އަންހެނެއްގެ ހެދުން އަޅައި، ސިފަ ނުފެންނަހެން މޫނު ބުރުގާ އަޅައިގެން ގޮސް ވަގަށް ނެގި 67،500 ރުފިޔާގެ އޮމެގާ ބްރޭންޑުގެ އަތުކުރީ ގަޑި، 10،000 ރުފިޔާއަށް ވިއްކައިލަން އުޅެނިކޮށް ފުލުހުން ގޮސް އެ ގަޑި ހޯދައިފިއެވެ.
ލަގްޒަރީ އަތުކުރީ ގަޑި އުފައްދާ ސްވިސް ބްރޭންޑެއް ކަމަށްވާ އޮމެގާގެ ގަޑިއެއް މާލޭގެ ފިހާރައަކުން ވަގަށް ނެގި މައްސަލައިގައި ގ. ސައިމާގޭ އުމުރުން 47 އަހަރުގެ މުހައްމަދު ސިމާދު ވަނީ މިދިޔަ އަންގާރައިގައި ކޯޓު އަމުރެއްގެ ދަށުން 15 ދުވަހަށް ބަންދުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އެ ގަޑި ވަގަށް ނެގީ ތިން މީހަކު ރާވައިގެން ކަމަށް ފުލުހުން ބުނެއެވެ.
އަމުރުގައި ބުނެފައިވަނީ، ކޯޓަށް ލިބިފައިވާ ސީސީޓީވީ ފުޓޭޖު ސްނެޕްޝޮޓްތަކާއި ބަޔާންތަކުން އެނގޭ ގޮތުގައި ސިމާދު އެ ގަޑި ވަގަށް ނެގީ، އަންހެން ހެދުމެއް ލައިގެން، ސިފަ ނޭނގޭހެން މޫނު ބުރުގާ އަޅައިގެން ހުރެއެވެ.
އޭރު ގަޑި ހޯދިފައިނުވާ ކަމަށް ފުލުހުން ބުނި ނަމަވެސް އެ ގަޑި އެހެން މީހަކަށް ވިއްކާލާފައިވާ ކަމަށް ބެލެވޭ ކަމަށް އަމުރުގައި އޮތެވެ.
ފުލުހުން މިއަދު "ސަން"އަށް މައުލޫމާތު ދިނީ، އެ ގަޑި 10،000 ރުފިޔާއަށް ވިއްކައިލަން އުޅެނިކޮށް ހޯދާފައިވާ ކަމަށެވެ. ނަމަވެސް ގަޑި ހޯދި ގޮތާއި މައްސަލައިގައި ހިމެނޭ އިތުރު ބަޔެއްގެ މައުލޫމާތެއް ހާމައެއްނުކުރެއެވެ.
މި މައްސަލައިގައި ބަންދުކޮށްފައިވާ ސިމާދަކީ ފާއިތުވެދިޔަ އަހަރެއްހައި ދުވަސް ތެރޭގައި ގިނަ ހައްޔަރާއި ބަންދުގެ ރެކޯޑު އޮތް މީހެކެވެ. އޭގެ ތެރޭގައި:
- މަސްތުވާތަކެތި ގަތުމާއި ވިއްކުމާއި ބޭނުންކުރުން
- ވަގުނޫޓު ގެންގުޅުން
- ސައިކަލު ވަގަށް ނެގުން
- ހަތިޔާރު ބޭނުންކޮށްގެން ފޭރުން
- ފިހާރަތަކުން ވައްކަން ކުރުން
ފުލުހުންގެ ތަފާސްހިސާބުން އެނގޭ ގޮތުގައި ވައްކަމުގެ މައްސަލަތައް އެއްމަހުން އަނެއް މަހަށް ދަނީ އިތުރުވަމުންނެވެ. އެ ގޮތުން މިދިޔަ މަހު އެކަނި ވެސް 310 ވައްކަމުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން ތަފާސްހިސާބުން އެނގެއެވެ.