ވިންޑޯސް 11އަށް އޭއައިގެ އާ ފީޗާތަކެއް

މައިކްރޮސޮފްޓު ވިންޑޯސް 11 އިންސައިޑާ ޕްރޮގްރާމްގެ ޑެވް ޗެނަލަށް އެންމެ ފަހުގެ ޕްރިވިއު އަޕްޑޭޓް ނެރެ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އަށް ބިނާކޮށްފައިވާ އާ ދެ ފީޗާއެއް ތަޢާރަފުކޮށްފިއެވެ.

މީގެ ތެރެއިން އެއް ފީޗާއަކީ "އޭއައި އެޖެންޓް"ތަކުގެ އެހީގައި ޔޫޒަރުން އާދައިގެ ލިޔުމަކުން ދޭ ކޮމާންޑްތަކަށް ސެޓިންގައި ބަދަލު ގެނައުމުގެ ގާބިލުކަމެވެ. މިސާލަކަށް، ޔޫޒަރަކު "މައުސް ޕޮއިންޓާ ވަރަށް ކުޑަ" މިހެން ލިޔުމުން، އޭއައި އެޖެންޓް އެކަން ހައްލުކުރުމަށްޓަކައި އަޅަންވީ ފިޔަވަޅުތައް ދައްކައިދީ، ޔޫޒަރުގެ ހުއްދައާ އެކު އަމިއްލައަށް އެ ބަދަލު ގެނެސްދޭނެއެވެ.

މި ފީޗާ މި ވަގުތު ލިބެނީ ސްނެޕްޑްރެގަން ޗިޕްސެޓް ބޭނުންކުރާ ކޯޕައިލޮޓް ޕްލަސް ޕީސީތަކަށް، އިނގިރޭސި ބަސް މައިގަނޑު ބަހެއްގެ ގޮތުގައި ބޭނުންކުރާ ވިންޑޯސް އިންސައިޑަރުންނަށެވެ. އަދި، އޭއެމްޑީއާއި އިންޓެލް ޗިޕްސެޓްތަކަށް ސަޕޯޓް ވަރަށް އަވަހަށް ލިބޭނެކަމަށް މައިކްރޮސޮފްޓުން ބުނެއެވެ.

ދެވަނައަށް ތައާރަފުކުރި އާ ފީޗާއެއްގެ ގޮތުގައި ޔޫރަޕިއަން އިކޮނޮމިކް އޭރިއާ (އީއީއޭ) ގެ ޔޫޒަރުންނަށް "ރިކޯލް" ފީޗާގެ ޒަރިއްޔާއިން ސޭވްކުރެވޭ ސްނެޕްޝޮޓްތައް، އެހެން އެޕްލިކޭޝަންތަކާއި ވެބްސައިޓްތަކަށް ޝެއާކުރުމުގެ ފުރުސަތު ވަނީ ތަޢާރަފުކޮށްފައެވެ.

މިކަން ކުރުމަށްޓަކައި، ޔޫޒަރުންނަށް ޚާއްސަ "އެކްސްޕޯޓް ކޯޑެއް" ބޭނުންވާނެއެވެ. މިއީ ރިކޯލް ފީޗާ ފުރަތަމަ ފަށާއިރު އެންމެ ފަހަރަކު ފެންނަ ކޯޑެކެވެ. ސްނެޕްޝޮޓްތައް ޝެއާ ކުރަން ބޭނުންވެއްޖެނަމަ، ފުރަތަމަ ވިންޑޯސް ހަލޯ މެދުވެރިކޮށް އޮތެންޓިކޭޓް ކުރުމަށް ފަހު، އެންކްރިޕްޓް ކުރެވިފައިވާ ސްކްރީންޝޮޓްތައް ޑިކްރިޕްޓް ކުރުމަށް މި އެކްސްޕޯޓް ކޯޑް ޖަހަންޖެހެއެވެ.

މައިކްރޮސޮފްޓުން ވަނީ އެކްސްޕޯޓް ކޯޑަކީ އެ ކުންފުންޏަށް އެކްސެސްނުވާ އެއްޗެއް ކަމަށާއި ގެއްލިއްޖެނަމަ އެ ކޯޑް އަލުން ހޯދައިދެވެން ނޯންނާނެކަން އަންގާފައެވެ. ކޯޑް ގެއްލިއްޖެނަމަ ނުވަތަ އެހެން މީހެއްގެ އަތްމައްޗަށް ހިނގައިދާނެ ކަމުގެ ބިރުހީވެއްޖެނަމަ، ރިކޯލް ފީޗާ ރީސެޓްކުރުމުގެ ފުރުސަތު އޮވެއެވެ. ރީސެޓް ކުރުމުން، ކުރިން ސޭވްކޮށްފައިވާ ހުރިހާ ސްނެޕްޝޮޓްތަކެއް ފުހެވޭނެއެވެ. އޭގެ ފަހުން، އަލުން ފީޗާ ފަށާއިރު އާ އެކްސްޕޯޓް ކޯޑެއް ލިބޭނެއެވެ.

ސްނެޕްޝޮޓްތައް އެކްސްޕޯޓް ކުރުމަށްޓަކައި، ޔޫޒަރުން ސެޓިންއަށް ގޮސް ޕްރައިވެސީ އެންޑް ސެކިއުރިޓީގެ ދަށުގައިވާ ރިކޯލް އެންޑް ސްނެޕްޝޮޓްސްއަށް ދިއުމަށް ފަހު އެޑްވާންސްޑް ސެޓިންގްސްއިން އެކްސްޕޯޓް ކުރަން ފެށޭނެއެވެ. މިގޮތުން، ފާއިތުވި ހަތް ދުވަހުގެ، 30 ދުވަހުގެ، ނުވަތަ ހުރިހާ ޑޭޓާއެއް އެއްފަހަރާ އެކްސްޕޯޓްކުރުމުގެ އިޚުތިޔާރު ލިބެއެވެ.

މީގެ އިތުރުން، "އެކްސްޕޯޓް ސްނެޕްޝޮޓްސް ފްރޮމް ނައު އޮން" އޮޕްޝަން ހުޅުވާލުމުން، އުފެދޭ އާ ސްނެޕްޝޮޓްތައް މެދުކެނޑުމެއްނެތި ޝެއާ ކުރާނެއެވެ. އަދި، ބޭނުން ކޮންމެ ވަގުތަކު މި ޝެއާކުރުން ހުއްޓާލުމުގެ އިޚުތިޔާރު ޔޫޒަރަށް ލިބެއެވެ.

މައިކްރޮސޮފްޓުން މި ފީޗާތައް ތަޢާރަފުކޮށްފައި މިވަނީ، ވިންޑޯސް އޮޕަރޭޓިން ސިސްޓަމްއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ މައި މަރުކަޒަކަށް ހެދުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ، "ކޯޕައިލޮޓް ޕްލަސް ޕީސީ" ގެ ނަމުގައި، އޭއައިއަށް ޚާއްސަކޮށްފައިވާ އާ ކޮމްޕިއުޓަރުތަކެއް ތަޢާރަފުކުރުމެވެ.

މި ކޮމްޕިއުޓަރުތަކާ އެކު އެންމެ ބޮޑު ސަމާލުކަމެއް ހޯދި އެއް ފީޗާއަކީ، ޔޫޒަރުގެ ހުރިހާ ހަރަކާތްތަކެއްގެ ސްކްރީންޝޮޓް ނަގައި، ފަހުން އެނބުރި ބަލާލެވޭ "ރިކޯލް"އެވެ. ނަމަވެސް، ޕްރައިވެސީއާއި ސެކިއުރިޓީއާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް މި ފީޗާއާ ގުޅިގެން ފެންމަތިވުމުން މައިކްރޮސޮފްޓުން ވަނީ އެކަން ހައްލުކުރުމަށްޓަކައި ބަދަލުތަކެއް ގެނެސް، އެއީ ޔޫޒަރު އަމިއްލައަށް ހުޅުވަންޖެހޭ (އޮޕްޓް-އިން) ފީޗާއަކަށް ހަދާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު