ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން، ސިފައިންނަށް ބޭނުންވާ ޓޭންކަރުތަކާއި އެހެން ވަސީލަތްތައް ހޯދައިދެމުން އަންނަނީ 'ކޮންމެހެން' ހަނގުރާމައެއް ކުރާކަަށް ނޫން ކަމަށާއި، އެއީ ފާއިތުވި ވިއްސަކަށް އަހަރު އެ ކަންކަން ނުކޮށް ހުރުމުން މިއަދު ކުރަންޖެހިފައިވާ ކަންކަން ކަމަަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ގައުމެއްގެ އަމިއްލަ އަސްކަރީ ބާރުގެ ގާބިލުކަން އިތުރުކުރުމަކީ އެ ގައުމެއްގެ ރައްޔިތުން ފަޚުރުވެރިވާން ޖެހޭނެ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހި އަސްކަރިއްޔާ އޮތީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ. ފާއިތުވި ވިއްސަކަށް އަހަރު ދިޔައިރު ސިފައިންގެ ގާބިލްކަން އިތުރުކޮށްފައި ނެތް ކަމަށާއި، ވަސީލަތްތައް ހުރީ ވީރާނާވާން ދޫކޮށްލައިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

3 މެއި 2025: ރައީސުލްޖުމްހޫރިއްޔާގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރައީސް ޑރ. މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
"އަޅުގަނޑުމެން މި އުޅެނީ ހަނގުރާމައެއް ކުރާކަށް ވެސް ނޫން. އަޅުގަނޑުމެންނަކީ ސުލްހަވެރި ގައުމެއް. އަޅުގަނޑުމެންގެ މި ސަރަހައްދު ވެސް އަޅުގަނޑުމެން ބޭނުންވަނީ ސުލްހަވެރިކޮށް އޮންނަން،" މިނިވަން ގައުމަކަށްވާ ނަމަ ސިފައިންގޭގައި ގާބިލްކަން ހުންނަން ވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ޓޭންކަރުތައް ގަތް ސަބަބަކީ ވެސް އެއީ ކަމަށާއި، ކުރިން ހުރި ޓޭންކަރުތައް މިހާރު 'ނުވެސް ދުވަނީ' ކަމަށެވެ.
"ލަދުގަންނަންޖެހޭ ހިސާބަށް އަޅުގަނޑުމެންގެ އަސްކަރީ ހާލަތު އޮތީ ގޮސްފައި،" ރައީސް ވިދާޅުވިއެވެ.
އެއާއެކު ފަޔާ ރެސްކިއުގެ ވަސީލަތްތައް ވެސް ދެ އަހަރަށް ބަހައިލައިގެން ގާއިމްކުރާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ކޯސްޓުގާޑުގެ ނަމުގައި ހުރީ 'ކުދިކުދި' ލޯންޗުތައްކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ކޯސްޓު ގާޑު ދެގުނަ ކުރައްވަން ނިންމެވީ ވެސް އެހެންވެ ކަމަށެވެ.
ރާއްޖޭގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން (އީއީޒެޑް)އަކީ ބޮޑު ސަރަހައްދެއް ކަމަށާއި، އެ ސަރަހައްދު ބަލަހައްޓަން ކޯސްޓުގާޑު ވަރުގަދަކުރުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.
2024 ޖުލައި 26: މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި، އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑް. މި ޕެރޭޑު ބެލުމަށް ގިނަ އަދަދެއްގެ މީހުން މާލޭގެ މަގުތަކަށް އެއްވި -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު
ރައީސް ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކޮށް ދިނުމަށް، ވަސީލަތުގެ ގޮތުންނާއި، މީހުން ތަމްރީނުކުރުމުގެ ގޮތުން ބޭރު ގައުމަކުން އެހީވާން ބޭނުން ނަމަ އެ ކަމަށް މަރުހަބާ ވިދާޅުވާނެ ކަމަށެވެ.
ނަމަވެސް ރާއްޖޭގައި އެ ބައެއްގެ އަސްކަރީ ނުފޫޒު ހިންގުމަށް، ނުވަތަ އަސްކަރީން ގާއިމްވެ ތިބެން އެއްބަސްނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއީ ކިތަންމެ ބޮޑު ގައުމެއް ކަމަށް ވިޔަސް، ކިތަންމެ ކައިރި ގައުމެއް ކަމުގައި ވިޔަސް، އަދި އެ ގައުމަކުން އަޅުގަނޑުމެންނަށް ކިތަންމެ އެހީއެއް އެހެން ކަންކަމުގައިވާ ގައުމެއް ވިޔަސް އަޅުގަނޑުމެންނަކަށް މުހިންމެއް ނުވާނެ އަޅުގަނޑުމެންގެ މިނިވަންކަމަށް ސުވާލެއް އުފެދޭނަމަ،" ރައީސް ވިދާޅުވިއެވެ.