ފިލްމު "ފައްރޭ"އިން 2023 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ޒުވާން ބަތަލާ އަލީޒޭ ދަރުމާ ޕްރޮޑަކްޝަންސްއާ ގުޅިއްޖެއެވެ.
ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންސްއާ އަލީޒޭ ގުޅުނުކަން ކަރަން ވަނީ ސޯޝަލް މީޑިއާގައި ވެސް އިއުލާނުކޮށްފައެވެ.
ފިލްމު "ފައްރޭ"އިން އަލީޒޭއަށް ވަނީ އެ އަހަރުގެ ފިލްމުފެއަ އެވޯޑްސް، ޒީ ސައިން އެވޯޑްސް އަދި އައިފާ އެވޯޑްސްގެ ބެސްޓް ފީމޭލް ޑެބިއު އެވޯޑު ވެސް ލިބިފައެވެ. ސަލްމާނުގެ ދައްތަ އަލްވީރާ ޚާން އަދި ކުރީގެ އެކްޓަރު އަތުލް އަގްނިހޯތުރީގެ ދަރިފުޅު އަލީޒޭގެ ފުރަތަމަ ފިލްމުން ވެސް އޭނާ އަކީ ހުނަރުވެރި ޒުވާނެއްކަން ސާބިތުކޮށްދިން ކަމަށް ކަރަން ވަނީ ބުނެފައެވެ.
ކަރަން ވަނީ މީގެކުރިންވެސް ބޮލީވުޑަށް އެހެން ޕްރޮޑަކްޝަން ކުންފުނިތަކުން ލޯންޗުކުރި ފިލްމީ ތަރިންނަށް ދަރުމާގެ ފިލްމުތަކުން ފުރުސަތު ދީފައެވެ.

އަލީޒޭގެ ފުރަތަމަ ފިލްމު "ފައްރޭ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
ހަމައެއާއެކު ވަކިން ދަރުމާއިން ލޯންޗުކުރާ ތަރިންގެ ގޮތުގައި ވަކި ކޮންޓްރެކްޓެއްގެ ދަށުން ދަރުމާ ޕްރޮޑަކްޝަންސްގެ ފިލްމުތަކުގައި މަސައްކަތްކުރާ ފިލްމީ ތަރިން މިހާރު ވެސް މަދެއް ނޫނެވެ. އޭގެތެރޭގައި ބަތަލާ އަނަނިޔާ ޕާންޑޭ، ސާރާ އަލީ ޚާން، ޖާންވީ ކަޕޫރު، ޚުޝީ ކަޕޫރު އަދި އިބްރާހީމް އަލީ ޚާން ހިމެނެއެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމީ ތަރިން ކަމަށްވާ އާލިއާ ބަޓް، ސިދާތު މަލްހޯތުރާ އަދި ވަރުން ދަވަން އަކީ ދަރުމާއިން ބޮލީވުޑްގެ ދަތުރު ފަށައި އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ތަރިންނެވެ.
އެހެންކަމުން އަލީޒޭގެ ފިލްމީ ކުރިމަގު އުޖާލާކޮށް ކާމިޔާބު ތަރިއަކަށް ހެދުމަކީ ދަރުމާ ޕްރޮޑަކްޝަންގެ ޒިންމާއެކެވެ. އަލީޒޭ އަކީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ ތަރިއަކަށްވީ ނަމަވެސް ދަރުމާއިން އަލީޒޭ ލޯންޗުކުރަން ނިންމީ އެއީ ވަރަށް ޕޮޓެންޝަލް ބަތަލާއަކަށްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށް ކަރަން ވަނީ ބުނެފައެވެ.