި ރައީސް ޑރ، މުހައްމަދު މުއިއްޒު: މުނައްވަރު ސޮއިކުރައްވައި ފޮނުއްވި ސިޓީއެއްގައި ވަނީ ޕޭޕާލް ނުގެނެވެނީ އެ ކުންފުނީގެ ވިޔަފާރީގެ ނިންމުމަކާ ގުޅިގެން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ފަސޭހައިން އޮންލައިން ފައިސާގެ މުއާމަލާތްތައް ކުރުމަށް ފަހިކޮށްދޭ ޕޭޕަލް ރާއްޖެއަށް ތައާރަފުކުރަން މަސައްކަތްތައް ކުރި ނަމަވެސް، އެ ޚިދުމަތް ރާއްޖެއަށް ފުޅާކުރެވިފައި ނުވަނީ ޕޭޕާލް ކުންފުނީގެ ނިންމުމެއްގެ ސަބަބުން ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

އެމްއެމްއޭއިން ޕޭޕާލް ގެނައުމާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއަކަށް ދިން ޖަވާބުގައެވެ.

މިދިޔަ އޭޕްރިލް މަހު ކުޑޫ ފޮނުއްވި ސިޓީގައި ވަނީ، ރާއްޖޭން ބޭރުން އަންނަ އޮންލައިން ޕޭމެންޓް ސިސްޓަމްތައް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ކަންކަން ބައްޓަން ކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް، ވެރިކަމަށް އެއް އަހަރާއި ހަތަރު މަސް ވީއިރު ވެސް ސަރުކާރުގެ އޮފީހަކުން ވިޔަސް އަދި ރާއްޖޭގެ ބޭންކަކުން ވެސް އެ މަސައްކަތް ކުރިއަށްގެންދާތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެމްއެމްއޭއިން ޖަވާބުގައި ފޮނުވި ސިޓީގައި ބުނީ، ޕޭޕާލްއަށް އެކަށީގެންވާ ޑިމާންޑެއް ރާއްޖޭގައި އޮތް ކަމަށް ބެލެވޭތީ އެ އޮތޯރިޓީން ޕޭޕާލްގެ ސަރަހައްދީ އޮފީހާއެކު 2020 ވަނަ އަހަރުގެ ތެރޭގައި މަޝްވަރާތަކެއް ފެށި ކަމަށެވެ. އަދި 2021 ވަނަ އަހަރާ ހަމައަށް ކުރި އެކިއެކި މަޝްވަރާތަކުން އެނގިފައިވަނީ ޕޭޕާލްގެ ޚިދުމަތްތައް ރާއްޖޭގައި އިތުރަށް ފުޅާ ކުރެވިފައި ނުވަނީ އެކަމުގައި ހުރި ގާނޫނީ ހުރަސްތަކަށް ވުރެ ބޮޑަށް އެ ފަރާތުގެ އިސްތިރާޖީ ނުވަތަ ވިޔަފާރީގެ ނިންމުމަކާ ގުޅިގެން ކަމަށް އެ ސިޓީގައިވެއެވެ.

"އެފަދަ ނިންމުންތަކަކީ އާ ގައުމެއްގައި އެ ފަރާތުގެ ޚިދުމަތްތައް ފެށުމަށް ނުވަތަ ފުޅާކުރުމުގައި އަމަލު ކުރާ އާންމު އުސޫލުގެ ދަށުން ފީސިބިލިޓީ އެސެސްމެންޓްތައް ހަދައި، އެއާ ގުޅިގެން އެފަދަ ކުންފުނިތަކުން ނިންމަވާ ނިންމެވުންތަކެވެ." އެމްއެމްއޭއިން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ ޕޭޕާލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފުކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ވެސް މިހާރު މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގައި އެމްއެމްއޭގެ ފަރާތުން ދެވެން ހުރި މައުލޫމާތުތައް ހިއްސާކޮށް، އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

މަރުކަޒީ ބޭންކުން ވަނީ ޒަމާނީ ޕޭމެންޓް ޚިދުމަތްތައް ތައާރަފުކޮށް، އެންމެ ރައްކާތެރިކަމާއެކު އައު އީޖާދީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަގުސަދުގައު، ގައުމީ ޕޭމެންޓް ސިސްޓަމްގެ ގާނޫނާއި ޕޭމެންޓް ޚިދުމަތްތަކާ ބެހޭ ގަވައިދު ހަދައިފައިވާކަން ފާހަގަކޮށްފައެވެ.

އެ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އެމްއެމްއޭއިން ދޭ ލައިސެންސާއި ހުއްދައަކާއެކު ރާއްޖޭގައި ޑިޖިޓަލް ވޮލެޓްތައް ނުވަތަ ޕޭމެންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދިނުމަގަޔާއި ލިބިގަތުމުގައި މި ވަގުތު އެއްވެސް ހުރަހެއް ނެތްކަން އެ އޮތޯރިޓީން ފާހަގަކުރިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖެއިން ވަނީ ޕޭޕަލް ރާއްޖެއަށް ތައާރަފުކުރުމަށް އެ ކުންފުންޏަށް ފުލް ޕްރޮޕޯސަލްއެއް ހުށަހަޅާފައެވެ. އޭގެ މަހެއް ފަހުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ ޕޭޕަލްއާއެކު ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ. އެއަށްފަހު، މިދިޔަ ނޮވެންބަރު މަހު އޭނާ ވިދާޅުވީ ގޮންޖެހުންތައް ހުރި ނަމަވެސް، މި އަހަރު ޒަމާނީ ޕޭމަންޓު ސިސްޓަމްތައް ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް އައިއިއު އެ ޚިދުމަތް ތައާރަފުކުރެވިފައި ނުވާއިރު، ޕޭޕާލްގެ ޚިދުމަތް ރާއްޖެއަށް ނުލިބުމަކީ ގިނަ ޒުވާނުންގެ ކަންބޮޑުވުމެކެވެ. އެގޮތުން އޭގެ ސަބަބުން ރާއްޖެއިން ބޭރަށް ވިޔަފާރިތައް ފުޅާކޮށް، ބޭރުން ފައިސާ ހޯދަން ދަތިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރެއެވެ.

comment ކޮމެންޓް