ބެކްޓީރިއާގައި ހާލު ދެރަވި ކުދިން އިތުރު ފަރުވާއަށް ބޭރަށް ފޮނުވަނީ

އައިޖީއެމްއެޗް ކުރިމަތި -- ސަންފޮޓޯ/ މާނިއު މުހައްމަދު

އައިޖީއެމްއެޗުގެ އެންއައިސީޔޫގައި ތިއްބައި މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ނުރައްކާތެރި ބެކްޓީރިއާ ޖެހި، ހާލު ދެރަވި ކުދިން އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

އެ ހޮސްޕިޓަލުގެ އެންއައިސިޔޫގައި ފަރުވާދިން މަދު ކުދިންތަކަށް ނުރައްކާތެރި ބެކްޓީރިއާއެއް ޖެހިފައިވާކަން އައިޖީއެމްއެޗުން ހާމަކުރީ އިއްޔެއެވެ. އެ ބެކްޓީރިއާ ފެނުމުން އިތުރަށް ފެތުރުނަ ނުދިނުމަށް ޓަކައި ވަރުގަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

https://sun.mv/205479

އައިޖީއެމްޗުން ބުނީ، މިފަދަ ބެކްޓީރިއާތަކައް ވަރަށް ބަލި މީހުންނަށް ފަރުވާ ދޭ ތަންތަނުގައި އުފަންވާ ކަމަށާއި އާންމު އެންޓިބަޔޮޓިކަށް އެ ބެކްޓީރިއާ ނުގުޑާ ކަމަށެވެ. އެހެންވެ، އެކަމުން ނުރައްކާތެރި އިންފެކްޝަނަކަށް މަގުފަހިވާ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

މިހާރު އެ ބެކްޓީރިއާ ފެތުރުން ވަނީ ކޮންޓްރޯލްކޮށްފައެވެ.

އައިޖީއެމްއެޗް ކުރިމަތި -- ސަންފޮޓޯ/ މާނިއު މުހައްމަދު

އޭގެ ފަހުން ރޭ އައިޖީއެމްއެޗުން ވަނީ އެކަމުގެ އިތުރު ތަފްސީލު ހާމަކޮށް، ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ވާގޮތުން، އެންމެ ފުރަތަމަ އެ ބެކްޓީރިއާގެ ކޭހެއް ފެނުނީ މިދިޔަ މާޗު 27ގައި 28 ހަފުތާއަށް ވުރެ ކުރިން އުފަންވެގެން އެންއައިސީޔޫގައި ފަރުވާ ދެމުންދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގުނު ސާމްޕަލަކުންނެވެ.

އެހެންވެ، ވަގުތުން އެ ކުއްޖާ އެކަހެެރިކޮށް، ބެކްޓީރިއާ އިތުރަށް ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އެޅުނު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އިތުރަށް ނެގި ސާމްޕަލްތަކުން، ދުވަސްނުފުރާ ތިން ކުދިންނާއި ދުވަސްފުރާ ވިހާފައިވާ ކުއްޖެއްގެ ހަށިގަނޑުން އެ ބެކްޓީރިއާ ފެނުނު ކަމަށް ބަޔާނުގައިވެއެވެ.

"އެއާއެކު، އެންއައިސީޔޫގެ މާހައުލުގައި ހުރެދާނެ ކޮންޓަމިނޭޝަންގެ ސަބަބުތައް ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި ޓެސްޓުތައް ހެދުނެވެ. އަވަސްކަމާއެކު ވިލަރެސްކުރެވިގެން އެޅުނު ފިޔަވަޅުތަކުގެ ސަބަބުން މި އިންފެކްޝަން އިތުރަށް ފެތުރުން ހުއްޓުވުނެވެ،" އައިޖީއެމްއެޗުން ބުންޏެވެ.

މިދިޔަ މަހު 15ގެފަހުން އިތުރު ކޭހެއް ރިޕޯޓުކޮށްފައިނުވާ ކަމަށާއި ބެކްޓީރިއާއަށް ޕޮޒިޓިވްވި ފަސް ކުދިންނަށް ފަރުވާ ދެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އަދި، އިތުރު ފަރުވާ ބޭނުންވާ ކުދިން ރާއްޖޭން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް