ކަންބޮޑުވެ ތިބެވެން ނެތް، ޒުވާނުންގެ މުޒާހަރާގައި އެމްޑީޕީން ބައިވެރިވާންޖެހޭ: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް: އޭނާވަީ ޒުވާނުންގެ މުޒާހަރާގައި އެމްޑީޕީ މެންބަރުން ބައިވެރިވުމަށް އެދިވަންނަވާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ކަންބޮޑުވެ ތިބެވެން ނެތް ކަމަށާއި، އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް ޒުވާނުންގެ މުޒާހަރާގައި ބައިވެރިވެދިނުމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ އެދިވަޑައިގެންފިއެވެ.

ފައްޔާޒު މިހެން ވިދާޅުވީ މިރޭ އެމްޑީނޕީން ކުރިޔަށް ގެންދިޔަ ގައުމީ މަޖިލީހުގެ ބައްދަލުވުން ނިންމަވައިލައްވަމުންނެވެ.

މިރޭ ބޭއްވި ބައްދަލުވުމުގައި، އެ މަޖިލީހުގެ މެންބަރުންވަނީ ޒުވާނުންގެ މުޒާހަރާގައި އެމްޑީޕީން ބައިވެރިވާންޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.

ޒުވާނުން މުޒާހަރާކުރަނީ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ގޮވާލައެވެ. އެ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ހައްޔަރުކުރި ދެ ޒުވާނުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ތިން ދުވަސް ވެސް ވަނީ ޖަހައިފައެވެ.

ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި ހިމެނެނީ އެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އައިޝަތު ޝިމަން އަޙުމަދާއި މި ސަރުކާރުގައި ކުރިން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަބްދުﷲ މަހްޒޫމް މާޖިދެވެ.

ފައްޔާޒު ވަނީ އެ ދެ ޒުވާނުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

ޒުވާނުންގެ އިހުތިޖާޖަކީ އެމްޑީޕީ ފަހަތުގައި އޮވެގެން މުޖުތަމައު ހަލަބޮލިކުރުމަށް ހިންގާ ކަމެއްގެ ގޮތުގައި ސަރުކާރުގެ އެކްޓިވިސްޓުން ސިފަ ކުރެއެވެ.

ނަމަވެސް ފައްޔާޒު ވިދާޅުވި ގޮތުގައި އެ ޒުވާނުން އެމްޑީޕީގެ ފަރާތުން އެދިފައިވަނީ، އެ ޕާޓީގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެއީ މުޒާހަރާ ހިންގުމަށް ޓަކައި ބޭނުންވާ ބައެއް ކަހަލަ އާލާތްތައް ފޯރުކޮށްދިނުމާއި، އެމްޑީޕީއަށް ނިސްބަތްވާ ޒުވާނުން އެ ހަރަކާތުގައި ބައިވެރިވެ ދިނުމަށް އެދުން ފަދަ ކަންކަމަށެވެ.

ފައްޔާޒުވަނީ، އިންސާފު ހޯދަން މަގުމައްޗަށް ނިކުމެ ތިބި ޒުވާނުންގެ މަސައްކަތުގައި ބައިވެރިވެދިނުމަށް އެމްޑީޕީގެ ހުރިހާ މެންބަރުންގެ ކިބައިން ވެސް އެދިވަޑައިގެންފައެވެ. އަދި އަތޮޅުތެރޭގައި ތިބި ޒުވާނުން ވެސް މާލެ އައިސް، މި މުޒާހަރާތަކާ ގުޅެން އޭނާ ގޮވައިލެއްވިއެވެ.

"...އެމްޑީޕީގެ އެންމެހައި ބޭފުޅުންނަށާއި، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންގެ ކިބައިން ދެނީ، އެ ކުދީން އެކުރާ މުހިންމު މަސައްކަތުގައި ބައިވެރިވުމަށް، އެ ކުދިންނާއެކު އެ ހަރަކާތްތަކުގައި ބައިވެރިވެ ދެއްވުމަށް. ހަމަ އެއާ އެއްކޮށް، ދިވެހި އެންމެހައި ޒުވާނުންނަށް، ރަށްރަށުގައި ތިއްބެވި ޒުވާނުންނަށް، މާލެ އައިސް އެ ބޭފުޅުންގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އަޅުގަނޑު ގޮވައިލަން،" ފައްޔާޒު ވިދާޅުވިއެވެ.

ރޭ އޮތް މުޒާހަރާގައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، މުޒާހަރާ ރޫޅާލަން މަސައްކަތް ކޮށްފައެވެ. އަދި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ބައިވެރިންގެ މޫނަށް ޕެޕާ ސްޕްރޭ ވެސް ޖަހައިފައި ވެއެވެ.

އެއާއެކު މިރޭ ޒުވާނުން އެއްވެ އަޑުއުފުލަމުން އަންނަނީ ކާނިވާ ސަރަހައްދުގައެވެ.

comment ކޮމެންޓް