ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ހުށަހަޅާފައި އޮތް މައްސަލައިގައި މިއަދު ބާއްވަން ނިންމި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ދެ ފަހަރަށް ތާވަލުކުރުމަށް ފަހު، އެންމެ ފަހުން ކެންސަލްކޮށްފިއެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ނިންމައިފައެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ އިއްޔެއެވެ.
އެ މައްސަލައިގައި ކޮމިޓީ ބައްދަލުވުމެއް މިއަދު ފުރަތަމަ ތާވަލުކުރީ 11:00 އަށެވެ. އޭގެ ފަހުން އެ ބައްދަލުވުން 1:00 އަށް ލަސްކުރުމަށް ފަހު، ވަގުތު ކުޑަތަންވެފައި އޮއްވައި ކޮމިޓީ ވަނީ ކެންސަލްކޮށްފައެވެ.
މަޖިލީހުގެ އިދާރާއިން އެ ކަމާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާނުކުރި ނަމަވެސް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު 'ސަން'އަށް ވިދާޅުވި ގޮތުގައި ކޮމިޓީ ބައްދަލުވުން ކެންސަލްކުރަން ނިންމީ ޖޭއެސްސީން މައްސަލައާ ގުޅޭ ބައެއް ލިޔެކިޔުންތައް ނުލިބިގެންނެވެ.
ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ވަނީ ނިންމައިފައެވެ.
ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި ހުށަހަޅާފައި އޮތް މައްސަލަ ބަލަމުން އަންނަނިކޮށެވެ. ފަނޑިޔާރުން ސަސްޕެންޑުކުރީ އެ މައްސަލައިގެ އަޑުއެހުމެއް ފައްޓަން ކުޑަތަންވެފައި އޮއްވައެވެ.
އޭރު ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފައެވެ. އޭނާގެ ބަދަލުގައި ހައިކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ހުސައިން ޝަހީދު ވަނީ މިހާރު ސުޕްރީމް ކޯޓަށް އައްޔަންކޮށްފައެވެ.
ސަސްޕެންޝަންގައި ތިއްބެވި ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާ ވެސް ތުހުމަތުތަކަށް އިންކާރުކުރައްވައެވެ.
ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަން ކުރަނީ ސަރުކާރުން ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށް އެ ބޭފުޅުން ތުހުމަތުކުރައްވައެވެ.
ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ވަނީ އެއީ ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވަން ހިންގާ 'ޖަރީމާ'އެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެއީ އިއްތިފާގެއް ކަމަށް ވިދާޅުވެފައެވެ.
ޝަރުއީ ދާއިރާ ނުފޫޒުން މިނިވަންކުރުމާއި ނުފޫޒު ނުފޯރުވުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދުފުޅެވެ. އެ މަނިކުފާނު ގެންދަވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށާއި ދުވަހަކު ވެސް ނުފޯރުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.