މިއަދުގެ ޙައްޖު ޚުޠުބާގައި ޙަމްދު ޞަލަވާތަށްފަހު އެންމެ ފުރަތަމަ ހަނދާން ކޮށްދެއްވީ އިސްލާމްދީން ވަނީ ތިން މަރުހަލާއެއްގައި ކަމެވެ. އެއީ އިސްލާމްކަމާއި އީމާންކަމާއި އިޙުސާންކަމެވެ. އަދި އީމާންކަމަކީ އުނިވެ އިތުރުވާ އެއްޗެއްކަމާއި އީމާންކަން އިތުރު ވަނީ ހެޔޮ ޢަމަލުން ކަމާއި ނުބައި ޢަމަލުތަކަކީ އީމާންކަން އުނިވާ ސަބަބެއް ކަމުގައި ބުނެދެއްވިއެވެ.
އީމާންކަމުގެ އެންމެ މަތީ ދަރަޖައަކީ މާތް ﷲ މެނުވީ ހައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އެއްވެސް އިލާހަކު ނުވާކަމަށް ހެކިވުންކަން މިއަދުގެ ޙައްޖު ޚުޠުބާގައި ބަޔާންކުރެއްވިއެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމާއި މީސްތަކުންނަށް އޯގާތެރިވުމާއި ރިވެތި އަޚުލާޤަކީ ވެސް އީމާންކަމުގެތެރޭ ހިމެނޭ ކަމެއް ކަން ބަޔާންކޮށްދެއްވިއެވެ. ލަދުވެތިކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައިކަން ބުނެދެއްވައި ފަޚުރުވެރިވާ މީހުންދެކެ ﷲ ލޯބިވެވޮޑިނުގަންނަވާނޭކަން ވެސް ބަޔަންކޮށްދެއްވިއެވެ.
މީސްތަކުންގެ މެދުގައި ބައިބައިވުން ނުބޭއްވުމަށާއި ރުޅިވެރިކަން އޮތް މީހުންނަށް ވެސް ހެޔޮ ބަދަލެއްގެ ގޮތުން ނޫނީ ރައްދު ނުދިނުމަށް ގޮވައިލެއްވިއެވެ. އަދި އެކަމަކީ ރުޅިވެރިކަން ފިލައިގޮސް އެކުވެރި ވެވޭނެ ސަބަބެއް ކަމުގައި ބުނެދެއްވިއެވެ.
ޙައްޖު ޚުޠުބާގައި ދެން ބައްލައިލެއްވީ އީމާންކަމުގެ ރުކުން ތަކަށެވެ. އެއީ ﷲއަށް އީމާންވުމާއި އާޚިރަތްދުވަހަށް އީމާންވުމާއި މަލާއިކަތުންނަށް އީމާންވުމާއި ފޮތްތަކަށް އީމާންވުމާއި އާޚިރަތްދުވަހަށް އީމާންވުމަށާއި ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ. ލަދުވެތިވުމަކީ އީމާންކަމުގެ ދެބައިކޮޅައެއްބައިކަން މުސްލިމުންނަށް ހަނދާން ކޮށްދެއްވިއެވެ.
އީމާންވުމުގައި ﷲގެ އިސްމުފުޅުތަކަށާއި އެއިލާހުގެ ސިފަފުޅުތައް އެނގުމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އެއިލާހަކީ ހުރިހާއެއްޗަކާއި ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހުކަމާއި ކަންކަމުއެދި އެއިލާހަށް ދުޢާކުރުމަށް ނަސޭހަތްތެރިވިއެވެ.

އަރަފާތުގައި ހައްޖު ޚުޠުބާ އަޑުއެހުން --
ޙައްޖު ޚުތުބާގައި ދެން ބައްލަވައިލެއްވީ އިސްލާމްކަމުގެ 5 ރުކުނަށެވެ. އެއީ ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އެއްވެސް އިލާހަކު ނުވާކަމަށް ހެކިވުމާއި ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ރަސޫލުކަމަށް ހެކިވުމަށެވެ. މާތް ﷲ ނޫން އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމަށް ގޮވައިލެއްވިއެވެ. މި ކަލިމައިގެ މަތީ ވާހަކަދެއްކުމަށް އަހުލުކިތާބުންނަށް ވެސް ﷲ ގޮވައިލައްވައިފައި ވާކަން ވެސް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
ހުރިހާ މުސްލިމުންނަށް ޚުޠުބާގައި ގޮވައިލެއްވީ ކަންކަމުއެދި ދެންނެވުން ވަނީ ހަމައެކަނި ﷲގެ ހަޟުރަތުންކަމަށެވެ. އެނޫން ފަރާތްތަކުން ގޮވައިދަންނަވައި ނުއުޅުމަށް ޙުޠުބާގައި ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. މިއީ ތައުޙީދުގެ ވާހަކައެވެ. އަދި އެއަށްފަހު ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ގެންނެވި ގޮތެއްގެ މަތިން ނޫނީ އެއިލާހަށް އަޅުކަންނުކުރުމަށް ވެސް ހަނދާންކޮށްދެއްވިއެވެ. އެކަލޭގެފާނު ފޮނުއްވިގެން ވަނީ ތަބާވުމަށް ކަމާއި އެ ނޫން ގޮތަކަށް އަޅުކަމުގެ އެއްވެސް ކަމެއް ކޮށްފި ނަމަ ބަލައިނުގަނެވޭނެކަން ބަޔާންކޮށްދެއްވިއެވެ.
ތިޔަބައި މީހުންގެތެރޭގައި ޚިލާފެއް އުފެދިއްޖެއްޔާ ﷲއަށާއި އެކަލާނގެ ރަސޫލާއަށް އެ ކަމެއް ރައްދުކުރުމަށް ގޮވައިލެއްވިއެވެ. އެބަހީ އެ ކަމުގެ ޙުކުމް ހޯދުމަށް ކީރިތި ޤުރުއާނަށާއި ޙަދީޘްތަކަށް އެނބުރިދާންވީއެވެ. ދީނުގެ ކަންކަމުގައި އަމިއްލަ ގޮތްގޮތް ނުހެދުމަށާއި ބިދުޢަތަކުން ސަލާމަތްވެ، ރައްކައުތެރިވެގެން ތިބުމަށް ވެސް އެންގެވިއެވެ.
ދެން އެއަށްފަހު އިސްލާމްދީނުގެ ދެވަނަ ރުކުނަކީ ނަމާދު ކަމުގައި ބަޔާން ކުރައްވައި، އެއީ ﷲއާ ގުޅުވައިދޭ ވަޞީލަތްކަން ބުނެދެއްވިއެވެ. ނަމާދަކީ ޠާހިރުކަމެއް ކަމާއި އޭގެން ޖިސްމުގެ ޠާހިރުކަމުގެ އިތުރަށް މައުނަވީ ޠާހިރުކަމެއް ގެނެސްދޭ ކަމަށް ކިޔައިދެއްވިއެވެ. އެއީ ހިތްތަކުގެ ޠާހިރުކަމެވެ.
ނަމާދުގެ އަހަންމިއްޔަތާއި ފައިދާތަކުގެ ވާހަކައަށްފަހު، އިސްލާމްކަމުގެ ރުކުންތައް ތަރުތީބުން ބަޔާންކޮށްދެއްވައި އެ ކަމުގެ ތަފްޞީލުތަކަށް ވެސް ޙައްޖު ޚުޠުބާގައި ބައްލަވައިލެއްވިއެވެ. ޒަކާތާއި ރޯދައިގެ ވާހަކައަށްފަހު ޙައްޖުގެ ވާހަކަ ވެސް ގެންނެވިއެވެ.

ދިވެހީން ހައްޖު ޚުޠުބާ އަޑުއަހަނީ -- ފޮޓޯ/ ހައްޖު މިޝަން
ޙައްޖުވެރިންނަށް މުޚާޠަބުކުރައްވައި ވިދާޅުވީ ﷲވަނީ ތިޔަބައި މީހުންނަށް އެ މަތިވެރި ފުރުޞަތު ދެއްވައިފައި ކަމެވެ. އަދި މި ދުވަހުގެ ޙައްޖު، ހުރިހާ ޙައްޖާޖީންގެ ކިބައިން ޤަބޫލުކުރެއްވުން އެދި ދުޢާކުރެއްވިއެވެ. އެއަށް ފަހު ނަސޭހަތްތެރިވަމުން ޚުޠުބާގައި ވިދާޅުވީ ޙައްޖުގައި ތިބޭހިނދު އަރައިރުންވެ ތަޅާނުފޮޅުމަށާއި އަރައިރުންނުވުމަށެވެ. ހަޑިހުތުރުބަސްތައް ބޭނުން ނުކުރުމަށާއި ކެތްތެރިކަމާއި ހިތްތިރިކަން އިސްކުރުމަށެވެ.
ދެން ޚުތުބާގައި ޙައްޖުވެރިންނާ މުޚާޠަބުކުރައްވައި ގޮވައިލެއްވީ "އޭ ޙައްޖުވެރެނޭވެ! ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޢަރަފާތުގައި މަޑުކުރެއްވިއެވެ. އަދި މެންދުރު ނަމާދަށްފަހު މަޣްރިބު ވަގުތާ ޖެހެންދެން ދުޢާކުރެއްވުމުގައި ހުންނެވިއެވެ. އެހެން ކަމުން ތިޔަބައި މީހުން ވެސް ދުޢާކުރުމުގައި އެ ވަގުތު ހޭދަކުރާށޭވެ!"
އެއަށްފަހު ޚުޠުބާގައި ޚުލާޞާކޮށް ބައްލަވައިލެއްވީ އިތުރު އެކަލޭގެފާނު އަދާކުރެއްވި ޙައްޖުގެ މަނާސިކުތަކަށެވެ. އެ ގޮތުން ޢަރަފާތުން މުޒްދަލިފާއަށް ވަޑައިގެން ކަމާއި އެ ތަނުގައި ރޭކުރެއްވުމަށްފަހު މިނާއަށް ވަޑައިގެން ޖަމްރަތުލް ޢަޤަބާއަށް ހިލަ އުއްކެވުމުން ފެށިގެންގޮސް ޙައްޖުގެ ހުރިހާ ކަމަކަށް ބައްލަވައިލެއްވިއެވެ.
މި ދުވަހަކީ (އެބަހީ، ޙައްޖު ދުވަހަކީ) ބަރަކާތްތެރި ދުވަހެއް ކަމާއި އެންމެ ގިނަ މީހުން ނަރަކައިން ސަލާމަތް ކުރައްވާ ދުވަހަކީ ވެސް މިއީ ކަމަށް ޚުޠުބާގައި ބުނެދެއްވިއެވެ. އެއަށްފަހު ވިދާޅުވީ މަލާއިކަތުންނާ މުޚާޠަބުކުރައްވައި ފަޚުރުވެރިކަމާ އެކު ﷲ ތަޢާލާ މަލާއިކަތުންނަށް ދަންނަވާ ދެންނެވުމެއްގެ ވާހަކައެވެ. ޢަރަފާތަށް އެއްވެތިބި މީހުން އެ އިލާހަށް ކުއްތަންވެ، އަޅުވެތިވެ، ކިޔަމަންތެރިކަމާ އެކު ތިބޭތިބުން މަލާއިކަތުންނަށް ދައްކަވައި އެކަމުގެ ފަޚުރު ﷲ ލިބިގަންނަވަމުން ވަހީކުރައްވާ ވާހަކަފުޅުތަކެވެ.
ދެން ޙައްޖުޚުޠުބާގައި ދުޢާކުރެއްވިއެވެ. ހުރިހާ ޙައްޖާޖީންނަށާއި އެބައިމީހުންގެ ޢައިލާތަކެށެވެ. މުޖުތަމަޢުތަކަށާއި ޤައުމުޤައުމަށެވެ. އަދި މުޅި އުންމަތަށް ހެޔޮދުޢާކޮށްދެއްވިއެވެ. މުސްލިމް އުންމަތަށް ރައްކާތެރިކަން ދެއްވުންއެދި ދުޢާތަކުރާރުކުރެއްވިއެވެ. އަދި ވަކިން ޚާއްޞަކޮށް ފަލަސްޠީނުގެ ރައްޔިތުންގެ ނިކަމެތި ޙާލުން ސަލާމަތްކޮށްދެއްވުންއެދި ދުޢާކުރެއްވިއެވެ. ޔަހޫދީން ނިކަމެތި ކުރެއްވުމަށާއި އެބައިމީހުންގެ ބާރުކެނޑުއްވުމަށް ވެސް ދުޢާ ކުރެއްވިއެވެ. އެ ވަގުތު ޙައްޖާޖީން އާމީން ކިޔަމުންދިޔަ އަޑު ވަރަށް ބާރަށް އިވުނެވެ.