ރިސޯޓް މިއުޒިކް ހިމެނޭހެން، 2027ގައި ބައެއް ދާއިރާތައް ދިވެހީންނަށް އެކަނި އުޅެވޭހެން ޚާއްސަ ކުރަނީ

މިއުޒިކް ފެސްޓިވަލެއް: ރިސޯޓް މިއުޒިކް ފަދަ ބައެއް ދާއިރާތައް ދިވެހީންނަށް ޚާއްސަކުރާނެ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރިއަށް އޮތް އަހަރަށް ފަހު ބައެއް ދާއިރާތަކުގެ ވަޒީފާތައް، ހަމައެކަނި ދިވެހީންނަށް ތިބެވޭ ގޮތަށް ޚާއްސަކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ގިނަ ދުވަސްތަކަކަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވަނީ، ދިވެހީންނަށް ބައެއް ދާއިރާތައް ޚާއްސަކުރަން ތިން އަަހަރު ދުވަހުގެ މަޝްރޫއެއް މިދިޔަ އަހަރު އިއުލާންކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ.

އެ މަޝްރޫއުގެ ދަށުން، އަންނަ އަހަރު ނިމޭއިރު، ތައުލީމު ލިބި، ތަމްރީނު ދެވިގެން، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ވެސް އެ ވަޒީފާތައް ވާނީ ދިވެހީންނަށް އެކަނި ޚާއްސަ ވަޒީފާތަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މާނައަކީ މިދިޔަ އަހަރުން ފެށިގެން، 2024، 25، 26، 2027 އަންނައިރު މި ލިސްޓުގައި މިހިރަ ދާއިރާތަކުގައި ބޭރު މީހުންނަކަށް ނޫޅެވޭނެ، ސިމްޕަލް އޭޒް ދެޓް،" ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ ކީއްތޯ މިކުރަން ޖެހެނީ، ބަޔަކު ތަމްރީނު ކުރަން އެބަޖެހޭ އެމްޕްލޯޔާސް ވަރަށް ބޮޑަށް މިކަމާ އެބައުޅެން ޖެހޭ ދިވެހީންނަށް ވަޒީފާ ހޯދައިދޭން މި އުޅެނީ ބޭރު މީހުން ގެންގުޅޭ ވަރު މިދާއިރާއިން މި މަނާކުރަނީ، ނޫނީ ޑިސްކަރޭޖް ކުރަނީ."

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ވިދާޅުވީ ދިވެހީން ޚާއްސަކުރާ ދާއިރާތަކަށް މީހުން ތަމްރީނު ކުރަން ޖެހޭ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ 2026 ނިމެންވާއިރަށް އެ ދާއިރާތަކުން ތިބެންވާނީ ދިވެހީން އެކަށީގެންވާ ވަރަށް، އެ ދާއިރާތަކުގެ އިންވެސްޓަރުންނާއި ކުންފުނިތަކުން އިސް ނަގައިގެން، ސަރުކާރުގެ ތެރެއިން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިންނާއި އަމިއްލަ ގޮތުން ވެސް ދިވެހީން ތަމްރީނުކޮށްފައި ކަމަށެވެ.

"އެހެންވީމަ ދިވެހި ކިޔަވާ ކުދިން ވެސް އަދި އިންޑަސްޓްރީއަށް ނުކުންނަށް ކުދިން ވެސް އެބަ ބަލަން ޖެހޭ ކޮބައިތޯ މިއީ ވަރަށް ރަނގަޅު ފުރުސަތުތަކެކޭ މިސާލަކަށް އޮޑިދޯނިފަހަރު ބަނުން، މާވަޑިކަމުގެ ދާއިރާ، ހެއާ ޑްރެސިން، ލިސްޓުގައި އެ ހުރިހާ ދާއިރާތަކަކީ ކުރިއަށް އޮތް ދުވަސްތަކުގައި ތިމަންނަމެންނަށް އޮތް ފުރުސަތުތަކެކޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ދާއިރާތަކަކީ

  • އޮޑިދޯނިފަހަރު ބަނުން
  • މާވަޑާމުގެ ދާއިރާ
  • ހެއާ ޑްރެސާ އެންޑް ބިއުޓީޝަން
  • ރިސޯޓު މިއުޒީޝަނުންނާއި ބޭންޑް
  • ކަސްޓަމާ ސާވިސް
  • ހައުސްކީޕިން މެނޭޖާ
  • ފްރަންޓް އޮފީސް މެނޭޖާ
  • ހިއުމަން ރިސޯސަސް މެނޭޖާ
  • ޑައިވިން އިންސްޓްރަކްޓާ
  • ޓުއާ ގައިޑުން

އެ ދާއިރާތަކުގެ ތެރެއިން ހެއާ ޑްރެސާ އެންޑް ބިއުޓީޝަން އަދި ރިސޯޓް މިއުޒިކްގެ ދާއިރާތަކަކީ ބިދޭސީން ގިނަ އަދަދަކަށް ހަރަކާތްތެރިވާ ދާއިރާތަކެވެ. އޭގެ ސަބަބުން ދިވެހީންނަށް ފުރުސަތު ގެއްލޭ ކަމުގެ ކަންބޮޑުވުން ދާއިރާގައި ހަރަކާތްތެރިވާ މީހުން ފާޅުކުރެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ފޮޓޯގްރަފީއާއި ފިހާރަތަކުގެ ކޭޝިއަރުން ފަދަ ބައެއް ވަޒީފާތައް ދިވެހީންނަށް ޚާއްސަކުރަން ނިންމަވައިފައިވެއެވެ.

comment ކޮމެންޓް