ޔުމްނު މައްސަަލަ: އިންކުއަރީ ރިޕޯޓު ހާމަކުރަން ރައީސް އަންގަވައިފި

ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން, އެ ގެއާ ޖެހިގެންހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން އިންކުއަރީ ނިންމައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހެޅި ރިޕޯޓު އެންމެނަށް ފެންނާނެހެން ހާމަކުރަން ރައީސް މިއަދު އަންގަވައިފިއެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ރައީސް ޑރ. މުއިއްޒު، އުފެއްދެވި ރިޔާސީ ކޮމިޝަނުން، މިއަދު ވަނީ ރައީސަށް ރިޕޯޓު އަރުވައިފައެވެ.

އެއާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސްވަނީ، އެ މަނިކުފާނަށް ރިޕޯޓު މިހާރު ލިބިފައިވާ ކަމަށް ހާމަކުރައްވައިފައެވެ. އަދި އެ ރިޕޯޓު އާންމުކޮށް އެންމެނަށް ފެންނާނެހެން، އާންމުކުރުމަށް އަންގަވައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް އެކުލަވައިލީ އޭޕްރީލް 27، 2025 ގައި ރައީސްގެ ގަރާރަކުންނެވެ.

މި މައްސަލަ ބެލި ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

  • ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
  • ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
  • ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
  • ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
  • އާމިނަތު އީނާސް، ހ. ހަބަރުގެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މި ޚާއްސަ ކޮމިޝަން އުފެއްދެވީ އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށެވެ. މި ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުއްވުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނެ ކަމަށް ރައީސްގެ ގަރާރުގައިވެއެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ވެއްޓުނު ވަގުތު އޭނާއާ އެކު ހުރި ރައުދު އަހުމަދު ޒިލާލެވެ. އެކަމަކު، އޭނާއަށް ވެސް ދައުވާކޮށްފައިވަނީ އެހީތެރިކަން ބޭނުންވެފައިވާ މީހަކަށް އެހީނުވުމުގެ ކުށުގައެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

އެ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. އެ ފަހުން އޭނާ ހައްޔަރުކުރީ އެ މައްސަލަައިގައި ގިނަ ބަޔެއްގެ ފާޑުކިޔުން ފުލުހުން އަމާޒުވެފައި ވަނިކޮށެވެ.

ފުލުހުންވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ. އެކަމަކު، އޭނާއާ ހަވާލާދީ އާއިލާގެ ފަރާތުން ވަނީ އެއީ އަމިއްލައަށް ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ.

comment ކޮމެންޓް