މުދަލަށް ގެއްލިދުނުމުގެ މައްސަލައަކާ ގުޅިގެން ދެ ފިރިހެނުން ހޯދަން ފުލުހުން މިއަދު އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން ވަނީ އެމީހުން ފެންނަ ފުޓޭޖުތަކެއް ވެސް އާންމުކޮށްފައެވެ. އެ ވީޑިއޯގައި، އެދެމީހުން އެކި މަގުތަކުން ކަޅު ކުލައިގެ ސައިކަލެއްގައިދާ މަންޒަރު ފެނެއެވެ.
ސައިކަލު ދުއްވަން އިން މީހާ ކަޅު ޓީޝާޓެއް ލައިގެން ހުރިއިރު، ފަހަތުގައިއިން މީހާ އިނީ ރަތް ކުލައިގެ ޓީޝާޓެއް ލައިގެންނެވެ. އަދި، ފަހަތުގައި އިން މީހާ އަޅިކުލައިގެ ދަބަހެއް އަޅުވައިގެން އިންނަ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.
ފުލުހުން ބުނީ، އެ މީހުން ހޯދަނީ ހެންވޭރު ޕޮލިހުން ތަހުގީގު ކުރާ މުދަލަށް ގެއްލުން ދިނުމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް، މިހާތަނަށް އެއީ ކޮން ބައެއްކަން ހޯދިފައިނުވާތީ، އެ މީހުން ހޯދުމުގައި ފުލުހުން ވަނީ އެހީތެރިކަމަށް އެދިފައެވެ.
އެހެންވެ، އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމައުލޫމާތެއް ހެންވޭރު ޕޮލިސްގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް ވަނީ އެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފުލުހުން ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ތަހުގީގަށް މީހުން ހާޒިރުނުކުރެވިގެން، އެމީހުން ހޯދަން އެހީއަށް އެދެއެވެ. ފުލުހުން ވަނީ، އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، ޝުކުރު އަދާކޮށްފައެވެ.