ހައްވާ ޔުމްނު ރަޝީދުގެ އިންސާފަށް ގޮވާލައި، ސިޔާސީ ބޭނުމެއް ނެތި ކުރި މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ރޫޅާލަން ޖެހުމަކީ މިކަމުގައި ސަރުކާރުގެ ނުބައި ނިޔަތެއް އޮތް ކަމުގެ ހެއްކެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ޔުމްނުގެ މައްސަލަގައި ޒުވާނުން ސިލްސިލާކޮށް ކޮންމެ ރެއަކު މުޒާހަރާ ކުރާއިރު، ރޭގެ މުޒާހަރާ ތެރެއަށް އެސްއޯ ފުލުހުންގެ ޓީމަކުން ވަދެ، ޕެޕާ ޖަހައި މުޒާހަރާ ރޫޅާލަން ވަނީ މަސައްކަތްކޮށްފައެވެ. އެ މުޒާހަރާގެ ތެރެއިން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އެއީ، ބަގީޗާގެ / ނ.ކުޑަފަރި، ޢަބްދުﷲ މަޙްޒޫމް މާޖިދު (28އ) އަދި، މ. ހަސްތީ / މާލެ، ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ.
ފުލުހުން ބުނީ، ދެ ޒުވާނުން ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި ކަމަށެވެ.
އެ ކަމާ ގުޅިގެން ޞާލިޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މުޅި ގައުމު ސިހުނު މައްސަލައެއްގައި އިންސާފު ހޯދުމަށް ކުރާ އަމާން މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ކުރުން ކުށްވެރިކޮށްފައެވެ.
އެގޮތުން، ސިޔާސީ ޕާޓީއަކާ އެއްވެސް ގުޅުމެއް ނެތި ޒުވާނުން ކުރާ މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ރޫޅާލަން ޖެހުމަކީ މައްސަލައިގައި ސަރުކާރުގެ އޮތް ނުބައި ނިޔަތުގެ ހެއްކެއް ކަމަށް ޞާލިޙް ވިދާޅުވެފައިވެއެވެ.
އަމާންކަމާ އެކު އެއްވެ އުޅުމުގެ ހައްގާއި އެންމެންގެ ހަމަހަމަކަމާއި އިންސާފު ލިބިގަތުމުގެ ހައްގަކީ ޑިމްކޮރެސީގެ އަސާސީ ސިފައެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި، ޒުވާނުން ކުރާ މުޒާހަރާތަކަށް އޭނާގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަން ޞާލިޙް ވަނީ ފާހަގަކުރައްވާފައެވެ.
ފުލުހުން ރޭ ބުނެފައިވަނީ، އެ މުޒާހަރާ ރޫޅާލަން ޖެހުނީ ދަރިވަރުންގެ ތައުލީމީ މަސްލަހަތާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ.
ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މުޒާހަރާކުރަނިކޮށް ހައްޔަރުކުރި ޒުވާނުން ދޫކޮށްލަން އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ވަނީ ގޮވާލައިފައެވެ. ޒުވާނުން މުޒާހަރާކުރަނީ އެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ކުށްވެރިކޮށެވެ.