ސިޔާސީ މަގާމުތަކަށް ބަޖެޓުން ޚަރަދުކުރެވޭނެ މިންވަރު ގާނޫނުގައި ބަޔާންކުރަނީ

ރައީސް މުއިއްޒު، ޕީއެންސީގެ ހިނގާލުމެއްގައި: ސަރުކާރުން ސިޔާސީ މަގާމުތަކަށް، ބަޖެޓުން ޚަރަދުކުރެވޭނެ މިންވަރު ގާނޫނުގައި ބަޔާންކުރާނެ ކަމަށް ރައީސް ވިދާޅުވި -- ސަން ފޮޓޯ/ މޫސާ ނަދީމް

ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވޭނެ މިންވަރު ގާނޫނުގައި ހިމަނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނު ވިދާޅުވީ، މި އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިތުރު 30 ބިލެއް ފޮނުވާނެ ކަމަށެވެ.

އޭގެ ތެރެއިން ގާނޫނުއަސާސީއަށް ގެންނަން ނިންމައިފައިވާ އިސްލާހުތަކަކީ:

  • ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީ ބޭއްވުން
  • ރިޔާސީ އިންތިޚާބު 'ޕްރިފަރެންޝަން ވޯޓިން' ނިޒާމަށް ބަދަލުކޮށް، އިންތިޚާބުގެ ދެވަނަ ބުރު ނޯންނަ ގޮތަށް ހަމަޖެއްސުން
  • ރިޔާސީ ދައުރު ފެށޭ ދުވަހަކީ 11 ނޮވެންބަރު ކަމުގައި ކަނޑައެޅުން
  • މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާނެ ގޮތަށް، 93ގައި ހިފެހެއްޓުން
  • 'ރިކޯލް ވޯޓް'އެއް ނަގައި، ވަކިކުރަން ފާސްވެއްޖެނަމަ، އިންތިޚާބީ މަގާމުތަކުގައި ތިބޭ ފަރާތްތައް ވަކިކުރެވޭނެ ނިޒާމެއް ތައާރަފުކުރުން
  • އަތޮޅު ކައުންސިލްތައް އުވާލުން

އޭގެ ތެރެއިން ބައެއް އިސްލާހުތަކުގެ ތަފުސީލު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، ރިކޯލް ވޯޓުގެ ދަށުން އިންތިޚާބީ ހުރިހާ މަގާމެއްގައި ތިބޭ މީހުން ވެސް ވަކިކުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ހިމެނޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެއީ ރައްޔިތުންނަށް ބާރު ދިނުމަކީ، ރައްޔިތުން އޭނަ ހޮވީ، ރައްޔިތުން ބޭނުންވެއްޖެއްޔާ ވަކިކުރެވޭނެ ދައުރު މެދުތެރެއިން ވެސް،" އެ މަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ގެންނަ އިސްލާހުތަކުގެ ތެރޭގައި:

  • ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވޭނީ ގިނަ ވެގެން ކިހާ މިންވަރެއްކަން ގާނޫނުގައި ބަޔާންކުރުން
  • އެންމެ ގިނަ ވެގެން ބަޔާން ކުރެވޭނެ ސިޔާސީ މަގާމުގެ އަދަދު މަޖިލީހުން ކަނޑައަޅާ ގޮތަށް ގާނޫނު ބަދަލުކުރުން
  • ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ތަފުސީލު މަޖިލީހާ ހިއްސާކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުން

"އެހެންވީމަ ޗެކް އެންޑް ބެލެންސެސް ނިޒާމެއްގެ ތެރެއަށް ސިޔާސީ މަގާމުތައް އައްޔަންކުރުން ހަދާ ގޮތަށް،" އެ އިސްލާހުތަކުގެ ތަފުސީލަކަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވެރިކަމަށް ވަޑައިގަތީ ސިޔާސީ މަގާމުތައް 700އަށް ވުރެ އިތުރު ނުކުރައްވާނެ ކަމުގެ ވައުދާއެކު ކަމަށްވީ ނަމަވެސް، މިހާރު ސިޔާސީ މަގާމުތައް 2،000އަށް ވުރެ ވެސް އިތުރު ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. އަދި ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާތީ ވެސް ސަރުކާރަށް ވަނީ ފާޑު އަމާޒުވެފައެވެ.

ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ މި ގައުމުގެ ސިވިލްސާވިސްގައި މިވަގުތު 30312 މުވައްޒަފުން ތިބިއިރު، އެކިއެކި އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ސިޔާސީ މަގާމުތަކުގައި ވިއްސަކަށް ހާހާ ގާތް ކުރާ ވަރަށް މީހުން އެބަތިއްބެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށްވުމުން ދައުލަތުން ޚަރަދު ކުޑަކުރުމަށް ބޭރުގެ މާލީ އިދާރާތަކުން ވަރަށް ބޮޑަށް ބާރު އަޅަމުންދެއެވެ. އެހެންނަމަވެސް ސަރުކާރުުން މުސާރައަށް ކުރާ ޚަރަދުތައް ކުޑަނުކުރާކަން ތަފާސްހިސާބުން ދައްކައެވެ.

އެންމެ ފަހުން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މުސާރައަށް ކުރި ޚަރަދު ވަނީ 11 ޕަސެންޓް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު ހޭދަކުރީ 1.42 ބިލިއަން ރުފިޔާ ކަމަށްވާއިރު މި އަހަރު އެ އަދަދު ވަނީ 1.58 ބިލިއަން ރުފިޔާއަށް އަރައިފައެވެ.

comment ކޮމެންޓް