ފަނޑިޔާރުން ސަސްޕެންޑް ކުރިތާ ދެ މަސް ފަހުން އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފި

އެޗްއާރުސީއެމްގެ ރައީސް މަރިޔަމް މުނާއާއި ނައިބު ރައީސް މޫމިނާ ވަހީދު: ފަނޑިޔާރުން ސަސްޕެންޑް ކުރިތާ ދެ މަސް ފަހުން އެޗްއާރުސީއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ/ އެޗްއާރުސީއެމް

ސަރުކާރުގެ މަސްލަހަތު އޮތް ދުސްތޫރީ މައްސަލައެއް, ސުމްރީމް ކޯޓުން ބަލަމުން ދަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރިތާ ދެ މަހާއި ދެ ހަފުތާ ވެފައި ވަނިކޮށް, އެކަމުގައި އަމަލު ކޮށްފައިވާ ގޮތާ މެދު ކަންބޮޑުވާ ކަމަށް, ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އިސް ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑް ކުރީ ސަރުކާރުން ބޭނުންވެގެން ފާސްކުރި, މެންބަރުންގެ ގޮނޑި, އިންތިޚާބު ކުރި ރައްޔިތުންގެ ބަހަކާ ނުލައި ސިޔާސީ ޕާޓީތަކަށް ގެއްލުވާލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ކުއްލި އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް ބަލަމުން ދަނިކޮށެވެ.

އެ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައި ވަނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ސަސްޕެންޑުކުރިއެވެ.

https://www.sun.mv/205873

އޭގެ ތެރެއިން ސުއޫދު އިސްތިއުފާ ދެއްވިއިރު, މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީއިން ފާސްކޮށް ވަނީ މަޖިލީހަށް ފޮނުވައިފައެވެ. އަދި މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީން ވަނީ ދެ ފަނޑިޔާރުން ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައި ވަނިކޮށް އެ ފުރުސަތު ނުދޭން ނިންމައި, ކޮމެޓީ ސިއްރު ކުރުމަށް ފަހުގައި އެ ދެ ފަނޑިޔާރުން ވަކި ކުރަން ނިންމައި ތަޅުމަށް މިދިޔަ އާދިއްތަ ދުވަހު ފޮނުވައިފައެވެ.

މި މައްސަލަ މިހާތަނަށް ތަޅުމުގައި އެޖެންޑާ ކޮށްފައެއް ނުވެއެވެ.

އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައިވަނިކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގާނޫނީ އަދަދު މަދުކުރުމަށް ކަނޑައަޅައި، އެ ބިލު މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެ ދުވަހު ތާވަލުކޮށްފައިވާ ދުސްތޫރީ މައްސަލައިގެ ޝަރީއަތުގެ މަޖިލިސް ފެށުމަށް ކުޑަތަންވެފައިވަނިކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ތިން ބޭފުޅަކު ސަސްޕެންޑް ކުރުމަށް ޖޭއެސްސީއިން ނިންމިކަން ވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އެއަށް ފަހު ކޮމިޝަނުން ބުނެފައި ވަނީ އެ ކަންކަމަކީ އެ ދުސްތޫރީ މައްސަލަ ކުރިއަށްގެންދިޔުމަށް ހުރަސްއެޅިގެންދާ ގޮތަކަށް، އަދި މައްސަލައިގައި ޝަރީއަތްކުރައްވާ ފަނޑިޔާރުންނަށާއި އެ މައްސަލައިގެ އިޖުރާއަތުތަކަށާއި ނިންމުންތަކަށް ނުރަނގަޅު ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެއްކަމުގައި ބެލުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތަތީ، އެއީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ހަމަ އެެހެންމެ ފަނޑިޔާރު މަޙާޒާއި އަޒްމިރަލްދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމުމުގައި ޖޭއެސްސީންނާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އަމަލު ކޮށްފައިވާގޮތާއި އިޖުރާއަތުތައް ތަރުތީބު ކުރި ގޮތުގެ ސަބަބުން އެ ކޮމިޝަނުން ކަންބޮޑުވާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ކޮމިޝަނުން ބުނީ ބައިނަލްއަގުވާމީ ގާނޫނީ މަސްދަރުތަކާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި، އދ ގެ ރިޒޮލިއުޝަންތަކުގައި ފަނޑިޔާރުންގެ މިނިވަންކަމަށް ގޮވާލާފައިވާ ކަމަށެވެ. އެގޮތުން، އ.ދ. ގެ "ބޭސިކް ޕްރިންސިޕަލްސް އޮން ދަ އިންޑަޕެންޑެންސް އޮފް ދަ ޖުޑީޝަރީ (1985)" ގައި ޝަރުއީ ދާއިރާގެ މިނިވަންކަން ކޮންމެ ދައުލަތަކުންވެސް ކަށަވަރުކޮށްދޭންވާނެ ކަމަށާއި، ޝަރުއީ ދާއިރާގެ މިނިވަންކަމަށް އިހުތިރާމްކޮށް، އެކަންކަން ނަގަހައްޓާ ދެމެހެއްޓުމަކީ ކޮންމެ ދައުލަތެއްގެވެސް ޒިންމާއެއްކަމާއި، ޝަރުއީ ދާއިރާގެ ނިންމުންތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުވަތަ ބާރުފޯރުވުމެއް އޮވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާކަން ކޮމިޝަނުން ހަނދާން ކޮށްދިނެވެ. އަދި ހަމަ އެހެންމެ މިއީ ގާނޫނުއަސާސީގައި ވެސް ބަޔާންކުރާ އުސޫލުކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

https://www.sun.mv/205883

ކޮމިޝަނުން ބުނީ އެއްވެސް މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވިއްޖެނަމަ، އިންސާފުގެ އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް، އެ މީހެއްގެ މައްޗަށް އެއްކިބާވެފައިވާ، އިންސާފުވެރި ޝަރީއަތެއް ހިންގައި، ގާނޫނު ހުއްދަކުރާ އަދި ގާނޫނީގޮތުން ބުރަދަންހުރި ހެކީގެ މައްޗަށް ބުރަވެ މެނުވީ ހުކުމެއް ކުރުމަކަށް ނުވަތަ ނިންމުމެއް ނިންމުމަށް އަދުލު އިންސާފުގެ އެއްވެސް ހަމައެއް ފުރުސަތު ނުދޭ ކަމަށެވެ. އެގޮތުން އަދުލުވެރި އަދި އިންސާފުވެރި ޝަރީއަތެއްގެ އުންސުރުތަކުގެ ތެރޭގައި އެ މީހެއްގެ މައްޗަށް ކުރެވުނު ތުހުމަތަކީ ކޮބައިކަން ސާފުކޮށް އެނގުމާއި، އެ މީހެއްގެ ދިފާއުގައި ލިޔުމުންނާއި އަނގަބަހުން ޖަވާބުދާރީ ވުމުގެ ހައްގު ލިބިދިނުމާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމާއި، ހުކުމް ނުވަތަ ނިންމުން ބިނާކުރި ސަބަބުތައް އެނގުމުގެ ހައްގު ހިމެނޭކަމަށް ގާނޫނުއަސާސީ އާއި ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އިތުރު ތަފުސީލުގެ ގޮތުގައި އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ޤާނޫނުއަސާސީ އާއި އދގެ "ބޭސިކް ޕްރިންސިޕަލްސް އޮން ދަ އިންޑަޕެންޑެންސް އޮފް ދަ ޖުޑީޝަރީ (1985)" ގައި ވާ ގޮތުން، އެއްވެސް ފަނޑިޔާރަކު އެ ފަނޑިޔާރުގެ މަގާމުން ވަކިކުރަންވާނީ ނުވަތަ ސަސްޕެންޑް ކުރަންވާނީ، އެ ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ނުކުޅެދުން ނުވަތަ ފަނޑިޔާރުކަމާއި އެކަށީގެންނުވާ ޣައިރުސުލޫކީ ޢަމަލެއް ހިންގުމުގެ ސަބަބުން ކަމަށެވެ. އަދި އެ ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ނާގާބިލުކަމަށް ފެނިއްޖެ ހާލަތެއްގައި އެކަނި ކަމަށް ބަޔާންކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ. އެހެންކަމަށް ވުމާއެކު، ފަނޑިޔާރެއް އެ ފަނޑިޔާރުގެ މަގާމުން ވަކިކުރުމުގެ ބޭނުމަށް ކުރެވޭ ތަހުގީގުގައި، އެ ފަނޑިޔާރެއް މަގާމުން ވަކިކުރުމަށް ނިންމާ ނިންމުމުގެ އެންމެހައި އިޖުރާއަތުތައް ތަރުތީބުކުރަންވާނީ، ތަބީއީއިންސާފުގެ ހަމަތަކާއި އުސޫލުތަކާއި، އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމުގައި ތަތުބީގުކުރުން ލާޒިމު ހަމަތަކުގެ މައްޗަށް ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

"ޑިއު ޕްރޮސެސް އޮފް ލޯ ނެގެހެއްޓުން ނުވަތަ އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އިޖުރާޢަތުތަކާ އެއްގޮތްވާ ގޮތުގެ މައްޗަށެވެ. މިއީ އެ ނިންމުމެއް ރައްދުވާ ފަރާތުގެ އަސާސީ ޙައްގުތައް ނެގެހެއްޓުމަށް، އެކުއެކީގައި ތަންފީޒުކޮށް ކަށަވަރުކުރަންޖެހޭ ޤާނޫނީ އަދި އުސޫލީ ހަމަތަކެކެވެ." އެޗްއާރުސީއެމުން ބުންޏެވެ.

ކޮމިޝަންގެ ބަޔާނުގައި ބުނެފައި ވަނީ އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން ދަ އިންޑެޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔާސް މާގަރެޓް ސެޓާތުވެއިޓް، މި ޙާލަތާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ޖޭއެސްސީއިން ކުރިއަށް ގެންދިޔަ ތަހްގީގުތަކަށް ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު އެކަށީގެންވާ ގޮތުގައި ލިބިދީފައި ނުވާކަމަށާއި، ތުހުމަތު ކުރެވޭ މައްސަލަ ބިނާކުރި ސަބަބުތައް ސާފުކޮށް އޮޅުންފިލުވައިދީފައި ނުވާކަމަށާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމަށް ހުރަސްއަޅާފައިވާކަމަށް ބަޔާންކޮށް ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށެވެ.

އެ ކަންކަމާ ހަވާލާދީ އެޗްއާރުސީއެމުން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެ ފަނޑިޔާރުން އެދިވަޑައިގެންފައި ވީނަމަވެސް، އެފަދަ އެއްވެސް ފުރުސަތެއް ދިނުމަކާ ނުލައި، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުންތައް ވެސް ސިއްރުކޮށް، ފަނޑިޔާރުން ވަކި ކުރުމަށް ފާސްކޮށްފައި ވުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެޗްއާރުސީއެމުން އިތުރަށް ބުނީ, މިނިވަން ދިމިގުރާތީ ގައުމުތަކުގައި ޝަރުއީ ދާއިރާގެ ޤާނޫނުތަކަށް އިސްލާޙު ގެނައުމުގައި، އޭގެ ސަބަބާއި މަގުސަދު ސާފުކޮށް ބަޔާންކޮށް، ގާނޫނީ އިޖުރާއަތުތައް ދަމަހައްޓައި، ގާނޫނީ ފަންނުވެރިންނާއި މަދަނީ މުޖުތަމައުގެ ޚިޔާލު ހޯދައި، ހާމަކަން ބޮޑު ގޮތެއްގައި އިސްލާޙުތައް ގެންނަ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ޕީއެންސީން ހުށަހަޅާފައިވާ އިސްލާހަކީ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާއާ ޚިލާފު، އަދި ގާނޫނީ އަދި ދުސްތޫރީ ހަމަތަކާ ޚިލާފު އިސްލާޙެއްކަމަށް އެ ކޮމިޝަނުން ދެކޭތީ، މިކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހިއްސާކޮށްފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެ އިސްލާޙު ގެނައުމުގެ ބިލު ތަސްދީގު ނުކުރެއްވުމަށް ނިންމަވައި، ރައްޔިތުންގެ މަޖިލީހުން ދެވަނަ ވިސްނުމަކަށް ވަޑައިގަތުމަށް އެދި އެ ބިލު އަނބުރާ ފޮނުއްވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއްކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ދުސްތޫރީ އަދި ދިމިޤްރާތީ އުސޫލުތަކާއި، ގާނޫނުގެ ވެރިކަން ނަގަހައްޓައި، ދިވެހި ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމަށް އިހްތިރާމްކުރުމާއެކު، ބައިނަލްއަގުވާމީ އިލްތިޒާމުތައް ކަށަވަރުކުރުމަށް އެންމެހައި ދައުލަތުގެ މުއައްސަސާތަކަށް އެ ކޮމިޝަނުން ގޮވާލާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒާއި އަޒްމިރާލްދާ, މަޤާމުން ވަކިކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމުގެ ކުރިން، ހާމަކަމާއެކު ކުރިއަށް ގެންދެވޭ އިޖުރާއަތުގެ ތެރެއިން، ޢަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް، ޖަވާބުދާރީވުމުގެ އެކަށީގެންވާ ފުރުސަތު އެ ފަނޑިޔާރުންނަށް ފަހިކޮށްދި ނުމަށާއި އަދުލުވެރި އަދި ތަޢައްޞުބުން އެއްކިބާވެފައިވާ ނިންމެވުމަކަށް ވާސިލުވެވޭނެ ގޮތެއްގެ މަތީން، އެ ފަނޑިޔާރުންގެ އަސާސީ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްއާރުސީއެމުން މި މައްސަލާގައި ދެ މަހާއި ދެ ހަފުތާ ފަހުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އދ. އާއި ބައިނަލްއަގުވާމީ އެހެން ގިނަ ޖަމިއްޔާ ޖަމާއަތްތަކަކުން ވަނީ މި މައްސަލާގައި އަމަލުކޮށްފައިވާ ގޮތާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅު ކޮށްފައެވެ.

ނަމަވެސް ފާހަގަ ކޮށްލެވޭ ގޮތުގައި, ހިނގަމުން އަންނަ ސަރުކާރަކަށް ތުހުމަތު ކުރެވޭ މިފަދަ އަމަލުތަކެއް ކުށްވެރިކޮށް އެއްޗެއް ބުނުމަކީ ރާއްޖޭގެ މިނިވަން މުއައްސަސާތަކުން މިހާތަނަށް އާއްމުކޮށް ކޮށްފައިވާ ކަމެއް ނޫނެވެ.

comment ކޮމެންޓް