ވިޒިޓް މޯލްޑިވްސް ކްލަބުން އިންތިޒާމްކޮށްގެން އަންނަ އާދިއްތައިގެ ނިޔަލަށް ކުރިއަށްގެންދާ ތިން ދުވަހުގެ ފޯރިގަދަ ބައިނަލްއަގުވާމީ ކުޅިވަރުގެ މަސްވެރިކަމުގެ މުބާރާތް ރޭ ފަތިހު ފަހެއް ޖެހިއިރު ފަށައިފިއެވެ.
މިއީ ރާއްޖޭގައި ދުނިޔޭގެ ފެންވަރުގައި ބޭއްވޭ މަސްވެރިކަމުގެ މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް މުބާރާތެވެ. މި އަހަރުގެ މުބާރާތުގައި ބޭރުގެ އޭންގްލާސް ހިމެނޭހެން ރާއްޖޭގެ ވަރުގަދަ އަށް ޓީމު އަދި ދުބާއީގެ އެއް ޓީމް ބައިވެރިވެފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
އެ ކުންފުނިން ބުނީ، ރާއްޖޭގެ އެންވެރިކަން ރަނގަޅު އެކި ސަރަހައްދުތަކަށް ދަތުރުކޮށް މި ނުވަ ޓީމުން ވެސް ރޭގެ ފަތިހު ފަހެއް ޖެހިއިރު މަސްވެރިކަން ފަށާފައިވާ ކަމަށެވެ. 'ބުރުނުބޮމަ' މުބާރާތުގައި މަސްވެރިކަން ކުރުމަށް ކަނޑައެޅިފައިވާ ރަސްމީ ގަޑިއަކީ މުބާރާތް ކުރިއަށްދާ ކޮންމެ ދުވަހެެއްގެ ފަތިހު ފަހަކުން އިރުއޮއްސި 18:30އަށެވެ.
ހޫނު ތަރުހީބަކާއެކު ފޯރިގަދަކޮށް ބުރުނުބޮމަ ފެށިގެން ކުރިއަށްދާއިރު, ޓީމުތަކުން މިހާތަނަށް ވެސް ބޮޑެތި މަސްތަކެއް ބާނާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ. އޭގެ ތެރޭގައި މުބާރާތުގެ ޓާގެޓް މަސްތަކުގެ ތެރެއިން ފަންގަނޑު ހިބަރާއި, ފިޔަލަ އަދި ކަންނެލި ބާނާ ވީޑިއޯ ޓީމުތަކުން އަންނަނީ ހިއްސާކުރަމުންނެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުގެ ފުރިހަމަ ޒަމާނީ އުޅަނދުފަހަރުތަކާއި މަސްވެރިކަމަށް ބޭނުންކުރާ އެންމެ ޒަމާނީ އާލާތްތަކުން ރާއްޖޭގައި ކުޅިވަރު މަސްވެރިކަން ކުރިއަރާފައިވާ މިންވަރާއި މިކަމުގެ ކުރިމަގު ވަރަށް ރަނގަޅަށް އަންނަނީ ދައްކުވައިދެމުންނެވެ.
ޓީމުތަކުން މަސްބޭނުމުގެ މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައެވެ. ބައެއް ޓީމުތައް ރާއްޖޭގެ އެންމެ އުތުރު އަތޮޅުތަކުގައި ވެސް އަންނަނީ މަސްވެރިކަން ކުރަމުންނެވެ.
މި ކަމާ ގުޅިގެން ވިޒިޓް މޯލްޑިވްސް ކްލަބުގެ ރައީސް އަހްމަދު ސާއިފް ވިދާޅުވީ، އެ ކްލަބުގެ އަމާޒަކީ އެންމެ ދެމެހެއްޓެނިވި ކުޅިވަރު މަސްވެރިކަމުގެ އެއް މަންޒިލްގެ ގޮތުގައި މުޅި ދުނިޔެއަށް ރާއްޖެ އިޝްތިހާރުކުރުން ކަމަށެވެ.
"ބުރުނު ބޮމައިގެ އެންމެ ހާއްސަކަމަކީ ކުޅިވަރު މަސްވެރިކަމުގައި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވެސް ގެންގުޅޭ "ކެޗް އެންޑް ރިލީޒް"ގެ އުކުޅުތަކަށް އިސްކަންދޭކަން. މިއީ ރާއްޖޭގެ ޒަމާންވީ ދެމެހެއްޓެނިވި މަސްވެރިކަމަށް ތައާރަފްކުރެވޭ އިތުރު ބޮޅަކަށް ވާނެ. އަޅުގަނޑުމެންގެ އުންމީދަކީ މިފަދަ މުހިންމު އުކުޅުތަކާއެކު މުޅި ދުނިޔެއަށް ރާއްޖެއަކީ އެންމެ ދެމެހެއްޓެނިވި ކުޅިވަރު މަސްވެރިކަމުގެ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުން," ސާއިފް ވިދާޅުވިއެވެ.
ބުރުނުބޮމަ މުބާރާތުގެ މަސްވެރިކަން ނިމޭނީ މޭ ހަތަރެއްގެ 18:30ގައެވެ. އަދި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ ހަޔެއް ގައެވެ.