ވެރިކަންކުރާ މާލޭގައި ހަދާފައިވާ އަމިއްލަ އިމާރާތްތަކާއި ސަރުކާރުގެ ބައެއް އިމާރާތްތައް ވެސް މިހާރު ހުރީ ނުރައްކާވާ ގޮތަށް ''ބޮލަށް ވެއްޓޭ ހާލުގައި'' ކަމަށާއި، ނަމަވެސް އެ މައްސަލަ ހައްލުކުރެވެނެ ގޮތެއް ނެތް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މާލޭގެ އިމާރާތްތައް ހަދައިފައި ހުންނަނީ މަގަށް ބޭރަށް ދެތިން ފޫޓު ނެރެފައެވެ. އާންމުކޮށް ބެލްކަނި ހުންނަނީ އެހެންނެވެ. މިފަދައިން އިމާރާތްތައް ފަރުމާކޮށްފައިވާއިރު، ދުވަސްވެ ބާވެފައި ހުންނަ އިމާރާތްތަކުން މަގުމައްޗަށް ވެސް ބައިބައި ވެއްޓެއެވެ.
އެގޮތުން ވަރަށް ފަހުން، ސޯސަން މަގުގައި ހުރި ގެއެއްގެ ބެލްކަނީގެ ބައެއް މަގުމައްޗަށް ވެއްޓި, މީހަކަށް އަނިޔާވެފައިވެއެވެ.
މީގެ އިތުރުން މަގަށްވާ ގޮތަށް، ރައްކާތެރިކަމުގެ އެއްވެސް މިންގަނޑެއް ނެތި އޭސީ އައުޓްޑޯ ޔުނިޓު ހަރުކޮށްފައި ހުރުމާއި އެ ނޫން މައްސަލަތައް ވެސް އާންމެވެ.
މި މައްސަލައާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އިިމާރާތްތަކުގެ ބާވެ، ވީރާނާވެފައި ހުންނަ ތަންތަން ތަޅައި އެ އިމާރާތްތައް ނެގުމަކީ އިމާރާތުގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށެވެ.
އަދި މާލެ ތެރޭ ވީރާނާވެފައިވާ އިމާރާތްތައް ނެގުމަށް ސިޓީ ކައުންސިލުން އެ އިމާރާތްތަކުގެ ވެރިފަރާތްތަކާ މަޝްވަރާ ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް ވީރާނާވެ ''ބޮލަށް ވެއްޓޭ'' ހާލުގައި ހުރީ ހަމައެކަނި އަމިއްލަ އިމާރަތްތައް ނޫން ކަމަށާއި ވީރާނާވެ ބާވެފައިހުރި ސަރުކާރުގެ އިމާރާތްތައް ވެސް އެބަހުރި ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
ހަމައެކަނި އަމިއްލަ މީހުންގެ ތަންތަނެއް ނޫން އިނގޭތޯ، ސަރުކާރުގެ އިމާރާތްތައް ވެސް އެބަހުރި ހަމަ ތިހާލުގައި. މުޅިން ވީރާނާވެ ބޮލަށް ވެއްޓޭ ހާލުގައި ހުރި އެތައް އިމާރާތެއް އެބަހުރި ސަރުކާރުގެ ވެސް. އެ ތަންތަން ނެގުމަށް އަޅުގަނޑުމެން މިހާރު އެތައް ފަހަރަކު އެދެފިން.މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
އާޒިމް ވިދާޅުވީ ގާނޫނުގައި ބުނާ ގޮތުން ވީރާނާވެފައިވާ އިމާރާތްތައް ނަގަން ޖެހޭނީ އިމާރާތުގެ ވެރިފަރާތާ ވާހަކަދެއްކުމަށްފަހު ކަމަށް ނަމަވެސް އެކަން ކުރާނޭ ބަޖެޓެއް ސިޓީ ކައުންސިލުގައި ނެތް ކަމަށެވެ.
ނުވާ ނަރުން ކިހިނެއް ކުރާނީ. ސިޓީ ކައުންސިލުގައެއް ނެތް އެ މަސައްކަތް ކުރެވޭނެހާ ބަޖެޓެއް. ސަރުކާރުން މި އަހަރު ސިޓީ ކައުންސިލަށް ބަޖެޓު ދިނީ 23 މިލިއަން ރުފިޔާ މަދުން. އެހެންވީމަ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރާނީ ކިހިނެއް. މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް
އާޒިމް ވަނީ އިމާރާތްތަކުގެ މަސައްކަތް ހައްލުކުރުމަށް ސިޓީ ކައުންސިލުން ކުރެވެންހުރި މަސައްކަތްތައް މިހާރު ވެސް ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިން އިމާރަތްކުރުމުގެ ދާއިރާގެ ޖަމިއްޔާއިން ވެސް ވަނީ ދުވަސްވީ އިމާރާތްތަކާއި ބަލިކަށި އިމާރަތްތައް ފާހަގަކޮށް އެ ތަންތަނުގެ އިންސްޕެކްޝަން ހެދުމަށް ގޮވާލާފައެވެ.