ކާޑެއްދޫ އެއާޕޯޓު ސަރުކާރާ ހަވާލުކުރަން ވިލާ ކުންފުނިން ހުށަހަޅާފައި ނެތް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
ކާޑެއްދޫ އެއާޕޯޓަކީ ކޯޓު މަރުހަލާތަކެއްގެ ތެރެއިން، ސުޕްރިމް ކޯޓުގެ ނިންމުމަކަށް ވިލާ ކުންފުންޏާ ހަވާލުކޮށްފައިވާ އެއާޕޯޓެކެވެ.
ކާޑެއްދޫ އެއާޕޯޓް އެންމެ ފުރަތަމަ ވިލާ އެއާއާ ހަވާލުކުރީ ނޮވެމްބަރު ހައެއް، 2013ގައެވެ.
ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖަނަވަރީ 18، 2017ގައި އެ އެއްބަސްވުން ބާތިލުކުރިއެވެ. އެއަށްފަހު އަލުން އެ އެއާޕޯޓް ވިލާއަށް ދޭން އެއްބަސްވުން ހެދީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި 2022ގައެވެ.

ވިލާ އެއާގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ފެބްރުއަރީ 18، 2025 ވަނަ ދުވަހު މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް
ނަމަވެސް ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމާ މެދު ވަރަށް ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.
އެއީ އެއާޕޯޓުގައި ތަރައްގީގެ މަސައްކަތްތައް ކުރިއަށްނުދާ ކަމަށާއި ވިލާ އެއާއިން އެއާޕޯޓާ ހަވާލުވި ފަހުން ޚިދުމަތުގެ ފެންވަރު ދަށްވެ، ވީރާނާވަމުންދާ ކަމުގެ މައްސަލަތަކެކެވެ.
އެ މައްސަލައިގައި މަޖިލީހުގެ އިގްތިޞާދީ ކޮމިޓީގައި ފެބްރުއަރީ 18، 2025ގައި ވިލާ އެއާގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ ބޭނުންވަނީ އެ ކުންފުނިން ހިންގަމުން އަންނަ ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ކަމަށާއި ނަމަވެސް ސަރުކާރުން ބޭނުންވާނަމަ، ދެ ފަރާތަށް ވެސް ގެއްލުންނުވާ ފަދަ އެއްބަސްވުމެއްގެ ދަށުން އެއާޕޯޓް ދޫކުށްލަން ތައްޔާރުކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ އެ އެއާޕޯޓުން ' އެންމެ ފީ ފަންވަތެއްގެ މިންވަރު ވެސް ނުނަގައި ސަރުކާރާ ހަވާލުކުރާނެ' ކަމަށް ވިލާ ކުންފުނިން ބުނެފައިވާކަން ފާހަގަކުރައްވައި އެކަން މިހާރު ގޮސްފައިވާ ހިސާބަކީ ކޮބައިތޯ މިނިސްޓަރު އަމީނާ ސުވާލުކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން -- ފޮޓޯ/ މަޖިލިސް
އެ ސުވާލަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު ސަރުކާރާ ހަވާލުކުރުމަށް އެއްވެސް ހުށަހެޅުމެއް މިހާތަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
"ރަސްމީކޮށް ތިކަހަލަ އެއްވެސް އެންގުމެއް ސަރުކާރަށް އަންގާފައެއް ނެތް. ކެމްޕެއިން ތެރޭގައި ނޫނީ ސޯޝަލް މީޑިއާގައި ހިނގަމުންދާ ކަންތައްތަކަށް އަޅުގަނޑަށް ވަރަށް ދަތިވާނެ އެއްޗެއް ދަންނަވަން،" އަމީން ވިދާޅުވިއެވެ.
"ކާޑެއްދޫ އެއާޕޯޓު ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާއި ޕްލޭން ރައީސް އެވަނީ ވިދާޅުވެދެއްވާފައި. އަޅުގަނޑުމެން މިހާރު އެބަ ގެންދަން ޑައިލޮގްތަކެއް އެ އެއާޕޯޓާ ހަވާލުވެ ތިބި މީހުންނާއެކީ ތަރައްގީކުރުމަށް،" އަމީން ވިދާޅުވިއެވެ.
ބޭނުމަކީ ބޭނުންވާ ފެންވަރަށް އެއާޕޯޓު ތަރައްގީކުރުން ކަމަށާއި އެއީ ވަކި ފަރާތަކާއެކުތޯ މުހިންމެއް ނޫން ކަމަށް އަމީން ވިދާޅުވިއެވެ.
ގާސިމް އޭރު ވިދާޅުވީ ދައުލަތުން ވެސް އެއާޕޯޓުތައް ހިންގަނީ ވަރަށް ބޮޑު ޚަރަދުތައްކޮށްގެން ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފިޔަވައި ހުރިހާ ތަނަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންވާ ކަމަށެވެ. ހަމަ އެގޮތަށް ކާޑެއްދޫ އެއާޕޯޓު ވެސް ހިންގަނީ ވަރަށް ބޮޑު ގެއްލުމާ ކުރިމަތިލަމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކޮވިޑް-19ގެ ވަބާއަށް ފަހު އަދިވެސް ކުންފުނީގެ މާލީ ހާލަތު އޮތް ގޮތުންނާއި ދުނިޔޭގެ މަޝްރަހަށް އައިސްފައި އޮތް ބަދަލުތަކުގެ ސަބަބުންނާއި ގައުމުގެ ކްރެޑިޓް ރޭޓިން އޮތް ހާލަތުން، މަޝްރޫއުތަކަށް ފައިސާ ހޯދުމުގައި ވަރަށް ގިނަ ދަތިތައް ދިމާވާ ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.
ބައެއް މަސައްކަތްތައް ފަސްވަމުން ދަނީ އެ މައްސަލަތަކުގެ ސަބަބުން ކަމަށް އެ މަނިކުފާނު ކިޔައިދެއްވިއެވެ. ނަމަވެސް ވިލާ އެއާއިން ބޭނުންވަނީ ކާޑެއްދޫ އެއާޕޯޓު ހިންގުމާއި ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާން ކަމަށާއި އެގޮތުން ރަންވޭ ބޮޑުކުރުމާއި އިތުރު މަރާމާތުތައް ކުރަން ރާވާފައި އޮތް ކަމަށް ގާސިމް ވިދާޅުވިއެވެ.