ފުލުހުން ފެނުމުން އަވަސް އަވަހަށް ދާން އުޅުނު މީހަކު ޑުރަގާ އެކު ހައްޔަރުކޮށްފި

އެ މީހާ އަތުން ފެނުނު މަސްތުވާތަކެތި: މި މައްސަލައިގައި ހައްޔަރުކުރީ ޒުވާނެއް -- ފޮޓޯ/ ފުލުހުން

ފުލުހުން ފެނުމުން އަވަސް އަވަހަށް ދާން އުޅުނު މީހަކު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗަކާ އެކު ހުޅުމާލެއިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ، އދ. މާމިގިލި / ފުނަމާގެ، މުޙައްމަދު ޢާލިމް (22އ) އެވެ.

އޭނާ ހައްޔަރުކުރީ ރޭ 00:41 އެހާކަންހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ހަތެއްގެ ގްރައުންޑް ފްލޯ ޕާކިން ޒޯނަށް ސައިކަލެއްގައި ވަދެ ފުލުހުން ފެނުމުން އަވަސް އަވަހަށް ސައިކަލް ޕާކްކޮށްފައި ދާން މަސައްކަތްކުރުމުން އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުގައި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެންނެވެ.

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާ އެކު ހައްޔަރުކުރި މީހާ: އޭނާގެ މައްސަލަ އަންނަނީ ތަހުގީގުކުރަމުން -- ފޮޓޯ/ ފުލުހުން

އެ ކޮތަޅުތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްގެ ވަގުތީ ބަރުދަނަކީ 259 ގްރާމް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ނުދިން ނަމަވެސް މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ދޭތެރެދޭތެރެއިން މީހުން ހައްޔަރުކުރެއެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައެވެ.

comment ކޮމެންޓް