ޓްރަމްޕް އޯގަނައިޒޭޝަނުން 'ޓްރަމްޕް މޮބައިލް'ގެ ނަމުގައި މޮބައިލް ފޯނުގެ ޚިދުމަތެއް ފަށައި، ހޫނު މޫސުމުގެ ފަހުކޮޅު އެމެރިކާގައި އުފައްދާފައިވާ ސްމާޓްފޯނެއް ނެރޭނެކަން އިޢުލާންކޮށްފިއެވެ.
މިއީ އެޕަލް އާއި ސެމްސަންގް ފަދަ ބޮޑެތި ކުންފުނިތަކާ ވާދަކުރުމަށް އެޅި ފިޔަވަޅެކެވެ. މިކަން އިޢުލާންކުރެއްވީ ހޯމަ ދުވަހު ޓްރަމްޕް ޓަވަރުގައި ޓްރަމްޕްގެ ދެ ދަރިކަލުން ކަމަށްވާ އެރިކް ޓްރަމްޕް އާއި ޑޮނަލްޑް ޓްރަމްޕް ޖޫނިއާއެވެ. އެ ދެ ބޭފުޅުންނަކީ މިހާރު ޓްރަމްޕް އާއިލާގެ ވިޔަފާރި ހިންގެވުމާ ހަވާލުވެ ތިއްބެވި ބޭފުޅުންނެވެ.
ޓްރަމްޕް އޯގަނައިޒޭޝަނުން ބުނީ، "ޓީ1 ފޯން" ގެ ނަމުގައި އޮގަސްޓް މަހު ނެރޭ މި ފޯނަކީ އެމެރިކާގައި ފަރުމާކޮށް އުފައްދާފައިވާ ރަންކުލައިގެ، ޒަމާނީ ފެންވަރުގެ ސްމާޓްފޯނެއް ކަމަށެވެ. އެންޑްރޮއިޑްގައި މަސައްކަތްކުރާ މި ފޯނުގެ އަގަކީ 499 އެމެރިކާ ޑޮލަރު ކަމަށާއި، މިހާރުވެސް ޕްރީ-އޯޑަރަށް ޚާއްސަ ވެބްސައިޓެއް މެދުވެރިކޮށް ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް، މި ފޯނު އުފައްދަނީ ކޮން ކުންފުންޏަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މި މޮބައިލް ޚިދުމަތް މަސައްކަތްކުރާނީ އެމެރިކާގެ ބޮޑެތި ތިން ކެރިއަރުގެ ނެޓްވޯކް ބޭނުންކޮށްގެން، "މޮބައިލް ވާޗުއަލް ނެޓްވޯކް އޮޕަރޭޓަރު" އެއްބަސްވުމެއްގެ ދަށުންނެވެ. ކަސްޓަމަރުންނަށް އެ މީހުންގެ މިހާރުގެ ފޯނުތައް ބޭނުންކޮށްގެން ވެސް މި ޚިދުމަތް ހޯދޭނެއެވެ. އެ ކުންފުނިން ބުނީ ޚިދުމަތުގެ މައި ޕްލޭން، "47 ޕްލޭން" ގެ ނަމުގައި މަހަކު 47.45 ޑޮލަރަށް ލިބޭނެ ކަމަށެވެ.
އެމެރިކާގައި ފޯނު އުފެއްދުމަކީ ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެކެވެ. ރައީސް ޓްރަމްޕް ވަނީ އެޕަލް ފަދަ ކުންފުނިތަކުން އެމެރިކާގައި އުފެއްދުންތައް ނުފަށައިފިނަމަ އިތުރު ޓެކްސް ނެގުމުގެ އިންޒާރު ދެއްވާފައެވެ. ނަމަވެސް، ފޯނަށް ބޭނުންވާ ޑިސްޕްލޭ، ޕްރޮސެސާ، އަދި ކެމެރާ ފަދަ މުހިންމު ބައިތައް މައިގަނޑު ގޮތެއްގައި އުފައްދަނީ އޭޝިއާގައި ކަމަށްވުމާއި، އެކަށީގެންވާ ވަސީލަތްތަކާއި ފަންނީ މަސައްކަތްތެރިން އެމެރިކާގައި މަދުވުމުގެ ސަބަބުން، މިހާރު ދުނިޔޭގެ އެއްވެސް ބޮޑު ސްމާޓްފޯން އުފައްދާ ކުންފުންޏަކުން އެމެރިކާގައި ފޯނެއް އުފައްދަމުން ނުދެއެވެ.
ރައީސް ޓްރަމްޕް ވަނީ އާއިލީ ވިޔަފާރީގެ ދުވަހުގެ ކަންކަމުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. ޓްރަމްޕްގެ ޓްރޭޑްމާކްތައް ބަލަހައްޓާ ޑީޓީޓީއެމް އޮޕަރޭޝަންސް އިން ވަނީ "TRUMP" އަދި "T1" ގެ ނަން މޮބައިލް ފޯނާއި ވައަލެސް ޚިދުމަތަށް ބޭނުންކުރުމަށް ޓްރޭޑްމާކް ހުށަހަޅާފައެވެ.
މިކަމާ ގުޅިގެން އޭޓީއެންޑްޓީ، ވެރައިޒަން، އަދި ޓީ-މޮބައިލް އިން އަދި އެއްވެސް ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.
ޓްރަމްޕް އޯގަނައިޒޭޝަނުން އަލަށްފަށާ މި ވިޔަފާރިއަކީ، ޓްރަމްޕްގެ ނަން، އިމާރާތްކުރުމުގެ ދާއިރާއިން ބޭރަށް ފުޅާވެ، ޑޮނަލްޑް ޓްރަމްޕްގެ ސިޔާސީ ސަޕޯޓަރުންނާ ގުޅުންހުރި ދާއިރާތަކަށް ވަދެފައިވާ އެންމެ ފަހުގެ މިސާލެވެ. މިކަން މި އައީ، 'ޓްރޫތު ސޯޝަލް' ފަދަ ޕްލެޓްފޯމްތައް އުފެއްދުމާ ގުޅިގެންނެވެ.
މިއީ ޓްރަމްޕްގެ "އެމެރިކާ ފުރަތަމަ" އަދި "މޭޑް އިން ދަ ޔޫއެސްއޭ" ފަދަ ސިޔާސީ ޝިޢާރުތަކުގެ މައްޗަށް ބިނާކޮށް، އޭނާގެ ސަޕޯޓަރުންނަށް އަމާޒުކޮށްފައިވާ ވިޔަފާރިއެއްކަން ފާހަގަކުރެވެއެވެ.
މިފަދަ ޚިދުމަތް ދިނުމަށް ބޭނުންކުރާ 'މޮބައިލް ވާޗުއަލް ނެޓްވޯކް އޮޕަރޭޓަރު'ގެ މޮޑެލްއަކީ، އަމިއްލަ ނެޓްވޯކެއް ޤާއިމުކުރުމުގެ ބޮޑު ހޭދައެއް ނުކޮށް، މަޝްހޫރު ފަރާތްތަކާއި ބްރޭންޑްތަކުން މޮބައިލް ޚިދުމަތުގެ ދާއިރާއަށް ވަނުމަށް ބޭނުންކުރާ އާންމު އުސޫލެކެވެ.
މިފަދަ ކަމެއްގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލަކީ އެކްޓާ ރަޔަން ރެއިނޯލްޑްސްގެ 'މިންޓް މޮބައިލް'އެވެ. ނަމަވެސް، އެމެރިކާގައި ފޯނެއް އުފެއްދުމުގެ ދަޢުވާއަށް ގޮންޖެހުންތަކެއް ކުރިމަތިވަނީ، ސްމާޓްފޯނުގެ މުހިންމު ހުރިހާ ބައިތަކާއި އެއްކުރުމުގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ކުރަނީ އޭޝިއާގެ ޤައުމުތަކުގައި ކަމަށްވާތީއެވެ.