ފަސްޓް ލޭޑީސް އިނީޝިއޭޓިވް ސަމިޓަށް ސާޖިދާ ޔޫއޭއީއަށް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު: މާކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް ސަމިޓަށް މެޑަމް ސާޖިދާ ޔޫއޭއީއަށް ފުރާވަޑައިގެންފި -- ފޮޓޯ/ ރައީސް އޮފީސް

ހަތްވަނަ މާކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް (އެމްއެފްއެފްއެލްއައި) ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީއަށް މިއަދު ފުރާވަޑައިގެންފިއެވެ.

އެމްއެފްއެފްއެލްއައި ސަމިޓަކީ އިޖުތިމާއީ އަދި ސިއްހީ މުހިންމު މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ހައްލު ހޯދުމަށް ފަސްޓް ލޭޑީސް، ސިއްހީ ލީޑަރުން، އަދި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި ތަޖުރިބާކާރުން އެއްބައިވެ ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ފޯރަމެކެވެ.

މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމައިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އެފްރިކާ އަދި އޭޝިއާގެ ފަސްޓް ލޭޑީން މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ސަމިޓް އިފްތިތާހު ކުރުމުގެ ސެޝަނާއި ކޮމިޓީ ބައްދަލުވުމުގައި މެޑަމް ސާޖިދާ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ތަގުރީރުތަކުގައި އިޖުތިމާއީ ގޮތުން ދިމާވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމާއި، އަންހެން ކުދިންގެ ތައުލީމަށް ވަކާލާތުކުރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ހުނަރު މަދުވެފައިވާ ދާއިރާތައް ކުރިއަރުވައި، އިންސާނީ ވަސީލަތްތައް އިތުރުކުރުމަށް ވަކާލާތުކުރައްވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން، މި ސަމިޓުގައި މިދިޔަ އަހަރު ޓެންޒޭނިއާގައި ބޭއްވި "މާކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ"ގެ 11 ވަނަ އެޑިޝަނަށް ފަހު މާކް ފައުންޑޭޝަނާއެކު މިހާރު ކުރިއަށްދާ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސިއްހީ ޚިދުމަތުގެ މުހިންމު ދާއިރާތަކުން، ޚާއްސަކޮށް ދަރިމައިވުމާއި، އެމްބްރިޔޯލޮޖީގެ ދާއިރާއިން ހުނަރާއި އިލްމު އިތުރުކުރެއްވުމަށް، މާކް ފައުންޑޭޝަނާއެކު ހަރުދަނާ ގުޅުމެއް އުފައްދަވާފައެވެ. އަދި ދަރިމައިވުމާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ އިތުރުން ހަކުރު ބައްޔާއި ހައިޕަޓެންޝަނުން ރައްކާތެރިވުމަށް ވެސް ފައުންޑޭޝަނާ ގުޅިގެން އެކަމަނާ ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމަށް އެ އޮފީހުން ބުންޏެވެ.

comment ކޮމެންޓް