ޝާހުގެ ފިލްމު 'ކިންގް'އަށް އަނިލް ކަޕޫރު

އިންޑިއާގެ އެކްޓަރު އަނިލް ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާންގެ އާ ފިލްމު "ކިންގް"ގެ ކާސްޓާ އެކްޓަރު އަނިލް ކަޕޫރު ގުޅިއްޖެ ކަމަށް ބޮލީވުޑްގެ ރިޕޯޓުތައް ބުނެފިއެވެ.

މި ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ޝާހުގެ ފިލްމު "ޕަތާން" ޑައިރެކްޓްކުރި ސިދާތު އާނަންދުގެ އަމިއްލަ ފިލްމު ކުންފުންޏާއި ޝާހުގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ވަރަށް ބޮޑު ހޭދައެއްކޮށްގެން އުފައްދާ މި ފިލްމަކީ ޝާހުގެ ދަރިފުޅު ސުހާނާ ޚާން ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު ވެސް މެއެވެ.

މި ފިލްމުގެ ލީޑް ރޯލްއިން ސުހާނާއާ އެކު ޝާހު ފެންނާނެކަން ކަށަވަރުވުމާ އެކު ފިލްމާ ބެހޭ ޚަބަރުތައް އަންނަނީ ނޫސްތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދަމުންނެވެ.

އަނިލް އެކްޓަރު ޝާހްރުކް ޚާންއާ އެކު--ފޮޓޯ/ފިލްމުފެއަ

އެކްޓަރު އަނިލް ކަޕޫރު މި ފިލްމުގެ ރޯލަކަށް ސޮއިކުރި ކަމަށް ބޮލީވުޑްގެ ރިޕޯޓުތައް ބުނެފައިވާއިރު "ކިންގް"ގެ ކާސްޓުންގެތެރޭ ބަތަލާ ދީޕިކާ ޕަދުކޯން، އަރުޝަދު ވަރުސީ، އަބޭ ވަރުމާ އަދި އަބިޝޭކް ބައްޗަން ވެސް ހިމެނޭ ކަމަށް ފިލްމީ ޚަބަރުތަކުން ބުނެއެވެ.

އަނިލް އަކީ ޝާހުއާ ވަރަށް ގާތް ގުޅުމެއް އޮންނަ އެކްޓަރަކަށް ވުމުގެ އިތުރުން އަނިލް ވަނީ ސިދާތު އެންމެފަހުން ގެނެސްދިން ފިލްމު "ފައިޓާ"ގެ ވެސް މުހިއްމު ރޯލެއް ކުޅެފައެވެ. އެ ފިލްމުގައި އަނިލް ފެނުނީ އަސްކަރީ ޕައިލެޓެއްގެ ރޯލްއިންނެވެ.

އަންނަ އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވޭ ޝާހުގެ ފިލްމު "ކިންގް"ގެ މަސައްކަތް މި މަހުގެ 18 ވަނަ ދުވަހު ފަށަން ނިންމާފައިވާ ކަމަށް ބޮލީވުޑް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން އަނިލް މި ފިލްމުގައި ފެންނާނީ ޝާހުއާ އެކު ވަރަށް ގާތުގައި މަސައްކަތް ކުރާ މީހެއްގެ ރޯލްއިންނެވެ. އަނިލް މި ފިލްމުގައި ކުޅޭ ރޯލަށް ގެންނަން ސިދާތު ނިންމީ އަނިލް ނޫން މީހަކަށް އެ ރޯލް ނުކުޅެވޭނެ ކަމުގެ ޔަގީންކަން އޮތުމާ އެކު ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް