ރޭ ދަންވަރު މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަޚަމްކޮށްލައިފިއެވެ.
ބިދޭސީންގެ މެދުގައި ހިންގާ މާރާމާރީތައް މިހާރު ދޭތެރެއަކުން މާލޭގައި ފެންމަތިވެއެވެ.
ފުލުހުން މިއަދު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ވަނީ މާލޭގެ ޝަހީދު ކުޑަނެވި ތުއްތުމަނިކު ހިނގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް ރޭގެ 03:10 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.
އަދި މި މާރާމާރީގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝްގެ ފިރިހެނަކަށް ކަމަށާއި އެ މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދާކަމަށެެވެ.
މާލެ ސަރަހައްދުގައި ތޫނު އެއްޗެހިން ހަމަލާދޭ މައްސަލަތަކަކީ މިހާރު ވަރަށް އާންމު ކަމަކަށް ވެފައިވާ މައްސަލަތަކެވެ. މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ ހުޅުމާލޭގައި ކެފޭއެއްގެ ކައިރީގައި މާރާމާރީއެއް ހިންގާ މީހެއްގެ ނޭފަތް ފަޅާލާފައެވެ.