ޝަނާޔާ ބޮލީވުޑަށް ތައާރަފްވާ ފިލްމު މި އަހަރުގެ ޖުލައި މަހު

ޝަނާޔާ ކަޕޫރު--ފޮޓޯ/ފޭސްބުކް

ބޮލީވުޑްގެ ކުރީގެ އެކްޓަރު ސަންޖޭ ކަޕޫރުގެ ދަރިފުޅު ޝަނާޔާ ކަޕޫރުގެ ފުރަތަމަ ބޮލީވުޑް ފިލްމު "އާންކޯ ކީ ގުސްތާން ކިޔާ" މި އަހަރުގެ ޖުލައި މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފިއެވެ.

ޝަނާޔާއާ އެކު މި ފިލްމުގެ ލީޑް އެކްޓަރުގެ ރޯލްއިން ފެންނާނީ އެކްޓަރު ވިކްރާންތު މަސޭއެވެ. ޒީސްޓޫޑިއޯސް އާއި މިނީ ފިލްމްސް ގުޅިގެން ގެނެސްދޭ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.

މި ފިލްމުގައި ވިކްރާންތު ކުޅޭނީ ލޯފަން މިއުޒީޝަނެއްގެ ރޯލެވެ. ވަރަށް ސީދާ ސާދާ ލޯބީގެ ވާހަކައެއް ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރަކީ ސަންތޯޝް ސިންގްއެވެ. ސަންތޯޝް އަކީ މަގުބޫލު ވެބް ސީރީސްތައް ކަމަށްވާ "ބްރޯކެން ބަޓް ބިއުޓިފުލް" އަދި "އަޕަހާރަން"ގެ ޑައިރެކްޓަރެވެ.

ޝަނާޔާ އެކްޓަރު ވިކްރާންތު މަސޭއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ފިލްމު "އާންކޯ ކީ ގުސްތާން ކިޔާ"އިން ޝަނާޔާ ފިލްމު އިންޑަސްޓްރީއަށް ތައާރަފްވާނެކަން އިއުލާނު ކުރިއިރު އޭނާ ވަނީ އިތުރުން ތިން ފިލްމަކަށް ސޮއިކޮށްފައެވެ.

އޭގެތެރޭގައި މިހާރު ޓީޒާ ވެސް ރިލީޒްކޮށްފައިވާ ފިލްމު "ތޫ ޔާ މޭ"، މަޅަޔާލަމް އެކްޓަރު މޯހަންލާލްގެ ފިލްމު "ރުޝުބާ" އަދި ދަރުމާ ކުންފުނިން ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ވެބް ސީރީސް "ސްޓޫޑަންޓް އޮފް ދަ އިޔާ 3" ހިމެނެއެވެ.

ޝަނާޔާއާ އެކު މި ފިލްމުން ލީޑް އެކްޓަރުގެ ރޯލްއިން ފެންނަ ކުޅަދާނަ އެކްޓަރު ވިކްރާންތު މަސޭ ފިލްމީ ދާއިރާއިން ކުޑަ ބްރޭކެއް ނަގަން ބޭނުންވާކަން މިދިޔަ އަހަރު ވަނީ އިއުލާނުކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާ ވަނީ ދާދިފަހުން ބައޮޕިކްއަކަށް ސޮއިކޮށްފައެވެ.

comment ކޮމެންޓް