އެކި ރޯލުތަކަށް އެކްޓަރުން ތަފާތު ގޮތްތަކަށް ތައްޔާރުވެއެވެ. ބައެއް ފަހަރު ހާއްސަ ޓްރެއިނިން ނަގައެވެ. އަނެއްބައި ފަހަރު އެކްޓަރުންގެ ސިފައަށް ބޮޑެތި ބަދަލުތައް ވެސް ގެނެއެވެ. އަލަށް ނެރެން އުޅޭ ފިލްމު "ލޯބިން..؟" އަށް ލީޑް އެކްޓަރު ތާތި އާދަމް ވެސް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ.
މިދިޔަ އަހަރު ނެރުނު ފިލްމަކަށް އެކްޓަރު މަރިޔަމް އައްޒަ ވަނީ ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ. ފިލްމުގެ ރޯލަށް އައްޒަގެ ބަރުދަން އިތުރުކޮށްލައި މީހާ އެއްކޮށް ފަލަވިއެވެ. މިފަހަރު އޭގެ އިދިކޮޅެވެ. ތާތި މިއޮތީ ރޯލަށް ވަރަށް ބޮޑަށް ހިއްކާލާފައެވެ. އެއީ 16 ކިލޯގެ ތަފާތެކެވެ.
މިއަހަރު އޯގަސްޓް މަހުގައި ނެރުމަށް ހަމަޖެހިފައިވާ ލޯބީގެ ޑްރާމާ ފިލްމުގައި ތާތި ފެންނާނީ ލީޑުންނެވެ. މި ރޯލަށް ތައްޔާރުވުމަށް ޓަކައި ތާތި ވަރަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ހަށިގަނޑުން 16 ކިލޯ ލުއިކޮށްލުން މިއީ ކުޑަ ކަމެއް ނޫނެވެ.
ތާތި ބުނި ގޮތުގައި މި މަސައްކަތް ފެށީ ފުރަތަމަ ޗެލެންޖެއްގެ ގޮތުގައެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ ޗެލެންޖު ވަނީ އަމިއްލަ ދަތުރަކަށް ވެފައި ކަމަށް އޭނާ ބުނެއެވެ.
ރޯލަށް ޓަކައި މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެއަށްފަހު ހަށިގަނޑަށް ބަދަލު ގެނައުމަށް ޓަކައި ވަރަށް ބުރަކޮށް ތާތި ވަނީ މަސައްކަތް ކޮށްފައެވެ. މިކަމަށް ވަރަށް ވަރުގަދަ ޑިސިޕްލިން އެއް ބޭނުންވެއެވެ.
https://www.facebook.com/photo.php?fbid=10161848695817371&set=a.165180442370&type=3&ref=embed_post
ތާތި ބުނީ ފިލްމުގެ ކެރެކްޓަރަށް ތައްޔާރު ވުމަށް ޓަކައި ކޮށްފައިވާ ހުރިހާ ބުރަ މަސައްކަތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.
ތާރާގެ ރޯލުން ތާތި ފެނުމަށް ތައްޔާރުވާއިރު ތާތިގެ ދަތުރުގެ ނަތީޖާ ދައްކާލުމަށް ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވެއެވެ. މި ފޮޓޯއިން ފެންނަނީ ތާތި އެއް ހެދުމެއް ލައިގެން ހުރި ތަނެވެ. އެއް ފަޅިން ފެންނަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ކުރީން ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއަކީ މިދިޔަ އަހަރު އެޅުވި ފިލްމު "ސާޔާ"ގެ ޕްރިމިއާއަށް ތާތި ލައިގެން ދިޔަ ހެދުމާއެކު ނަގާފައިވާ ފޮޓޯއެކެވެ. އަނެއް ފަޅީން ފެންނަނީ 16 ކިލޯ ލުއި ކޮށްލުމަށްފަހު އެ ހެދުމާއެކު ނަގާފައިވާ ފޮޓޯއެކެވެ. ތަފާތު ބޮޑެވެ.
ކޮންމެއަކަސް ތާތި ވަނީ ފިލްމަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އިލްޔާސް ވަހީދު (އިއްލެ)ގެ ފުރަތަމަ ލޯބީގެ ފިލްމު ލޯބިން ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ ހައެއްގައެވެ. މި ފިލްމުގެ މަންޒަރުތައް ނަގައި މިހާރު ކުރިއަށް ދަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތެވެ.