ޔުއޭފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކް ބިލްބާއޯ ބަލިކޮށް، ޔުނައިޓެޑުން ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
ބިލްބާއޯގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ.
ޔުނައިޓެޑުން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މި މެޗު ބިލްބާއޯއިން ފެށީ ވަރަށް ފޯރީގައެވެ. މެޗުގެ ކުރީކޮޅު ބިލްބާއޯއިން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ޔުނައިޓެޑްގެ ގޯލަށް ފޮނުވާލައިފައެވެ. މިގޮތުން އިނާކީ ވިލިއަންސް ބޮލުން ފޮނުވާލި ހަމަލާ ގޯލާއި އަމާޒުނުވެ، ދިޔައިރު އެލެކްސް ބެރެންގުއާ ފޮނުވާލި ހަމަލާ ވިކްޓާ ލިންޑެލޯފް ދިފާއުކޮށްފައިވަނީ ގޯލް ރޮނގުމަތިންނެވެ.
މެޗު ޔުނައިޓެޑް ކޮޅަށް އެނބުރުނީ މެޗުގެ 30 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ކަސެމީރޯ އެ ޓީމަށް ލީޑު ނަގައިދިން ހިސާބުންނެވެ. ޔުނައިޓެޑުން ކުރަމުންދިޔަ މަސައްކަތަށް އިތުރަށް ހިތްވަރު ލިބުނީ މެޗުގެ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީންނެވެ. މި ޕެނަލްޓީ ދީފައިވަނީ ޔުނައިޓެޑްގެ ފޯވަޑް ރަސްމުސް ހޮއިލުންޑަށް ބިލްބާއޯގެ ޑަނީ ވިވިއަން ކުރި ފައުލަކާ ގުޅިގެންނެވެ. މި ފައުލާ ގުޅިގެން ޔުނައިޓެޑަށް ޕެނަލްޓީ ލިބުމުގެ އިތުރުން ވިވިއަންއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ޔުނައިޓެޑްގެ ލީޑު ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އިތުރު ކޮށްދިންއިރު މެޗުގެ ބާކީ އޮތް ބައި ބިލްބާއޯ ކުޅެން ޖެހުނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. މެޗުގައި ޔުނައިޓެޑްގެ ތިންވަަނަ ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ފެނާންޑެޒެވެ.
ދެވަނަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭގޮތް ނުވި ނަމަވެސް މި ހާފުގައި ވެސް ޔުނައިޓެޑަށް ވަނީ ލީޑު ފުޅާކުރުމުގެ ފުރުސަތު ލިބިފައެވެ. ނަމަވެސް، މިއާއެކުވެސް މިމެޗުގައި އިތުރު ލަނޑެއް ފެންނަ ގޮތެއް ނުވިއެވެ. ދެ ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލްގެ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑްގެ ދަނޑުގައިކަމުން މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ޔުނައިޓެޑުން މިވަނީ ވަރަށް ބޮޑު ކޮށްފައެވެ. އެއީ، ޔުނައިޓެޑްގެ ދަނޑުގައި ބިލްބާއޯއަށް އެ ޓީމުގެ ހަތަރު ލަނޑުގެ ފަރާތުން ބަލުކުރުންވީ ވަރަށް އުނދަގޫ މަސައްކަތަކަށެވެ.
މީގެ އިތުރުން، ޔޫރޮޕާ މުބާރާތުގެ ޗެމްޕިއަން ޓީމަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބޭތީ މި ކާމިޔާބީއާ އެކު އެ ޓީމުގެ ސަޕޯޓަރުން ލީގުގެ ނަތީޖާއަށް ބަލާ އުންމީދު ދޫކޮށްލާފައިވާ ޗެމްޕިއަންސް ލީގަށް ކުރާ އުންމީދު ވެސް މިވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފައެވެ. ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ޓޮޓްނަމް ހޮޓްސްޕާއިން ރަނގަޅު ކުޅުމެއް ދައްކަމުންދާތީ ފަހަރުގައި މިމުބާރާތުގެ ފައިނަލްގައި އިންގްލަންޑްގެ ދެ ޓީމު ބައްދަލުކުރާތަން ފެނިގެންދިއުމަކީ ވެސް ގާތް ކަމެކެވެ.