މިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މަސައްކަތްކުރެއްވީ އޭރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެކޮޅަށްބާއޭ ހިތަށް އަރާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ރޭ ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް 2028ގެ ރިޔާސީ ރޭހަށް އެމްޑީޕީގެ ތެރޭގައި އަންނަނީ ބޮޑު ވާދަވެރިކަމެއް އުފެދެމުންނެވެ. ގިނަ ބަޔަކު އަންނަނީ އެ ނިޔަތުގައި މަސައްކަތްކުރަމުންނެވެ.
އެހެން އޮއްވައި ފައްޔާޒް އިއްޔެ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފައެވެ. ނަޝީދާއި ފައްޔާޒާ ދެ ބޭފުޅުންނަކީ ވެސް އަންނަ ރިޔާސީ އިންތިޚާބަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ދެ ބޭފުޅުންނެވެ. އެކަމަކު، އެ ބައްދަލުކުރެއްވުމުގައި އިންތިޚާބުގެ ވާހަކަނުދައްކާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީއާ ގުޅޭ ގޮތުން އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރީކޯ ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންކަމުގައި ހުންނަވައިގެން މިދިޔަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީއާ ދެކޮޅަށް މަސައްކަތްކުރި ޑިމޮކްރެޓްސްއާ އެކު އިންނެވުމަކީ އެންމެ ރަނގަޅުކަމެއްބާއޭ ސުވާލު އުފެދޭ ކަމަށެވެ.
"އަޅުގަނޑުމެން ސިޔާސީ ގޮތުން ހިޔާލު ތަފާތު ވިޔަސް ރައީސް ނަޝީދަކާ ދުރުބައެއް ނޫން، ވާހަކަދައްކާ އުޅެން... އެހެންނަމަވެސް އެމްޑީޕީއަށް އެންމެ ރަނގަޅީ އެ ގޮތްބާއޭ؟" އޭނާ ސުވާލު އުފެއްދެވިއެވެ.
އެއަށް ފަހު، ރީކޯ ވަނީ މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމްޑީޕީ ބައިބައިވެ، ޑިމޮކްރެޓްސް އުފެދުނުއިރު އެ ކަންކަން ރަނގަޅުކުރެއްވުމުގެ ބަދަލުގައި ހާލަތު ގޯސްކުރެއްވީ ކީއްވެތޯ ފައްޔާޒާ ސުވާލު ކުރައްވައިފައެވެ. އެއީ، ގަސްތުގައި އެ އިންތިޚާބު ގެއްލުވާލަން ކުރެއްވި ކަމެއްބާއޭ ހިތަށް އަރާ ކަމަށް ކުރިން މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ރީކޯ ވިދާޅުވިއެވެ.
"އޭރު ފައްޔާޒްގެ ވިސްނުމަކަށް ހުރީ ރައީސް ޞާލިޙަށް ނުލިބުންބާއޭ އަޅުގަނޑު ހިތަށް އަރަނީ. ނުލިބި ރައީސް މުއިއްޒަށް ފަހިވާގޮތަށް އެކަން ކުރުމަށްޓަކައި ފައްޔާޒް ކުރެއްވި ކަމެއްބާއޭ އަޅުގަނޑު ހިތަށް އަރައޭ އެ ގޮތަށް މިހާރު ވިދާޅުވީމާ،" އޭނާ ތުހުމަތުކުރެއްވިއެވެ.
"ފުރަތަމަ އަޅުގަނޑަށް ހީވަނީ ގައުމު ހަމަ މަގަށް އެޅުވުމުގެ ކުރީގައި އެމްޑީޕީ ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކަންނޭނގެ މިހާރު ކުރަންޖެހޭނީ،"
މީގެ އިތުރުން، އޭނާ ވަނީ އެމްޑީޕީގެ ތެރޭގައި ރިޔާސީ ޓިކެޓަށް ވާދަވެރިކަން ބޮޑުވެ އޮތް ބައިބައިވުން ނައްތާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން، އޭނާ ވިދާޅުވި ގޮތުގައި ނަޝީދާއި ފައްޔާޒްގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ޝައުގުވެރިކަން ވެސް ރިޔާސީ ޓިކެޓަށް އެބަހުއްޓެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ޝަމްހީދު ވެސް ވަނީ އެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.
ރީކޯ މޫސަ: އޭނާ ވަނީ ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެހެންވެ، ޕާޓީ ހިންގެވުމުގެ ބަދަލުގައި ރިޔާސީ ޓިކެޓަށް މަސައްކަތްކުރައްވާނަމަ އެންމެ ރަނގަޅުވާނީ ޕާޓީ ހިންގުމުގެ ކަންކަން އާންމު މެންބަރުންނާ ހަވާލުކުރެއްވިއްޔާ ކަމަށް ރީކޯ ވިދާޅުވިއެވެ.
"ތަންކޮޅެއް ބޮޑުވަރަކަށް މިހާރު އެކަން އެ ދަނީ،" އޭނާ ނުރުހުން ފާޅުކުރެއްވިއެވެ.
އެމްޑީޕީގެ ތެރޭގައި ރިޔާސީ ޓިކެޓަށް ވާދަވެރިކަން އޮތީ ބޮޑުވެފައެވެ. މިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެ ޕާޓީގެ އެތެރޭގެ ހިޔާލު ތަފާތުވުންތައް ވަރަށް ބޮޑުވިއެވެ. އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސްގެ ނަމުގައި ނަޝީދު އާ ޕާޓީއެއް އުފެއްދެވީ ވެސް ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމުންނެވެ.
އެ އިންތިޚާބުގައި ޑިމޮކްރެޓްސްއަށް ލިބުނީ ހަތް އިންސައްތަ ވޯޓެވެ. އެކަމަކު، ދެވަނަ ބުރުގައި ވެސް އެމްޑީޕީގެ ފަހަތަށް އަރަން އެ ޕާޓީން ވަނީ ދެކޮޅު ހަދައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން އެމްޑީޕީން ބޭރުކޮށްލުމުން ރީކޯ ވެސް ވަނީ ޕީޕީއެމާ ގުޅިވަޑައިގެން އެ ޕާޓީއާ އެކު މަސައްކަތްކުރައްވާފައެވެ. އެ ގޮތުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާ މަސައްކަތްކުރެއްވީ އެމްޑީޕީއާ ދެކޮޅަށް ޕީޕީއެމާ އެކުގައެވެ.